ސައުދީ އަރަބިއާގެ ހިލޭއެހީގެ ދަށުން މާލޭގައި އިމާރާތްތަކުރަމުންދާ "ކިންގް ސަލްމާން" މިސްކިތުގެ މަސައްކަތް އަދިވެސް ނިމުމަކާ ހިސާބަށް ގޮސްފައި ނުވަނީ ކުރީގެ ސަރުކާރުގެ އިހުމާލުންތޯ ކުރީގެ މިނިސްޓަރ އޮފް ހައުސިން އެންޑް އިންފަރާސްޓްރަކްޗަރ ޑރ. މުހައްމަދު މުއިއްޒު ސުވާލު އުފައްދަވައިފިއެވެ.

ކުރީގެ މިނިސްޓަރ މުއިއްޒު ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވެފައި ވަނީ އެ މިސްކިތުގެ އަމަލީ މަސައްކަތް މިއަހަރުގެ ޖުލައި މަހުގެ ނިޔަލަށް ނިންމާލެވޭނެ ކަމަށް މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހާ ހަމަޔަށް އޮތް ކަމަށާއި އެހެން ނަމަވެސް އަދި އަދަށްވެސް އެ މަސައްކަތް ނިމުމަކާ ގާތަށް ގޮސްފައި ނުވުމުން އެކަމާ ސުވާލު އުފެދޭ ކަމަށެވެ.

އަދި އެމިސްކިތުގެ މަސައްކަތް އަދިއަދަށްވެސް ނިމިފައި ނުވުމުން އެކަމުގެ ޒިންމާވެސް އުފުލަން ޖެހޭނީ ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ސަރުކާރުންތޯ މުއިއްޒު ވަނީ ސުވާލު އުފައްދަވާފައެވެ.

ކިންގެ ސަލްމާން މިސްކިތް އިމާރާތްކުރުމަށް ސައުދީ ސަރުކާރުން ދޭ ހިލޭ އެހީގެ މިންވަރު މަދުކޮށްފައިވާ ކަމަށްބުނެ މިހާރުގެ ސަރުކާރުން ވަނީ އެ ތަނުގެ މުޅި ޑިޒައިނަށް ބަދަލުގެނެސްފައެވެ. ޕްލޭނިން މިނިސްޓްރީ އިން ހާމަކޮށްފައިވާ ގޮތުގައި އެތަން މިހާރު އިމާރަތްކުރެވެމުންދަނީ ދައުލަތުގެ ބަޖެޓުންވެސް ހަރަދުކޮށްގެނެވެ.

މީގެ ކުރިން މުއިއްޒު ހައުސިން މިނިސްޓަރ ކަމުގައި ހުންނެވި އިރު ވިދާޅުވެފައި ވަނީ މަސައްކަތް ފެށި އިރު ދިޔަ ސްޕީޑުގައި ދިޔަނަމަ، މިއަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި މިސްކިތުގެ އަމަލީ މަސައްކަތް ނިމިގެންދާނެ ކަަމަށެވެ. އަދި އެތަން އިމާރާތްކުރުމަށް ނަގާނެ އެންމެ ދިގު މުއްދަތު ކަމުގައި މުއިއްޒު ވިދާޅުވެފައި ވަނީ 500 ދުވަސް ކަމަށެވެ.

ހަ ބުރި އަށް އިމާރާތް ކުރާ ކިންގް ސަލްމާން މިސްކިތަކީ ރާއްޖޭގައި މިހާތަނަށް އަޅާ އެންމެ ބޮޑު އަދި އެންމެ ރީތި މިސްކިތަށް ވާނެ ކަމަށް މުއިއްޒު ވަނީ ވިދާޅުވެފައެވެ. ކިންގް ސަލްމާން މިސްކިތުގައި މަލްޓި ޕާޕަސް ހޯލަކާއި، ގުރުއާނާ ބެހޭ މަރުކަޒާއި، ދުނިޔޭގެ ފެންވަރުގެ ލައިބްރެރީއެއް އަދި ސެމިނާތަކާއި ކިޔަވައި ދިނުން ކުރިއަށް ގެންދިއުމަށް ހޯލްތަކެއް ހިމެނެއެވެ.

އާޓިފިޝަލް ބީޗް އުތުރުގައި އިމާރާތް ކުރާ ކިންގް ސަލްމާން މިސްކިތަކީ ޖާގަ ތަނަވަސް އެއްފަހަރާ 6000 މީހުންނަށް ނަމާދު ކުރެވޭނެ މިސްކިތެކެވެ. އެތަނުގައި ބޭރާއި އެކު ނަމާދު ކުރެވޭ މީހުންގެ އަދަދު 10000 އަރާނެއެވެ. އެ މިސްކިތް އިމާރާތް ކުރުމުގެ މަސައްކަތް ކުރަނީ ތުރުކީގެ ޓާމެކްސް ކުންފުނިންނެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ސަލީމް

    މާވެޔޮ މިސްކިތުގެ މަސައްކަތް އަދިވެސް ނިމުމަކާ ހިސާބަށް ގޮސްފައި ނުވަނީ ކީއްވެތޯ؟ ކުރިމަތީންހުރި ނައިބުގޭގެ 10 ބުރި ޢިމާރާތް ބިންގާއެޅީ މާވެޔޮ މިސްކިތް ފެށިތާ މާފަހުން!!

  2. ިޮފަލިިިޔަ

    ތިޔަ މިސްކިތް ހުޅުވާކަށް ނުވޭތަ ކިހާދުވަހެވެއްޖެ..........

    10
  3. Anonymous

    މިލާދީނީ ސަރުކާރުން ބޭނުން ނުވަނީ ފައްޅީ ނޫން އެއްޗެއް އަޅާކައް

    14