އައްޑޫ ސިޓީ ހިތަދޫ އާއި ހުޅުދޫގައި އިމާރާތް ކޮށްފައިވާ ފްލެޓް ތަކަށް ދައްކަން ޖެހޭ ޑައުންޕޭމަންޓް ބަހާލައިގެން ދެއްކޭނެ ކަމަށް އައްޑޫ ސިޓީ ކައުންސިލުން ވިދާޅުވެއްޖެއެވެ.

އައްޑޫ ސިޓީ ކައުންސިލުން މިއަދު ކުރި ޓްވިޓެއްގައި ވިދާޅުވެފައި ވަނީ، އައްޑޫ ގައި އަޅާފައިވާ ފްލެޓް ތަކުގެ ޑައުންޕޭމަންޓްގެ ގޮތުގައި ދައްކަން ޖެހޭ 19،000 ރުފިޔާ 2 މަސް ދުވަހަށް ބާލައިގެން ދެއްކޭނެ ކަމަށެވެ.

"ފުރަތަމަ 9500 ރުފިޔާ ސޮއި ކުރާ ދުވަހުން ފެށިގެން 30 ދުވަހުގެ ތެރޭ. އަދި ބާކީ 9500 ރުދިޔާ 60 ދުވަހުގެ ތެރޭގައި ދެއްކި ދާނެ" އައްޑޫ ސިޓި ކައުންސިލުން ކުރި ޓްވިޓެއްގައި ވެއެވެ.

އައްޑޫ ސިޓީ ކައުންސިލުން މީގެ ކުރިން ވިދާޅުވެފައިވަނީ އައްޑޫ ގައި އަޅާފައިވާ ފްލެޓްތަކާއި ވެރިފަރާތުން ހަވާލުވާއިރު އެތަނުގެ ކަރަންޓާއި ނަރުދަމާ އަދި ފެން ގުޅައިދިނުމަށް އެއްވެސް ފީއެއް ނުނަގާނެ ކަމަށެވެ.

ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން ހިތަދޫގައި 264 ފްލެޓު އަޅާފައިވާ އިރު ހުޅުދޫގައި ވަނީ 48 ފްލެޓު އަޅާފައެވެ. އެގޮތުން ހިތަދޫގައި އަޅާފައިވާ 264 ފްލެޓް ތަކުގެ ތެރެއިން ބައެއް ފްލެޓްތަށް ހާއްސަ ކުރެވިފައިވަނީ އައްޑޫގެ ގުޅިފައިވާ މަރަދޫ އަދި ފޭދޭގެ ބައެއް ރައްޔިތުންނަށެވެ.