އިސްލާމީ މަރުކަޒުގެ ސާފުތާހެރިކުރަން ތިބޭ މަސައްކަތު މުވައްޒަފުން ކިޔަވަން ފޮނުވުމަށް ފަހު މިނިސްޓްރީގެ ވެރިން މިސްކިތް ސާފުކުރަން ނިކުމެއްޖެއެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ މިސްކިތް ސާފުކުރުމުގެ މަސައްކަތަށް ވެރިން ނުކުތީ އެ މިނިސްޓްރީގެ ރެކްރިއޭޝަން ކްލަބުން މަސައްކަތު މީހުންނަށް ހާއްސަ ތަމްރީނު ޕްރޮގްރާމެއް ހިންގާތީ، އެ ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުސަތު ދިނުމަށް ކަމަށެވެ.

އަދި ސާފު ކުރަމުން އެ މުވައްޒަފުންނަށް ވޯކްޝޮޕްގައި ހަރަކާތްތެރި ނުވެނޭނެތީ ވެރިން މަސައްކަތާއި ހަވާލު ވީ ކަމަށްވެސް މިނިސްޓްރީން ފާހަގަ ކޮށްފައިވެއެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ، ވެރިންނާއި އިދާރީ މުވައްޒަފުން ގުޅިގެން 24 ގަޑިއިރު ވަންދެން ޑިއުޓީ ބަހައިގެން މިނިސްޓްރީ އާއި އިސްލާމީ މަރުކަޒުުގެ ފޮޅާ ސާފުކުރާނެ ކަށެވެ. މި ހަރަކާތުގައި އިސްލާމިކް މިނިސްޓަރު ޑރ އަހުމަދު ޒާހިރާއި އެމިނިސްޓްރީގެ އެހެން މުވައްޒަފުން ބައިވެރިވެއެވެ.

އިސްލާމިކް މިނިސްޓްރީގެ މަސައްކަތު މުވައްޒަފުންނަށް ހާއްސަކޮށްގެން ކުރިއަށްގެންދާ ވޯކްޝޮޕްގައި މުޅިއަކު 35 މުވައްޒަފުން ބައިވެރިވެފައިވެއެވެ.

މި ވޯކްޝޮޕްގައި ފަސްޓްއެއިޑް އާއި ސިއްހީ އެހެނިހެން މައުލޫމާތު ހިއްސާ ކުރާނެ އެވެ. އަދި މީހުންނާ މުއާމަލާތް ކުރާނެ ރީތި ގޮތްތައް ދަސްކޮށްދޭނެ އެވެ.