އައްޑޫ ސިޓީ ހިތަދޫ އަދި ހުޅުމީދޫގައި އަޅާފައިވާ ފްލެޓްތައް ލިބުނު ފަރާތްތަކަށް ފެނާއި ނަރުދަމާގެ އިތުރުން ކަރަންޓް ގުޅާ ދިނުމަށް ފީ އެއް ނުނަގާނެ ކަމަށް އައްޑޫ ސިޓީ ކައުންސިލުން ވިދާޅުވެއްޖެއެވެ.

އައްޑޫ ސިޓީ ކައުންސިލުން މިއަދު ކުރި ޓްވިޓެއްގައި ވިދާޅުވެފައި ވަނީ، ސަރުކާރުގެ ބޯހިޔާ ވަހިކަމުގެ މަޝްރޫއުގެ ދަށުން ސ. ހިތަދޫ އަދި ސ. ހުޅުދޫގައި އިމާރާތް ކުރެވިފައިވާ ފްލެޓް ލިބުނު ފަރާތްތަކުން ކަރަންޓް، ނަރުދަމާ އަދި ފެން ގުޅުމަށް އެއްވެސް ފީ އެއް ދައްކަން ނުޖެހޭނެ ކަމަށެވެ.

އައްޑޫ ސިޓީ ކައުންސިލުން މިހާރު އަންނަނީ އައްޑޫ ގައި ފްލެޓް ލިބުނު ފަރާތްތަކާއި އެކު އެގްރީމަންޓްގައި ސޮއި ކުރުމުގެ މަސައްކަތް ކުރަމުންނެވެ.

ސަރުކާރުގެ ބޯހިޔާވަހިކަމުގެ ދަށުން އައްޑޫ ސިޓީ ހިތަދޫގައި އަޅާފައިވަނީ 264 ފްލެޓެވެ. އަދި ހުޅުދޫގައި އަޅާފައިވަނީ 48 ފްލެޓެވެ. ހިތަދޫގައި އަޅާފައިވާ 264 ފްލެޓުން ބައެއް ފްލެޓްތަށް ވަނީ ގުޅިފައިވާ މަރަދޫ އަދި ފޭދޫގެ ބައެއް ރައްޔިތުންނަށް ހާއްސަ ކުރެވިފައެވެ.

ފްލެޓް ތަކުގެ ޑައުންޕޭމަންޓްގެ ގޮތުގައި 19،000 ރުފިޔާ ދައްކަން ޖެހޭ އިރު އެ ރުފިޔާ 2 ޕޭމަންޓްއެއްގެ ގޮތުގައި ދެއްކޭނެއެވެ. އަދި މަހުން މަހަށް 3000 ރުފިޔާ ދައްކަން ޖެހެއެވެ. އަދި މެއިންޓަނަންސް ފީއެއްގެ ގޮތުގައި ކޮންމެ މަހަކު 550 ރުފިޔާ ދައްކަވަން ޖެހެއެވެ.