ދިވެހިރާއްޖޭގެ 'ބާ ކައުންސިލް' އާ ގުޅިގެން ރާއްޖޭގެ ތަޢުލީމީ މުއައްސަސާ އެއް ކަމަށްވާ 'ސައުތް އޭޝިއަން އިންސްޓިޓިއުޓް ފޮ އިސްލާމިކް ފައިނޭންސް' ގެ ފަރާތުން ޤާނޫނީ ވަކީލުންނަށް އިސްލާމިކް ފައިނޭންސް އާ ބެހޭ ޚާއްޞަ ވޯކުޝޮޕެއް ބާއްވަން ހަމަޖައްސައިފިއެވެ.

ބާ ކައުންސިލްގެ ފަރާތުން މިއަދު ވަނީ 'ލީގަލް ޑޮކިއުމެންޓޭޝަން ފޮ އިސްލާމިކް ފައިނޭންޝަލް އިންސްޓްރޫމެންޓްސް' ގެ ނަމުގައި މި މަހުގެ 19 އިން 20 އަށް، 2 ދުވަހުގެ ވޯކްޝޮޕެއް ކުރިއަށް ގެންދަަން ނިންމާފައިވާކަން އިޢުލާންކޮށްފައެވެ. އެ ވޯކްޝޮޕްގައި ބައިވެރިވުމުގެ ފުރުސަތު ރާއްޖޭގައި މަސައްކަތް ކުރާ ޤާނޫނީ ވަކީލުންނަށް ވަނީ ހުޅުވާލާފައެވެ.

އެ ވޯކްޝޮޕްގެ ފެސިލިޓޭޓަރުންގެ ގޮތުން ބައިވެރިންނަށް މަޢުލޫމާތު ދެއްވާނީ ޤާނޫނީ ދާއިރާގައާއި، އިސްލާމިކް ފައިނޭންސް ރޮނގުން ރާއްޖޭގެ ތަޢުލީމީ، ތަޖުރިބާކާރު ބޭފުޅުން ކަމަށްވާ ޑރ. މުހައްމަދު އިބްރާހީމް، އަބްދުލްރަހްމާން ހުސައިން އަދި އަލީ މުނައްވަރު އެވެ.

ވޯކްޝޮޕްގައި ބައިވެރިންނަށް އިސްލާމިކް ފައިނޭންސް އާ ގުޅޭ މަޢުލޫމާތުގެ އިތުރުން، ވިޔަފާރި ކޮންޓްރެކްޓް ތަކާއި، ފްރޭމްވޯކް ރެގިއުލޭޓު ކުރުމާ ބެހޭގޮތުންނާއި، އިސްލާމިކް ފައިނޭންސް އާ ބެހޭ ޤާނޫނީ ލިޔެކިޔުންތައް އެކުލަވާލުން ހިމެނެއެވެ.

ބާ ކައުންސިލް އަކީ ރާއްޖޭގެ ޤާނޫނުތަކުން ބާރުލިބިގެން، ޝަރުޢީ ދާއިރާގައި މަސައްކަތް ކުރައްވާ ވަކީލުން ހިމެނޭ މިނިވަން މުއައްސަސާއެކެވެ. މިއަހަރުގެ ޖުލައި މަހުގެ ތެރޭގައި އެ ކައުންސިލަށް ވަނީ މެމްބަރުން ނެގުމަށް ވަކީލުންގެ މެދުގައި އާއްމު ވޯޓެއް ނަގާފައެވެ. އެ ވޯޓުން ކުރި ހޯއްދަވައިގެން، ކައުންސިލްގެ ރައީސްގެ މަގާމު މި ދައުރަށް ފުރުއްވާނީ މަޝްހޫރު ޤާނޫނީ ވަކީލި، މައުމޫން ހަމީދުއެވެ. ނައިބު ރައީސް އަކަށް ހޮވިވަޑައިގަތީ ކުރީގެ ބަންޑާރަ ނައިބު، އަބްދުﷲ މުއިއްޒު އެވެ.