އައްޑު ސިޓީ ހިމެނޭ ރަށްތަކަށް ކުރަމުންދާ ވިއްސާރާގައި މިހާތަނަށް 50 ވަރަކަށް ގެ އަށް ފެން ވަދެ އެކި ވަރުގެ ގެއްލުން ވެއްޖެއެވެ.

އައްޑޫ ސިޓީ ކައުންސިލުން ވިދާޅުވި ގޮތުގައި ފެން ވަދެފައިވާ 50 ގޭގެ ތެރެއިން ދެ ގެއެއްގައި މީހުންނަށް ނޫޅެވޭ ވަރަށް ފެންވަދެފައިވާ ކަމަށެވެ. އެހެންކަމުން އެ ގެތަކުގެ މީހުން މިހާރު އެހެން ތަނަކަށް ބަދަލުކޮށްފައިވާ ކަމަށެވެ.

އައްޑޫ ސިޓީގެ ރައްތަކަށް ބޯކޮށް ވާރޭވެހި ފެންބޮޑުވެފައިވާއިރު ފެން ހިންދުމުގެ މަސައްކަތާއި ފެން ވަނަ ނުދިނުމަށް ވެލި ބަސްތާ ޖެހުން ފަދަ މަސައްކަތްތައް އެމްއެންޑީއެފް ސަދަން ކޮމާންޑާއި އައްޑޫގައި ތިބޭ ފުލުހުންނާއި އައްޑޫގެ އެހެން މުއައްސަސާތައް ގުޅިގެން ދަނީ ކުރަމުންނެވެ.

އައްޑޫ ސިޓީ ކައުންސިލުން ބުނިގޮތުގައި، ވިއްސާރައިގައި ލިބުނު ގެއްލުންތަކުގެ މައުލޫމާތު އެއްކުރަމުން އަންނަ ކަމަށާއި ހަމަ އެއާ އެކު، އެކަމާ ބެހޭ މައުލޫމާތު ވެސް އެހެން ފަރާތްތަކަށްވެސް ހިއްސާ ކުރުމަށް އެދޭ ކަމަށެވެ.