ވަގަށް ނެގުމަށްފަހު، މަރާލާފައިވާ ނޫސްވެރިޔާ އަޙްމަދު ރިލްވާންގެ މަރުގެ މައްސަލައިގައި ނެޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ) ގެ މެމްބަރުންނާއެކު ރައްޔިތުންގެ މަޖިލީހުގެ ގައުމީ ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމެޓީން މިއަދު ކުރިއަށް ގެންދާ ބައްދަލުވުން ސިއްރު ކޮށްފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީން އެންއައިސީގެ މެމްބަރުންނާ ބައްދަލުކުރަން ނިންމާފައިވަނީ ރިލްވާން ވަގަށް ނެގި މައްސަލާގައި ފުލުހުންގެ އިހުމާލެއް ނެތް ކަމަށް އެ ކޮމިޝަނުން ބުނެފައިވާތީ އެކަމުގެ ތަފްސީލު ހޯދުމަށެވެ.

ރިލްވާނުގެ އާއިލާއިން 2014 ވަނަ އަހަރުގެ އޮކްޓޯބަރ މަހުގެ 29 ވަނަ ދުވަހު އެންއައިސީއަށް ހުށައެޅި މި މައްސަލައިގެ ޖަވާބު ދެމުން އެންއައިސީން ބުނެފައިވަނީ އެ މައްސަލަ ބަލައި ތަހުގީގުކުރުމުގައި ފުލުހުންގެ ފަރާތުން އެއްވެސް އިހުމާލެއް ވެފައިވާކަން އެނގޭނެ އެއްވެސް ހެއްކެއް އަދި ގަރީނާއެއް ކޮމިޝަނުގެ ތަހުގީގަށް މިހާތަނަށް ލިބިފައިނުވާ ކަމަށެވެ.

އެހެން ނަމަވެސް ރައީސުލްޖުމްހޫރިއްޔާ އުފައްދަވައިފައިވާ ގެއްލުވާލައިިފައި އަދި މަރާލެވިފައިވާ މީހުންގެ މައްސަލަ ބަލާ ކޮމިޝަނުގެ ރައީސް ހުސްނުއް ސުއޫދު ވިދާޅުވެފައި ވަނީ ރިލްވާން މައްސަލައިގައި ފުލުހުންގެ އިންޓެލިޖެންސްގެ ދެ ފުލުހަކާއި އަދ އޭރުގެ އިމިގްރޭޝަން ކޮންޓްރޯލަރގެ އިހުމާލެއް ވާކަމަށެވެ.

ރިލްވާނު ސީރިއާ އަށް ގޮސްފައިވާކަމުގެ ހެކި ދެއްކުމަށް އެފަރާތްތަކުން މަސައްކަތް ކޮށްފައިވާކަމަށް ވެސް މަރުތަކާއި ގެއްލުވާލައިފައިވާ މީހުންގެ މައްސަލަ ބަލާ ކޮމިޝަނުން ވަނީ ބުނެފައެވެ. އެހެން މައްސަލައެއްގައި އެ ދެ ފުލުހުން މިހާރު ވަނީ ފުލުހުންގެ ވަޒީފާ އިން ވަކިކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ވަހީ

    އަލުން މައްސަލަ ބަލަން ފެށީތޯ!

  2. ނަފިނެސް

    އެއްވެސް ހާލެއްގާ މުޅި ފުލުހުންގެ މުވައްސަސާއިޙްމާލްއެއްނުވާނެ ދެފުލުހަކު އިޙްމާލްވިކަން މީޑީއާތަކަށްއެގޭ އެހެންވީމާ އެއޮތީ ފުލުހުންގެ މުވައްސަސާއިޙްމާވެފައި(.)

  3. ދަންނަ

    މިހަރު މިވާގޮތަކީ ކީ ހުރިހާ ޅެމެއް ފަރިއްސައްވީ