އައްޑޫ ސިޓީއަށް އިއްޔެއިން ފަށައިގެން ކުރަމުންދާ ވިއްސާރައިގެ ސަބަބުން މޫސުން ގޯސްވެ ހުއްޓުމެއް ނެތި ބޯކޮށް ވާރޭވެހުމުގެ ސަބަބުން އެ ސިޓީގެ ބައެއް ސަރަޙައްދުތަކުގައި ވަރަށް ބޮޑަށް ފެންބޮޑުވުމުގެ ސަބަބުން، ފެނުގެ އަސަރު ކުރި 140 ގެޔަކަށް ފުލުހުން އެހީތެރިކަން ފޯރުކޮށްދީފިއެވެ.

ފުލުހުން ވިދާޅުވީ، އައްޑޫ ސިޓީ އަށް ކުރަމުންދާ ވިއްސާރައިގައި މިހާތަނަށް ޖުމްލަ 140 ގެޔަކަށް އެހީތެރިކަން ފޯރުކޮށްދީފައިވާއިރު އޭގެތެރޭގައި ހިމެނެނީ ހިތަދޫގެ 44 ގެޔަކާއި މަރަދޫ 4 ގެޔަކާއި މަރަދޫ ފޭދޫ 12 ގެއެއްގެ އިތުރުން ފޭދޫގެ 43 ގެޔަކާއި ހުޅުދޫ 10 ގެއަކާއި މީދޫ 27 ގެއެއް ކަމަށެވެ.

ފުލުހުން ވިދާޅުވީ، މިހާތަނަށް އެހީތެރިކަމަށް އެދިފައިވާ ގެތަކުގެ ތެރެއިން 28 ގެޔަކަށް އެހީތެރިކަން ފޯރުކޮށްނުދެވިވާ ކަމަށެވެ. ނަމަވެސް އެގެތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ފުލުހުން އަވަދިނެތި މަސައްކަތް ކުރަމުންދާ ކަމަށް ފުލުހުން ވިދާޅުވިއެވެ.

އައްޑޫ ސިޓީގެ ބޮޑު ބައެއްގައި މިއަދު ފެންބޮޑުވެ ގެތަކަށް ފެނުގެ އަސަރު ކުރުމާއި ގުޅިގެން ފުލުހުން ވަނީ އެހީތެރިކަމަށް ބޭނުންވާ ފަރާތްތަކަށް ޚާއްސަ ހޮޓްލައިންތަކެއްވެސް ހުޅުވާލާފައެވެ. އޭގެތެރޭގައި ހިމެނެނީ ހިތަދޫ ޕޮލިސްގެ ހޮޓްލައިން 9791612 އާއި 6888825، ހުޅުމީދޫ ޕޮލިސްގެ ހޮޓްލައިން 9791366 އާއި، ގަމު ޕޮލިސް ހޮޓްލައިން 9792058 އާއި 6898026 އެވެ.

މިއަދު އައްޑޫގެ އެކި ސަރަޙައްދުތަކުގައި ވަރަށް ބޮޑަށް ފެންބޮޑުވެފައި ވާއިރު، މަގުތަކުގައި ޕަމްޕު ޖަހައިގެން ފެން ހިއްކުމުގެ މަސައްކަތްވެސް ކަމާއި ބެހޭ ފަރާތްތަކުން ދަނީ ހުއްޓުމެއް ނެތި ކުރަމުންނެވެ. މި މަސައްކަތުގައި ސިފައިންނާއި ދިވެހި ރެޑްކްރެސެންޓުގެ އިތުރުން އާންމު ފަރާތްތަކާއި ފުލުހުން ދަނީ ބައިވެރިވަމުންނެވެ.