ދައުލަތުން 2020 ވަނަ އަހަރަށް ލަފާ ކުރާ ބަޖެޓް މިމަހުގެ ފަހު ހަފްތާގެ ތެރޭގައި ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް ނިންމާފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

ފިނޭންންސް މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވީ، 2020 ވަނަ އަހަރަށް ދައުލަތުން ލަފާކުރާ ބަޖެޓް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް އެ މިނިސްޓްރީން ކުރަންޖެހޭ މަސައްކަތުގެ ބޮޑުބައި ނިމި ބަޖެޓް އެކުލަވާލުމުގެ މަސައްކަތް މިހާރު ކުރަމުންދާކަމަށެވެ.

މީގެ އިތުރުން ބަޖެޓެއް ތައްޔާރު ކުރުމުގެ ކުރިން ދައުލަތުގެ އެކި މުއައްސަސާތަކާއި މުޒާރާތަކައި ބައްދަލުކޮށް ބަޖެޓްގެ ދަތިކަން އެފަރާތްތަކަށް އޮތް މިންވަރު އޮޅުންފިލުވަ 2020 އަހަރަށް ބޭނުންވާ ބަޖެޓްގެ މައުލޫމާތު އޮޅުންފިލުވާފައިވާ ކަމަށްވެސް ވިދާޅުވިއެވެ.

ބަޖެޓް ހުށަހެޅުމުގެ އެންމެ ފަހު ތާރީޙަކީ މިމަހުގެ 31 އެވެ. އެހެންކަމުން މިހާރު ކުރިއަށްދަނީ ބަޖެޓް މަޖިލީހަށް ހުށަހެޅުމުގެ ކުރިން ކުރަންޖެހޭ ފަހުގެ މަސައްކަތްތަކެވެ.

ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވިދާޅުވެފައިވަނީ މިއަންނަ އަހަރުގެ ބަޖެޓްގައި ސަރުކާރުން ހުށަހަޅުއްވާފައިވާ މެނިފެސްޓޯގައިވާ ކަންކަން ތަންފީޒުކުރުމާއި ސަރުކާރުގެ ވުޒާރާތަކުގެ އިންފްރާސްޓްރަކްޗައަށް ހައްލުތަކެއް ހޯދުމަށް އިސްކަމެއް ދެއްވާފައިވާނެ ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީންވެސް ވަނީ ފިނޭންސް މިނިސްޓްރީން ބަޖެޓްގެ ކަންތައް ކުރައްވަމުންދާއިރު ދައުލަތުގެ މިނިވަން މުއައްސަސާތަކާއި ބައްދަލުކުރައްވައި، ބަޖެޓްގެ ހުރި ދަތިތައް އޮޅުންފިލުވާފައެވެ.

ފިނޭންސް މިނިސްޓްރީން އަންނަ އަހަރުގެ ބަޖެޓް މަޖިލީހަށް ފޮނުވަން ތައްޔާރުވަމުންދާއިރު، އޮގަސްޓް މަހުގެ ތެރޭގައިވަނީ 1.7 ބިލިޔަން ރުފިޔާގެ ސަޕްލިމަންޓްރީ ބަޖެޓެއްވެސް މަޖިލީހުން ފާސްކޮށްފައެވެ.