ދިވެހިރާއްޖޭގެ ކޯޓުތަކުގެ ބެލެނިވެރި ފަރާތް، ޖުޑީޝަލް ސާވިސް ކޮމިޝަން، (ޖޭއެސްސީ) އިން އުޅެނީ ރާއްޖޭގެ ޝަރުޢީ ކަންކަމުގެ ތެރެއަށް އަތްބާނަންވެގެން ކަމަށް ޑރ. ޖަމީލު ތުހުމަތުކުރައްވައިފިއެވެ.

ނިމިދިޔަ ރައީސް ޔާމީން ސަރުކާރުގެ ފުރަތަމަ ނައިބު ރައީސް ކަން ކުރެއްވި ޑރ. ޖަމީލު މިގޮތަށް ވިދާޅުވެފައިވަނީ މިއަދު އެމަނިކުފާނު ކުރެއްވި ޓުވީޓެއްގައެވެ.

ޑރ. ޖަމީލު ޖޭއެސްސީއަށް ތުހުމަތުތަކެއް ކޮށްފައިވަނީ ދާދިފަހުން ދިވެހިރާއްޖޭގެ ބަންޑާރަ ނައިބުގެ އޮފީހުގެ ފަރާތުން ޝަރުޢީ ދާއިރާއާއި ގުޅޭގޮތުން ދިރާސާއެއްކޮށް، އެ ދިރާސާގެ އަލީގައި ޝަރުޢީ ދާއިރާގައި ރަނގަޅުކުރަންޖެހޭ ކަންތައްތަކާ ބެހޭ ރިޕޯޓެއް ތައްޔާރުކޮށްފައިވާ ދަނޑިވަޅެއްގައެވެ. ބަންޑާރަ ނައިބުގެ އޮފީހުގެ ފަރާތުން އެސެސްމެންޓު ހެދުމަށް އައްޔަން ކުރެއްވީ ދެކުނު އެފްރިކާގެ ޔޮހަން ކްރީގްލަރ ނަމަކަށް ކިޔާ ކުރީގެ ފަނޑިޔާރެކެވެ.

ޑރ. ޖަމީލު ވިދާޅުވީ ޖުޑިޝަރީއާ ބެހޭ ރިޕޯޓަކީ ޖޭއެސްސީން ޖުޑިޝަރީއަށް އަތް ބާނަން ދޭ ހުއްޖަތެއް ކަމަށާއި، އަދި އެ ރިޕޯޓުގައި ވަނީ އެންމެ ކަމައް ކަމަށެވެ. އެއީ ފަނޑިޔާރުން ވަކިކުރުން ކަމަށް ޑރ. ޖަމީލު ދެކެއެވެ.

ކުރީގެ ނައިބު ރައީސް ޑރ. ޖަމީލް ވަނީ ރާއްޖޭގެ ޝަރުޢީ ދާއިރާއިން ކްރިގްލަރ އަށް ފެނުނު ހަމައެކަނި ރަނގަޅު ޢަމަލަކީ ރައީސް ނަޝީދުގެ ހުކުމް ބާތިލްކުރުންތޯ އާއި އަދި ޖޭއެސްސީގައި އޮތް ސިޔާސީ ނުފޫޒް އޭނާއަށް މައްސަލައަކަށް ނުވީ ކީއްވެތޯ ސުވާލުއުފައްދާފައެވެ.

ބަންޑާރަ ނައިބުގެ އޮފީހުން މަޢުލޫމާތު ދޭ ގޮތުގައި ކްރީގްލަރ ވަނީ ޝަރުޢީ ދާއިރާއާއި ގުޅުންހުރި ޤާނޫނުތަކަށާއި، އެ ޤާނޫނުތައް ތަންފީޒުކުރުމުގައި ހުރި ގޮންޖެހުންތައް ދިރާސާކޮށް، އެ ދާއިރާގެ އޮނިގަނޑުތައް އެކެލަވާލެވިފައިވާ ގޮތަށާއި، ފަނޑިޔާރުން އައްޔަން ކުރުމާއި، ވަކިކުރުމުގެ ނިޒާމު މުރާޖަޢާ ކުރުމާ ގުޅޭގޮތުން ރާއްޖޭގެ މަދަނީ ޖަމިއްޔާތަކާއި، ސިޔާސީ ފަރާތްތަކާއި، އަދި އެނޫންވެސް ކަމާބެހޭ ފަރާތްތަކާ މަޝްވަރާކޮށް އެ ދިރާސާގެ ނަތީޖާގެ މައްޗަށް ބިނާކޮށް ރިޕޯޓެއް ތައްޔާރުކޮށް ސަރުކާރަށް ހުށަހަޅާފައެވެ.