ދިވެހި ސަރުކާރުގެ ސިއްޙީ ވަޢުދުތަކުގެ ތެރޭގައި ހިމެނޭ "ޤައުމީ އެމްބިއުލާންސް ޙިދުމަތް" ރާއްޖޭގެ ހުރިހާ ރަށަކަށް ފޯރުކޮށްދިނުމުގެ އަމާޒުގެ ދަށުން 25 ރަށަކަށް އެމްބިއުލާންސު ހަވާލުކޮށްފިއެވެ.

މިއަދު ހަވީރު ޖުމްހޫރީ މައިދާން ސަރަޙައްދުގައި ބޭއްވި ޙާއްސަ ރަސްމިއްޔާތެއްގައި މި އެމްބިއުލާންސްތައް ރަށްރަށާއި، ހަވާލުކޮށްދީފައިވަނީ ދިވެހިރާއްޖޭގެ ސިއްހަތާބެހޭ ވަޒީރު، އަބްދުﷲ އަމީނުއެވެ. މިއަދު ހަވާލުކުރި އެމްބިއުލާންސްތަކުގެ ތެރެއިން ޖަޕާނު ސަރުކާރުގެ ހިލޭ އެހީގެ ދަށުން ރާއްޖެއަށް ހަދިޔާކޮށްދެއްވާފައިވާ 21 ޕެރަމެޑިކް އެމްބިއުލާންސް ވެސް ހިމެނެއެވެ. އެ އެމްބިއުލާންސްތައް ސަރުކާރާ ހަވާލުކޮށްދެއްވީ ޖަޕާނުގެ ފަރާތުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކެއިކޯ ޔަނާއީއެވެ.

މިއަދުގެ ރަސްމިއްޔާތުގައި އެމްބިއުލާންސް ހަވާލުކުރެވުނު ރަށްތަކުގެ ތެރޭގައި މީގެ ކުރިން އެމްބިއުލާންސްގެ ޙިދުމަތް ނުލިބޭ ހަތަރު ރަށަކަށްވެސް ވަނީ އަލަށް އެމްބިއުލާންސް ހަވާލުކޮށްފައެވެ.

މި ރަސްމިއްޔާތުގައި ރާއްޖޭގެ ސިއްހަތާ ބެހޭ ވަޒީރު އަމީނު ދެއްކެވި ވާހަކަފުޅުގައި ވަނީ އެމްބިއުލާންސްތައް ހަދިޔާ ކޮށްދެއްވީތީ ޖަޕާނު ސަރުކާރަށް ޝުކުރު ދަންނަވާފައެވެ. އަދި މިއަދު ހަވާލުކުރެވުނު އެމްބިއުލާންސްތަކުގެ ސަބަބުން އެމަޖެންސީ ހާލަތްތަކާއި، ކުއްލި ކާރިސާތަކުގެ ވަގުތުތަކުގައި ބަލިމީހުންނަށް ފޯރުކޮށްދޭންޖެހޭ ސިއްހީ ފަރުވާ އަވަސް ވެގެން ދާނެ ކަމަށް ހެލްތު މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވަނީ އެމްބިއުލާންސްގެ ޙިދުމަތް އެކަށީގެންވާ ގޮތަށް ބޭނުންކުރުމުގެ ގޮތުން މުވައްޒަފުން ތަމްރީނު ކުރުމުގެ މަސައްކަތް ކުރިއަށް ގެންދަވާނެ ކަމަށް ވިދާޅުވެފައެވެ. އަދި މިއަހަރުގެ ތެރޭގައި ހުރިހާ ރަށެއްގައި އެމްބިއުލާންސްގެ ޚިދުމަތް އެކަށީގެންވާ ގޮތެއްގައި ފޯރުކޯށްދިނުމުގެ މަސައްކަތްކޮށް ނިންމާލެވޭނެ ކަމަށް ފާހަގަކުރެއްވިއެވެ.

ކައިރި މުސްތަޤުބަލެއްގެ ތެރޭގައި އަދި އިތުރު 26 ރަށަކަށް އެމްބިއުލާންސް ހަވާލުކުރުމަށް ހަމަޖެހިފައިވާ ކަމަށް ސިއްހީ ވުޒާރާގެ ފަރާތުން މަޢުލޫމާތު ދީފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

 1. ޢެދުރުބެ

  21 އެންބިއުލާސް 25 ރަށަކައް ، އަ ރަތެއް ދޯ

  19
 2. ބަރާބަރު

  ޝުކުރިއްޔާ ރަޢީސް ޔާމިން. މަނިކްފާނު ހޯދައި ދެއްވި އެހީ

  28
  2
 3. ހަސަނުބޭ

  ސުކުރިއްޔާ ރައީސްޔާމީން ތިޔައީ ރައީސްޔާމީންގެ ބުރަމަސައްކަތް އަމީން އެންޑް މިސަރުކާރުން ފޮނިކޮޅުބޯލާފަ ރިބަންކަނޑާލަނީ އެހެންވެގެންނޭ މިބުނަނީ ރައީސްޔާމިީން ވަރެއްނެތޭ ހަމަ ސުކުރިއްޔާ

 4. ބަކުރު

  21 އެންބިއުލާސް 25 ރަށަކައް ، އަ ރަތަކަށް ވޭތަ؟ ބޮލެއް ނެތްދޯ.. ޝެއަރ ކުރާގަށް ވެސް އެ ބަހާލެވިދާނެ.

 5. ސިޔާމޮ

  ސާބަހޭ ރައީސް ޔާމީން ގެ ޒަޢާމަތުގައި ހޯދައްވައި ދެއްވި އެންބިއުލާސް މި ސަރުކާރުން ރަށް ރަށަށް ފޯރު ކޮށްދެއްވީތީ ރައީސް އިބޫ އަށް ޝުކުރިއްޔާ

  7
  1