ފުލުހުންގެ ޤާނޫނަށް އިސްލާހު ގެނައުމަށް ބޭއްްވި ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ބާރުތަކުގެ ކޮމެޓީ ސިއްރުކުރަން ނިންމައިފިއެވެ.

ފުލުހުންގެ ގާނޫނަށް ހުށަހެޅުމަށް ނިންމާފައިވާ އިސްލާހުތަކާ ގުޅިގެން މަޖިލީހުގެ ގައުމީ ސަލާމަތަ ބެހޭ ކޮމެޓީ އިން ބޭއްވުމަށް ހަމަޖެހިފައިވާ ސަބްކޮމެޓީ ބައްދަލުވުންތައް ވަނީ ސިއްރުކުރަން ނިންމާފައެވެ. އެ ކޮމެޓީ ޗެއާ ކުރެއްވުމަށް ހަމަޖެހިފައި ވަނީ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފެވެ.

އޭނާ ވިދާޅުވީ އެ ކޮމެޓީ ސިއްރުކުރަން ނިންމާފައި ވަނީ، މީޑިއާތަކާށާއި އެނޫންވެސް ތަންތަނަށް ހާމަކުރަން ނުޖެހޭފަދަ މައުލޫމާތު އެކޮމެޓީގައި ހިއްސާކުރުމަށް ހަމަޖެހިފައި ވާތީކަމަށެވެ.

މިއަދު ބޭއްވުމަށް ހަމަޖެހިފައިވާ ބައްދަލުވުމުގައި ހޯމް މިނިސްޓްރީ، ކަރެކްޝަނަލް ސާވިސް، އެމްއެންޑީއެފް، ޕްރޮސިކިއުޓަރ ޖެނެރަލް އޮފީސް އަދި ނެޝަނަލް އިންޓަގްރިޓީ ކޮމިޝަންގެ އިތުރުން ލޯކަލް ގަވަރމެންޓް އޮތޯރިޓީ އިން ވަނީ ބައިވެރިވުމަށް ހަމަޖެހިފައެވެ.

ފުލުހުންގެ ގާނޫނަށް އިސްލާހު ގެނައުމަށް ކޮމެޓީގައި މަޝްވަރާކުރުމަށް ހަމަޖެހިފައިވާއިރު، ފުލުހުންގެ ގާނޫނަށް ބޮޑެތި ބަދަލުތަކެއް ގެނައުމަށް މިހާރު ވަނީ ނިންމާފައެވެ. އެގޮތުން ޓެރަރިޒަމް މަނާ ކުރާ ގާނޫނުގެ ތެރެއިން ކޯޓުއަމުރަކާ ނުލައި މީހުން ހައްޔަރު ކުރުމާއި ތަންތަން ބަލައި ފާސްކުރަން ހުއްދަދިނުން ހިމެނެއެވެ.