ޖަޕާނަށް އެރި ބާރުގަދަ ތޫފާނުގައި އެއްވެސް ދިވެއްސަކަށް ގެއްލުން ލިބިފައިި ނުވާ ކަމަށާއި އެ ގައުމުގައި ދިރިއުޅޭ ދިވެހިންގެ ހާލު ރަނގަޅު ކަމަށް ރާއްޖޭގެ ފޮރިން މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

ޖަޕާނަށް އެރި ތޫފާނުގެ ސަބަބުން އެ ގައުމުގެ ބައެއް ސިޓީތަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައި ވީއިރު ހޮނުއެޅުމުގެ ސަބަބުން އެކި މީހުންނަށް އެކި ވަރުގެ އަނިޔާއާއި ގެއްލުންތައް ވަނީ ކުރިމަތިވެފަ އެވެ.މީގެ އިތުރުން މަގުތަކުގައި ފެންބޮޑުވެ ގިނަ ބަޔެއްގެ މުދަލަށްވެސް ވަނީ އެކި ވަރުގެ ގެއްލުންތައް ލިބިފައެވެ.

މި ހާދިސާއާއި ގުޅިގެން ރާއްޖޭގެ ފޮރިން މިނިސްޓްރީން ވިދާޅުވީ، ޖަޕާންގެ ދިރިއުޅޭ ދިވެހިންގެ ހާލު ވަރަށް ގާތުން ބަލަމުންދާ ކަމަށާއި ހުރިހާ ދިވެހިންގެ ހާލުވެސް މިވަގުތު ރަނގަޅު ކަމަށެވެ.

މި ތޫފާނުގައި އެތައް ބައެއްގެ ގެދޮރަށް ލިބުނު ގެއްލުންތަކާއި، ގުޅިގެން އެތައް ލައްކަ ބަޔަކު ވަނީ ރައްކާތެރި ސަރަހައްދުތަކަށް ބަދަލުކުރަންޖެހިފަ އެވެ. އަދި މި ބާރުގަދަ ތޫފާނުގައި ދެ މީހަކު މިހާތަނަށް މަރުވެފެައެވވެ.

މި ހާދިސާގައިލިބުނު ގެއްލުންތަކާއި ގުޅިގެން އެކަމުގެ ހިތާމައިގައި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވަނީ ޖަޕާނުގެ ފޮރިން މިނިސްޓަރު ޓޮޝިމިޓްސޫ މޮޓެގީއަށް ހަމްދަރުދީގެ މެސެޖެއް ފޮނުއްވާފަ އެވެ. މި މެސެޖުގައި މަރުވެފައިވާ މީހުންގެ އާއިލާތަކަށް ތައުޒިއްޔާ ކިޔާފައި ވާއިރު ޖަޕާނަށް ލިބިފައިވާ ގެއްލުންތަކާއި މެދު ހިތާމަ ކުރާކަން ވަނީ ފާހަގަކުރައްވާފައެވެ. އަދި މިހިތާމަވެރި ދަނޑިވަޅުގައި ޖަޕާނުގެ ރައްޔިތުންނާއި ސަރުކާރާއިއެކު ދިވެހިން ތިބިކަމަށްވެސް ވިދާޅުވެފައިވެއެވެ.

އަދި ތޫފާނުގެ ސަބަބުން ލިބުނު ގެއްލުންތަކުން އަރައިގަތުމަށް ކުރަމުންދާ މަސައްކަތަށް ކާމިޔާބީއަށް އެދިވަޑައިގަންނަވާ ކަމަށްވެސް ޝާހިދުގެ މެސެޖްގައި ވަނީ ވިދާޅުވެފަވެއެވެ.