އެމްޑީޕީގެ ރައީސް އަދި ނައިބްރައީސްގެ ދައުރު ހުސްވެ މަޤާމް ހުސްވެފައިވާތީ މި މަޤާމަށް މީހުން ހޮވުމަށް ބާއްވާ އިންތިޚާބް 22 ނޮވެންބަރުވާ (ހުކުރު) ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް އެމްޑީޕީ އިން ބުނެފިއެވެ.

އެމްޑީޕީ އިން ކުރި އިއުލާނެއްގައި ބުނެފައި ވަނީ ރައީސް އަދި ނައިބްރައީސް ކަމުގެ މަޤާމަށް ވާދަކުރައްވަން ބޭނުންފުޅުވާ އެމްޑީޕީގެ މެންބަރުން ޕާޓީގެ އިންތިޚާބުތަކުގައި ކުރިމަތިލުމަށްއެދޭ ފޯމް ފުރިހަމަކޮށް ފޯމާއެކު ހުށައަޅަންޖެހޭ ހުރިހާ ލިޔެކިޔުންތަކާއެކު އެމްޑީޕީގެ އިންތިޙާބާއި ބެހޭ ކޮމިޓީގެ އީމެއިލް އަށް ނުވަތަ އެމްޑީޕީގެ މައި އޮފީހުގެ ދެވަނަ ފުލޯއަށް 19 އޮކްޓޫބަރ ވާ (ހޮނިހިރު) ދުވަހުގެ 12:00ގެ ކުރިން ފޯމްހުށައެޅުއްވުން އެދޭ ކަމަށެވެ.

މި އިންތިޚާބަށް ކުރިމަތިލުމަށް އެދޭފޯމް އެމްޑީޕީގެ ސެކްރެޓޭރިއަޓުންނާއި ޕާޓީގެ ވެބްސައިޓް އިން ލިބެން ހުންނާނެ ކަމަށް އެމްޑީޕީ އިން ބުނެއެވެ.

މި އިންތިހާބުތަކުގައި ވޯޓުލުމުގެ ހައްގު ލިބޭނީ (19 އޮކްޓޫބަރ 2019) ގެ ނިޔަލަށް އެމްޑީޕީގެ މެމްބަރޝިޕް ކޮމިޓީން މެމްބަރެއްގެ ގޮތުގައި ބަލައިގެންފައިވާ ފަރާތްތަކަށް ކަމަށް އެމްޑީޕީ އިން ބުނެއެވެ.

މިއީ ވެރިކަން ލިބުނު ފަހުން އެމްޑީޕީގެ ލީޑާޝިޕްގެ އިންތިޚާބެެއް ބާއްވާ ފުރަތަމަ ފަހަރެވެ. އެމްޑީޕީގެ އަސާސީ ޤަވައިދު ބުނާ ގޮތުގައި އެޕާޓީގެ ވެރިކަމެއްގައި ޕާޓީގެ އެންމެ އިސްވެރިޔަކީ ރައީސުލްޖުމްހޫރިއްޔާ އެވެ. ނަމަވެސް އެމްޑީޕީ ހިންގުމުގައި ރައީސް ޞާލިހްގެ ދައުރެއް ނުފެނެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. މޮޔަބެ

    ރ.ނަޝީދަށް ރައީސްކަން ލިބި ޝިފާޒުގެ މަގާމް ގެއްލޭނެ.
    އަދި ޑިމޮކްރެސީގެ ނަމުގައި ހިނގާ މިޕާޓީގެ މެންބަރުންގެ ތެރެއިން ރައީސްކަމަށް އިތުރު ފަރާތެއްކުރިމަތިލިޔަކަ ނުދޭނެ. ރާއްޖޭގައި މިހާރު ކުރާ ވެރިކަމަކީ ނޯތްކޮރެއާގައިވާފަދަ ޚޮދުމުޚުތާރުވެރިކަމެއް....