ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ)ގައި އަލަށް އަޅާ ރަންވޭގެ ނޯތް ޕޯޝަންގައި އަސްފާލްޓް ލޭޔާގެ ފުރަތަމަ ބައި އަޅާ އެއްކޮށް ނިންމާލާފައިވާކަމަށް މައި އެއާޕޯޓް ހިންގާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ބުނެފިއެވެ.

އެމްއޭސީއެލްގެ ކޯޕަރޭޓް ކޮމިއުނިކޭޝަންގެ ޖެނެރަލް މެނޭޖާ ހަސަން އަރީފް މިއަދު ވިދާޅުވީ، ރަންވޭގެ ނޯތް ޕޯޝަމްގެ އަސްފާލްޓް ލޭޔަގެ ފުރަތަމަ ބައި އަޅާ ނިމުނުއިރު ދެން މިސާރާބު ޖަހާނީ އަނެއްކާވެސް ދެން ހުރި މަސައްކަތްތަކާއި ދިމާލަށް ކަމަށެވެ. މިމަސައްކަތުގެ ދަށުން އަދި އިތުރު ދެ ލޭޔަރު އަޅާނެއެވެ.

އާރަންވޭގެ މަސައްކަތް ކުރިއަށް ދަނީ – ފޮޓޯ: އެމްއޭސީއެލް
އާރަންވޭގެ މަސައްކަތް ކުރިއަށް ދަނީ – ފޮޓޯ: އެމްއޭސީއެލް

"މި ޕްރޮޖެކްޓްގައި މުޅި ރަންވޭގެ މަސައްކަތްވެސް ދަނީ ކުރިއަށް". އަރީފް ވިދާޅުވިއެވެ.

މި މަސައްކަތުގެ އިތުރުން، ޕެރަލަލްކޮށް ޓެކްސީ ވޭ އާއި ޝޯލްޑާގެ މަސައްކަތް އެ އެއާޕޯޓްގައި ދަނީ ކުރިއަށެވެ. އަދި މިހާރު އޮތް ރަންވޭ އާ ގުޅާޅުމަށް ކުރަން ޖެހޭ މަސައްކަތްތައްވެސް ދަނީ ކުރިއަށެވެ.

އެއާޕޯޓް ތަރައްގީގެ މަސައްކަތުގެ ދަށުން މިހާރު ވެލާނާ އެއާޕޯޓްގައި އަޅަމުން އެދަނީ ،3400 މީޓަރު ދިގު، 60 މީޓަރު ފުޅާ އާ ރަންވޭއެކެވެ. މިއީ މިހާރު ދުނިޔޭގައި ބޭނުން ކުރާ އެންމެ ބޮޑެތި މަތިންދާބޯޓްތަކަށް ވެސް ޖެއްސޭ ވަރުގެ ރަންވޭ އެކެވެ.

ދުނިޔޭގެ މިހާރުގެ އެންމެ ބޮޑު ބޯޓުފަހަރު ވެސް ޖެއްސޭ ފެންވަރަށް ތަރައްގީކުރާ ރަންވޭ މި އަހަރު ފަހުކޮޅު ހުޅުވާނެކަމަށް އެމްއޭސީއެލް އިން މައުލޫމާތުދެއެވެ.