މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) ގެ ހުސްވެފައިވާ މަގާމަށް ކުރިމަތި ލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ރައީސް އޮފީހުން މިއަދު ކުރި އިއުލާނެއްގައި ވަނީ ބްރޯޑްކޮމް އިން މެންބަރަކު އިސްތިއުފާ ދެއްވާފައިވާތީ، ހުސްވެފައިވާ މަގާމަށް މެންބަރަކު އައްޔަންކުރެއްވުމަށްޓަކައި މެންބަރުކަމުގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން މި މަހުގެ 20ގެ ނިޔަލަށް ހުޅުވާލާފައިވާ ކަމަށެވެ.

ބްރޯޑްކޮމްގެ މެންބަރު ކަމަށް އައްޔަން ކުރާ މީހަކީ އުމުރުން 18 އަހަރުވެފައިވާ ދިވެއްސަކަށް ވެ، އިސްލާމް ދީނުގައި ހައްދެއް ކަނޑައެޅިފައިވާ ކުށެއް ނުވަތަ ހިޔާނާތުގެ ކުށެއް ކުރިން ކަން ވޭތުވެދިޔަ ފަސް އަހަރު ދުވަހުގެ ތެރޭގައި ޝަރީއަތަށް ސާބިތުވެފައިވާ ނުވާ މީހަކަށް ވެސް ވާން ޖެހެއެވެ.

މީގެ އިތުރުން ސިވިލް ސާވިސް ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގެ ވަޒީފާއެއް އަދާކުރާ މީހުންނަށާއި ކޮމިއުނިކޭޝަނާއި ބްރޯޑްކާސްޓް ކުރުމުގެ ދާއިރާގައި މާލީ މަޞްލަޙަތެއް އޮތް މީހަކު ކަމުގައި ނުވުން ހިމެނެއެވެ.

ބްރޯޑްކޮމްގެ މެންބަރު ކަމުން އެކޮމިޝަންގެ ރައީސް ޝަހީބު އިސްތިއުފާ ދެއްވީ، އޭނާގެ މަގާމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ނިންމައި އެ މައްސަލަ ތަޅުމުގައި އެޖެންޑާ ކޮށްފައި ވަނިކޮށެވެ. ބްރޯޑްކޮމްގެ ކޮމިޝަނުގެ ނައިބު ރައީސްގެ މަގާމުގައި ހުންނެވި ފާތިމަތު ޒައިނާ މަގާމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހުން މިއަދު ވަނީ ފާސްކޮށްފައެވެ. އެހެންކަމުން އެ މަގާމު ވެސް މިހާރު ވަނީ ހުސްވެފައެވެ.

މީގެކުރިން ބްރޯޑްކޮމްގެ މެންބަރު ކަމުގައި ހުންނެވި އިސްމާއީލް ސޮފްވާން އާއި ހަސަން ނަބާހު ވެސް އެ ކޮމިޝަނުން އިސްތިއުފާ ދެއްވުމާ ގުޅިގެން، އޭރު ހުސްވި ދެ މަގާމަށް 36 ބޭފުޅަކު ކުރިމަތިލެއްވި އެވެ. ބްރޯޑްކޮމް އަށް ކުރިމަތިލީ ފަރާތްތަކުގެ ތެރޭގައި މީޑިއާގެ ދާއިރާގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކުރެއްވި ބޭފުޅުންވެސް ހިމެނެއެވެ.

އެނަންތައް ދިރާސާ ކުރުމުގެ މަސައްކަތް މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ދަނީ ކުރަމުންނެވެ.