ސޮނީ ސްޕޯޓްސް ފިހާރައެއް ފަޅާލައި، އެތަނުން ވައްކަން ކުރަން އުޅުނުބަޔަކު، ފުލުހުން ހައްޔަރުކޮށްފިއެވެ.

ފުލުހުން ވިދާޅުވީ، ރޭ 04:00 ހާއިރު ސޮނީ ސްޕޯޓްސް ފިހާރަ ހުންނަ ގޭގެ ދޮރު ހަލާކުކޮށްލައިގެން އެ ފިހާރައިން ބަޔަކު ވައްކަން ކުރަން އުޅޭކަމުގެ މަޢުލޫމާތު ފުލުހުންނަށް ލިބިފައިވާކަމަށެވެ. މި މަޢުލޫމާތު ފުލުހުންނަށް ލިބުމާއެކު ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި އެސަރަހައްދަށް ގޮސް ސޮނީ ސްޕޯޓްސް ފިހާރަ ހުންނަ ގޭގެ ގްރައުންޑް ފްލޯއިން ދެމީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންސްފައިވާ ކަމަށާއި، މި ދެމީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންނަން އުޅުމުން އެތަނުން އެކަކު ފުލުހެއްގެ ގައިގައި ޖަހައި މާރާމާރީ ހިންގާފައިވާ ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.

ފުލުހުން އިތުރަށް މަޢުލޫމާތު ދެމުން ވިދާޅުވީ މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ އުމުރުން 18 އަހަރުގެ ދިވެހި ފިރިހެނަކާއި، 18 އަހަރުން ދަށުގެ ކުޑަކުއްޖެކެވެ. އެ ދެމީހުން ސައިކަލް ބަލާ ޗެކްކުރިއިރު، ސައިކަލުގެ ނަންބޯޑުގައި ޓޭޕް އަޅާ ފޮރުވާފައިވާ ކަމަށާއި، އިތުރަށް ބެލި ބެލުމުން އެއީ ވަގަށް ނަގާފައިވާ ސައިކަލެއް ކަން އެނގުމުން ސައިކަލް ޓޯކޮށްފައިވާ ކަމަށްވެސް ފުލުހުން ވަނީ ވިދާޅުވެފައެވެ.

މި ދެމީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނައިއިރު އެތަނުން އެކަކު ހުރީ ކާކުކަން ނޭނގޭގޮތަށް މޫނު ފޮރުވައިގެންނެވެ. އަދި އެ ފިހާރައިގެ ދޮރު ހަލާކުކޮށްލުމަށް ބޭނުންކުރި ކަމަށް ތުހުމަތުކުރެވޭ އާލާތްތަކެއް އެތަނުން ފެނިފައިވެއެވެ.

މި މައްސަލަ މިހާރު ގެންދަނީ މޯލްޑިވްސް ޕޮލިސް ސަރވިސް އިން ތަޙްޤީޤު ކުރަމުންނެވެ.