މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) ގައި ހަރަކާތްތެރިވާ މީހުން ވަނީ ގާނޫނީ ހަމަތަކުގެ މަތިން ކުށްވެރި ވެފައި ކަމަށް ރާއްޖޭގެ ދީނީ އިލްމުވެރިން ވިދާޅުވެއްޖެއެވެ.

އެމްޑީއެން އިން އިސްލާމް ދީނަށާއި ރަސޫލާ އަށް ފާޑުކިޔައި ނެރެފައިވާ ރިޕޯޓާއި ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިލްމުވެރިން ވިދާޅުވީ ރިޕޯޓު ތައްޔާރު ކުރި މީހުންނާއި، އެ ޖަމިއްޔާގައި ހަރަކާތްތެރިވާ މީހުންނާއި، އެކަމަށް ފަންޑު ކުރި މީހުންނާއި އެކަމަށް ވާގިވެރިވި މީހުންވެސް ވަނީ ގާނޫނީ ހަމަތަކުގެ މަތިން ކުށްވެރިވެފައި ކަމަށެވެ. އެ ނޫސްވެރިންގެ ބައްދަލުމުގައި އިލްމުވެރިން ބުނެފައި ވަނީ އެމްޑީއެން އިން ނެރެފައިވާ ރިޕޯޓަކީ އިސްލާމީ ޝާރީއަތާއި ގާނޫނު އަސާސީގެ ދަށުން ކުއްވެރިވާ ރިޕޯޓެއް ކަމަށާއި އެ ރިޕޯޓު ތައްޔާރު ކުރުމުގައި މަސައްކަތް ކުރިއެންމެނާ މެދު ފިޔަވަޅު އަޅަން ޖެހޭ ކަމަށެވެ.

އެ ނޫސްވެރިންގެ ބައްދަލުވުމުގައި އިލްމުވެރިން ބުނެފައި ވަނީ އެމްޑީއެން އިން ނެރެފައިވާ ބަޔާނަކީ ރާއްޖެއިން ބޭރުގެ ފަރާތްތަކަކުން އެދިގެން ރާއްޖޭގެ އެކި ކަންކޮޅުތަކަށް ދަތުރުކޮށް އާންމު ފަރުދުންނާއި އަދި ސަރުކާރު މުއައްސަސާ ތަކާއި އަމިއްލަ މުއައްސަސާ ތަކާއި، ސޯޝަލް މީޑިއާގައި އެކި ފިކުރުތަކުގެ މީހުން ހިއްސާކޮށްފައިވާ ޕޯސްޓުތައް ހުއްދަޔަކާ ނުލައި ވަގަށް ނަގައިގެން ދިރާސާއެއްގެ ނަމުގައި ތައްޔާރުކޮށްފައިވާ ރިޕޯޓެއް ކަމަށެވެ. އެ ރިޕޯޓުން އިސްލާމް ދިވެހި ދައުލަތާ އަދަވާތްތެރި ނުހަނު ގިނަ ކަންކަން ފެނިފައިވާ ކަމަށް އެ ނޫސްވެރިންގެ ބައްދަލުވުމުގައި އިލްމުވެރިން ވަނީ ފާހަގަކޮށްފައެވެ.

ރާއްޖޭގެ މަޝްހޫރު ބޮޑެތި ގިނަ ދީނީ އިލްމުވެރިން ބާއްވާ ނޫސް ކޮންފަރެންސްގައި އިލްމުވެރިން ވަނީ ރާއްޖޭގެ އެކި ގާނޫނު ތަކާއި ގާނޫނު އަސާސީ އާއި ގާނޫނުލް އުގޫބާތުގެ ދަށުން އެމީހުން ކުށްވެރިވާ ސަބަބު ވަރަށް ތަފްސީލްކޮށް ވިދާޅުވެ ދެއްވާފައެވެ.

އެމްޑީއެންގެ ރިޕޯޓުގައި ވަނީ ރަސޫލާއަށާއި އިސްލާމް ދީނަށް ފާޑުކިޔައި، ގުރުއާނުގައި ކަނޑައެޅިގެން ބަޔާންކޮށްފައިވާ ކަންކަން ދޮގުކޮށް، އިސްލާމް ދީނުގެ ބައެއް އަސްލުތަކަކީ ހައްދުގފަހަނައަޅައި ދިއުން ކަން ބަޔާންކޮށްފައެވެ.