އިންޑިއާއިން ރާއްޖެއަށް އެތެރެކުރަމުންދާ ފިޔާ އެތެރެކުރުން މެދުކަނޑައި ނުލާނެ ކަމަށް ރާއްޖޭގައި ހުންނަ އިންޑިއާގެ އެމްބަސީ އިން ވިދާޅުވެއްޖެއެވެ.

އެ އެމްބަސީ އިން ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައި ވަނީ، ދިމާވެފައިވާ މައްސަލައެއްގެ ސަބަބުން އަވައްޓެރި ދެކުނު އޭޝިއާ ބައްރުގެ ބައެއް ގައުމުތަކަށް ފިޔާ އެކްސްޕޯޓުކުރުން މިހާރު ހުއްޓާލައިފައިވާ ކަމަށާއި އެހެން ނަމަވެސް ރާއްޖެއަށް އެތެރެކުރަމުންދާ ފިޔާ މެދުނުކެނޑި އެތެރެކުރަމުން ދާނެ ކަމަށެވެ. އިންޑިއާ އެމްބަސީގެ ނޫސްބަޔާނުގައި ބުނެފައި ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އިންޑިއާއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން، ރާއްޖެއަށް ބޭނުންވާ ޒަރޫރީ ތެރޭގައި ހިމެނޭ، ފިޔާ، ހިލައާއި ހިލެވެލި މެދުކެނޑުމަކާ ނުލައި އެތެރެ ކުރުމަށް އިންޑިއާއިން ވަނީ އެއްބަސްވެފައި ކަމަށެވެ.

އަދި މިމަހުގެ 10 ވަނަ ދުވަހާއި ހަމަޔަށް ފިޔާ އެތެރެކުރުން މަޑުޖެހިފައި ވަނީ ކުއްލިޔަކަށް ގިނަ ގައުމުތަކަކަށް ފިޔާ އެތެރެކުރުން ހުއްޓައިލުމާ ގުޅިގެން ދިމާވި މައްސަލަތަކެއްގެ ސަބަބުން ކަމަށް އެމްބަސީ އިން ހާމަކޮށްފައި ވެއެވެ.

މީގެ އިތުރުން ފިޔައި އެކްސްޕޯޓު ކުރުމަށް ދިމާވި ދަތިތަކަކީ މި ދެގައުމުގެ ގުޅުން ހީނަރުވުމުން ދިމާވި ކަމެއްކަމަށް ރައްދު ދީ އެ އެމްބަސީ އިން ބުނެފައި ވަނީ އެފަދަ އެއްވެސް ހާރިޖީ މައްސަލައެއް މި ދެގައުމުގެ ދެމެދުގައި ޖެހިފައި ނުވާކަމަށެވެ.

ރާއްޖެއަށް އިންޑިއާއިން ފިޔާ އެތެރެކުރުމުގައި ދިމާވި މައްސަލަ ތަކުގެ ސަބަބުން، ބާޒާރުގައި 300 ރުފިޔާއާ ހަމަޔަށް އަގުހުރި ފިޔައި ބަސްތާގެ އަގު ވަނީ 1000 ރުފިޔާއަށް އުފުލިގެން ދިޔަ އެވެ. އަދި ފިޔައި ކިލޯއެއްގެ އަގު 35 ރުފިއާއާއި 50 ރުފިޔާއާ ދެމެދުގެ އަގުތަަކަކަށް އުފުލިގެން ދިޔާ އެވެ.

މިދިޔަ ހަފްތާ ތެރޭގައި ރާއްޖޭގެ ބާޒާރުން ފިޔާ ހުސްވެދާނެ ކަމުގެ ބިރު ވެސް ވަނީ ހީވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

 1. ރަނާ / މާލެ

  ރައީސް ޔާމީންގެ ވެރިކަމުގައި އެއްފަހަރު 600 ރުފިޔާއަށް ފިޔައި ބަސްތާއެއްގެ އަގު އެރުމުން ތެޅިބޭލި މީހުންގެ އަތަށް މިއޮތީ ގޮވާފަ ! 1000 ރުފިޔާއަށްވެސް ބަސްދާއެއް ނުލިބޭ! ޢިބްރަތް ޙާޞިލުކުރޭ!

  11
 2. ޖާޒީރާ ބޯއީ

  ބަލަގަ އަހަރުމެނެއް ނޫޅެމޭ ތިޔަހާވަރަކަށް ތިޔަ ފިޔާ ހޯދާކަށް ހޭދެބައިވެގެނެއް. އިންޑިޔާއިން ފިޔާ އެތެރެކުރަނީކީ ދިވެހިން ބޭނުންވެގެނެއްނޫން އިންޑިޔާގެ ވިޔަފާރީ ރާއްޖޭގައި ކުރުމަށް ހިންގާ ޖަރީމާއެއްތީވެސް. ދިވެހިން ބޭނުން ނުކުރިޔަސް ހިލޭވެސް ގެންނާނެ. އޭގެ ފަހަތުގައި ފޮރުވިފައިވާ ވިޔަފާރީ މާބޮޑު.

 3. ޒާ

  ފިޔާ ސްކޯރުގެ ތަޅުދަނޑި އޮތީ އިންޑިއާއަތުގައި. އެއީ އަމިއްލައަށް ދިވެހިން ހޯދައިގަތް ދެރައެއް. ދެން ތިބެންޖެހޭނީ އިންޑިއާ ދިނިއްޔާ ކައިގެން ނުދިނިއްޔާ ނުކައި. މީ ދިވެހިން އުޅެން ބޭނުންވިގޮތް. މިދުވަސް މާޒީކުރެއްވި ރައީސެއް ރައީސް ޔާމީނުއަކީ. އެކަމަކު އެގޮތް ކަމު ނުގޮސްގެން އިންޑިއާގެ އުނގަށް ވެއްޓިގަތީ.

 4. ާއަލިބެ

  ޢިންޑިޔާ އިން ފިޔާ ދަތި ކޮށްގެން ރާއްޖެއަށް ނުފޫޒު ފޯރުވޭނެ މިންވަރު ދިރާސާ ކުރަނީ. މީއީ ކުރިން އިންޑިޔާ އިން ފިޔާ ދަތި ކުރަން އުޅުމުން އެކަމަށް ސަރުކާރުން އެޅި ފިޔަވަޅެއް ބެލުމަށް ކުރާ ދިރާސާއެއް، އަބަދުވެސް އަޅުވެތި ކުރެވޭނެ ގޮތެއް ރިސަރޗް ކުރުމުގަ. ޢިންޑިޔާގެ ފިޔާ އަށް ޑިޕެންޑް ނުވެވޭނެ ގޮތަކަށް ވިޔަފާރި ވެރިން ވިސްނުން މުހިންމު.

 5. ފިޔާ

  ރާއްޖެއަށް އިންޑިޔާއިން ގެންނަ މުދާ ޒަރޫރިވިއަސް ދަނީ މަދުވަމުން. އަސްލު އިންޑިޔާއިން މުދާގެނައުމަށްވުރެ އެހެންގައުމުތަކުން ރާއްޖެއަށް މުދާގެނައުމުން ޖުމްލަ ރާއްޖެއަށް ފައިދާބޮޑުވާނެ. ސަބަބަކީ ރުފިޔާގެ ހިސާބުން އަގު ހެޔޮވިއަސް މުދަލުގެ ވޭސްޓް ނުވަތަ ހަލާކުވާބައި ބޮޑުވުމުން އަގު މާބޮޑުތަން ބޮޑުވޭ. މިސާލަކަށް އިންޑިޔާއިން ރާއްޖެއަށްގެންނަ ހިލަވެލީގަ ޗަކަ ވަރައްގިނަ އެވެލިބޭނުންކުރީމަ އިމާރާތުގެ މަރާމާތަށް އަބަދު ބޮޑު ޚަރަދުކުރަންޖެހި އުދަގޫތަކާ ކުރިމަތި ވުމުން އެވެލިންހެދި ގޭގެ އަގުދައްވެ ޚަރަދު ބޮޑުވޭ. ބޭހުގެވެސް ހާލަކީ ހަމައެއެއީ.