ބްރޯޑްކާސްޓިން ކޮމިޝަންގެ މެމްބަރުކަމުން އެ ކޮމިޝަންގެ ނާއިބު ރައީސް ފާތިމަތު ޒައިނާ ވަކިކުރަން މަޖިލީހުން ފާސްކޮށްފިއެވެ.

ޒައިނާ މެމްބަރުކަމުން ވަކިކުރުމަށް މަޖިލީހުން މިއަދު ފާސްކޮށްފައިވަނީ މިމައްސަލާގައި ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުވައްސަސާތަކާ ބެހޭ ކޮމެޓީން ބެލުމަށްފަހު އެކުލަވާލައިފާ ރިޕޯޓްގެ މައްޗަށް ރިއާޔަތްކޮށެވެ.

ޒައިނާ ވަކިކުރަން ފާސްކޮށްފައިވަނީ ވޯޓްގައި ބައިވެރިވެ ވަޑައިގެންނެވި 56 މެމްބަރުންގެ ވޯޓާއިއެކުގައެވެ.

ޒައިނާ އެ މަގާމުން ވަކިކުރަން ފާސްކޮށްފައިވާއިރު، އޭނާ އެ ކޮމިޝަންގެ ނައިބް ރައީސް ކަމަށް އައްޔަންކޮށްފައި ވަނީ ދާދި ފަހުންނެވެ. އޭނާ އެ މަގާމަށް އައްޔަންކޮށްފައި ވަނީ، އެ ކޮމިޝަންގެ ނައިބް ރައީސް ކަމުގައި ހުންނެވި އިސްމާއީލް ސޮފްވާން އިސްތިއުފާ ދެއްވުމާއި ގުޅިގެންނެވެ.

ބްރޯޑްކާސްޓިން ކޮމިޝަންގެ ރައީސް މުހައްމަދު ޝަހީބުވެސް ވަނީ އެ ކޮމިޝަނުން އިސްތިފާ ދެއްވާފައެވެ. އޭނާ އެ ކޮމިޝަންގެ ރައީސް ކަމުން އިސްތިއުފާ ދެއްވީ މިދިޔަ ހަފްތާގެ ބުދަދުވަހު އެވެ. އެއިރު އޭނާގެ މައްސަލަވެސް މަޖިލީހުން ދިޔައީ ބަލަމުންނެވެ. އަދި އޭނާ ވަކި ކުރާ މައްސަލަ އޮތީ އެޖެންޑާވެސް ކޮށްފައެވެ.