ރ. އަތޮޅު ގައި ފީނަން ގޮސް އުޅެނިކޮށް ޑިންގީއެއްގެ ބުރަފަތީގައި ޖެހި ފައި ބުރިވި ޒުވާނާ، އަބްދުﷲ ހަލީމް އާއްމުންގެ ދީލަތި އެހީ އަށް އެދިއްޖެއެވެ.

މި މަހުގެ 8ވަނަ ދުވަހު ހަލީމްގެ ފައި ބުރިވުމާއި އެކު އޭނާ ހޮސްޕިޓަލަށް ގެންގޮސް ޑޮކްޓަރުން ވަނީ ފަައި އަލުން ގުޅުވޭތޯ ބަލަން މަސައްކަތް ކޮށްފައެވެ. ނަމަވެސް އެކަން ކާމިޔާބުވާގޮތް ނުވުމުން ހަލީމްގެ ވާތު ފައިގެ ކަކުލުހުޅުން ތިރި ވަނީ ބުރިކޮށްލައިފައެވެ.

މިކަން ކޮށްފައި ވީ ނަމަވެސް، ޑޮކްޓަރުން ވަނީ މަސްނޫއީ ފައެއް ޖަހައިގެން ހަލީމް އަށް ހިނގޭނެ ކަމަށް ބުނެފައެވެ. މިއީ ވަރަށް އަގުބޮޑު ކަމެއް ކަމުގައި ވާއިރު ހަލީމް އާއި އޭނާގެ އާއިލާ އިން މިހާރު ވަނީ އާއްމުންގެ ދީލަތި އެހީ އަށް އިންތިހާ އަށް ބޭނުންވެފައެވެ.

ބުރަފަތިން ޖެހި އޭނާގެ ފައިގެ އިތުރު ތަނެއް ވެސް ޒަހަމްވެފައި ވެއެވެ. ނަމަވެސް އެތަނަށް މާސީރިއަސް ޒަހަމެއް ލިބިފައެއް ނުވެއެވެ. ހަލީމް އަށް އެހީވުމަށް އެދޭ ފަރާތްތަކުން ތިރީގައިވާ އެކައުންޓު ނަމްބަރަށް ފައިސާ ފޮނުވޭނެއެވެ. އަދި މިކަމާއި ގުޅޭގޮތުން އިތުރު މައުލޫމާތު ސާފު ކުރަން ބޭނުން ވެއްޖެނަމަ ހަލީމްގެ ބޭބެ އިސްމާއިލް ޝިހާބް (7400009) އަށް ގުޅައިގެން އިތުރު މައުލޫމާތު ސާފު ކުރެވޭނެއެވެ.

ހަލީމް އަށް އެހީވުމަށް އެދޭ ފަރާތްތަކުން ފައިސާ ފޮނުވާނީ : ބީއެމްއެލް އެކައުންޓް 7701179802101