ހުޅުމާލެ ހޮސްޕިޓަލުގައި މެމޯގްރަފީގެ ޚިދުމަތް، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު މިއަދު ހެނދުނު އިފްތިތާޙް ކޮށްދެއްވައިފިއެވެ.

ހުޅުމާލެ ހޮސްޕިޓަލުގައި މި ޚިދުމަތް އިފްތިތާޙް ކުރެވިގެންދިއުމާއެކު އެ ހޮސްޕިޓަލުގައި އުރަމަތީގެ ކެންސަރަށް ސްކްރީން ކުރުމާއި ފަރުވާގެ ޚިދުމަތް އިތުރަށް ފުޅާވެގެންދާނެއެވެ. ހުޅުމާލެ ހޮސްޕިޓަލުގައި މެމޯގްރަފީގެ ޚިދުމަތް ތަޢާރަފުކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި، އެ ހޮސްޕިޓަލުގައި ކެންސަރަށް ފަރުވާ ހޯދަމުންދާ ބަލިމީހެއްގެ އިޙްސާސްތައް ވަނީ ޙިއްޞާކޮށްފައެވެ.

ހުޅުމާލޭ ހޮސްޕިޓަލުގައި މެމޯގްރަފީގެ ޚިދުމަތް ފެށިފައި މިވަނީ އެ ހޮސްޕިޓަލުގައި ކެންސަރަށް ފަރުވާދޭނެ އޮންކޮލޮޖީ ޑިޕާޓްމަންޓެއް ޤާއިމްކުރެވިގެންދިޔަތާ 2 އަހަރު ފުރުމުގެ މުނާސަބަތާ ގުޅުވައިގެންނެވެ.

މި ރަސްމިއްޔާތަށްފަހު، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ ހުޅުމާލެ ހޮސްޕިޓަލުގެ ރޭޑިއޮލޮޖީ ޑިޕާޓްމަންޓާއި އޮންކޮލޮޖީ ޑިޕާޓްމަންޓުގެ މަސައްކަތްތައް ބައްލަވާލައްވާފައެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ހުޅުމާލެ ހޮސްޕިޓަލްގެ ޑެޕިއުޓީ ސީއީއޯ އަލްފާޟިލް މާރިޔާ ވިދާޅުވީ މިއަދުން ފެށިގެން ހުޅުމާލޭ ހޮސްޕިޓަލްގައި މެމޯގްރަފީގެ ހިދުމަތް ދެވޭނޭ ކަމަށެވެ. އަދި އޮކްޓޯބަރ މަހަކީ އުރަމަތީގެ ކެންސަރަށް ހާއްސަ މަހެއް ކަމުން މި މަހުގައި މެމޯގްރަފީގެ ހިދުމަތް އިފްތިތާހް ވެގެން ދިޔުމަކީ އެންމެ މުނާސަބު ވަގުތު ކަމަށް އޭނާ ވިދާޅުވިއެވެ.

މެމޯގްރަފީއަކީ އުރަމަތީގެ ކެންސަރަށް 40 އަހަރުން މައްޗަށް ގޮސްފައިވާ މީހުންނަށް ހާއްސަ ކޮށްގެން ދެވޭ ހިދުމަތެކެވެ.

ހުޅުމާލޭގައި ދެވެން ފެށި އޮންކޮލޮޖީ ހިދުމަތަކީ އިންޑިޔާގެ މަޝްހޫރު އަމްރިތާ ހޮސްޕިޓަލްގެ އެހީތެރިކަމާއި އެކީގައި ދެވެމުން އަންނަ ހިދުމަތެކެވެ. ކޮންމެ ތިން ހަފްތާއަކުން އެއްފަހަރު އަމްރިތާ ހޮސްޕިޓަލުގެ މާހިރުން މިކޮޅަށް ވަޑައިގެން މީހުން ބައްލަވާ ޓެސްޓްތައް ހައްދަވަމުން ގެންދަވައެވެ. އެހެން ނަމަވެސް މިމަހު 15 އިން ފެށިގެނ 31 ގެ ނިޔަލަށް މި ކެންސަރު ހުރިތޯ ޓެސްޓް ކުރުން ކަނޑައެޅިފައިވާ ވަގުތުތަކުގައި ކުރިޔަށް ދާނެއެވެ. މި ހިދުމަތަކީ މި މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް ހިލޭ ދެވޭ ހިދުމަތަކަށް ވާއިރު ކަނޑައެޅިފައިވާ ގަޑިތަކުގައި ކޮންމެ މީހަކަށްވެސް ޒިޔާރަތް ކުރުމުގެ ފުރުސަތު ހުޅުވައިލާފައި ވެއެވެ.

މިހާރު ރާއްޖޭގައި އާއިލާއާއި އެކު ތިބެގެން ކެންސަރަށް ފަރުވާ ކުރައްވާ ބޭފުޅުން ކީމޯ ނެގުމާއި އޮންކޮލޮޖީގެ ހިދުމަތްތައް ހޯދުމުގެ މަގުތައް ތަނަވަސްވެގެން ދިޔުމަކީ އެބޭފުޅުން ތަހައްމަލް ކުރަމުންދާ ބަލިމަޑުކަމަށް ލިބިގެންދާ ލުޔެއް ކަމަށްވެސް މާރިޔާ ފާހަގަކުރެއްވިއެވެ. އެއީ އާއިލާއާއި އެކީގައި ހުރުމުން ލިބޭ ހިތްހަމަޖެހުން ކަމުގައި އެކަމަނާ ވަނީ ވިދާޅުވެފައެވެ.

ހުޅުމާލޭ ހޮސްޕިޓަލުގެ އޮފިޝަލަކު "ވަގުތު" އަށް މައުލޫމާތު ދެމުން ވިދާޅުވީ، ކުރީގައި މި ފަރުވާ ދިނުމަށް ޓްރީޓޮޕް ނުވަތަ އައިޖީއެމްއެޗް ނުވަތަ އޭޑީކޭ އަށް ޕޭޝެންޓް ގެންދަން ޖެހެ ކަމަށެވެ.އަދި މި ހިދުމަތާއި އެކު މި ކެންސަރު ބައްޔަށް ފަރުވާ ކުރައްވާ ފަރާތްތަށް ބޭސް އާސަންދަ މެދުވެރިކޮށް ހިލޭ ލިބޭނޭ އިންތިޒާމެއް ވަރަށް އަވަހަށް ހަމަޖެހިގެން ދާނެކަމަށްވެސް އޭނާ ވަނީ ވިދާޅުވެފައެވެ.