ސަރުކާރުގެ ސްޓްރެޓީޖިކް އެކްޝަން ޕްލޭންގައި ހިމެނޭ ފޮރިން ސަރވިސްގެ ބިލާއި ބެހޭ ގޮތުން މިނިސްޓަރ އޮފް ފޮރިން އެފެއަރޒް އަބްދުﷲ ޝާހިދު، ފޮރިން މިނިސްޓްރީގެ އިސްވެރިންނާއިއެކު މަޝްވަރާކުރައްވައިފިއެވެ.

މި ބައްދަލުވުން ކުރިއަށް ގޮސްފައިވަނީ މިއަދުއެވެ. މި ބައްދަލުވުމުގައި މިހާރު ޑްރާފްޓްކޮށްފައިވާ ފޮރިން ސަރވިސްގެ ބިލާއި ބެހޭ ގޮތުން މިނިސްޓްރީ އޮފް ފޮރިން އެފެއަރޒްގެ އިސްވެރިންގެ މެދުގައި މަޝްވަރާކޮށް، އިތުރަށް ގެންނަން ފެންނަ ބަދަލުތަކާއި ބެހޭ ގޮތުން މިނިސްޓަރަށް ލަފާ ވަނީ އަރުވާފައެވެ.

ފޮރިން ސަރވިސްގެ ޤާނޫނެއް އެކުލަވާލައި، ދައުލަތުގެ ވަކި ސަރވިސްގެ އެއްގެ ގޮތުގައި ފޮރިން ސަރވިސް އޮތުމުގެ ބޭނުމަކީ ކުރިއަރާފައިވާ އެހެން ޤައުމުތަކުގައި އޮންނަފަދަ ޕްރޮފެޝަނަލް ފޮރިން ސަރވިސްއެއް އެކުލަވާލައި، ސަރވިސްގައި މަސައްކަތްކުރާ މުވައްޒަފުންނަކީ ޤާބިލް ބަޔަކަށް ހެދުން ކަމަށް ފޮރިން މިނިސްޓްރީން ވިދާޅުވިއެވެ.

އަދި ޚާރިޖީ ސިޔާސަތު މެދުވެރިކޮށް ދިވެހިރާއްޖޭގެ މިނިވަންކަމާއި، ސަރަހައްދުގެ ރައްކާތެރިކަން ދެމެހެއްޓުމުގަޔާއި، ބައިނަލްއަޤްވާމީ މުޖްތަމައުގައި ދިވެހިރާއްޖޭގެ ޤައުމީ ސިޔާދަތަށް އިހްތިރާމްކުރުން އިތުރުކުރުމުގެ މަސައްކަތަށް، ވަކިން އުފެދިފައިވާ ފޮރިން ސަރވިސްއެއް އޮތުން ކަމަށް ވެސް މިނިސްޓްރީން ވިދާޅުވިއެވެ.

ޕްރޮފެޝަނަލް ފޮރިން ސަރވިސްއެއް އެކުލަވާލުމުގެ މަސައްކަތަކީ ދިވެހިރާއްޖޭގެ ކުރީގެ ފޮރިން މިނިސްޓަރ އަލްމަރްޙޫމް އަލްއުސްތާޛް ފަތުހުﷲ ޖަމީލް 1990 ވަނަ އަހަރު ފެއްޓެވި މަސައްކަތްޕުޅެކެވެ. އަދި އޭގެ ފަހުން، އެކި ސަރުކާރުތަކުން އެކި ފަހަރުމަތިން ފޮރިން ސަރވިސް ޤާނޫނެއް އެކުލަވާލުމުގެ މަސައްކަތް ކުރައްވާފައިވެއެވެ.