ލ. ގަމުގެ ގެއްެއްގެ މަސްފެންގަނޑަށް ވެއްޓި ހާލު ދެރަވެގެން އައިޖީއެންއެޗުގައި ފަރުވާދެމުން ގެންދާ ކުއްޖާ އިތުރު ފަރުވާ އަށް ރާއްޖެއިން ބޭރަށް ފޮނުވުމަށް ހަމަޖެހިފައިވާ ކަމަށް އައިޖީއެންއެޗް އިން ބުނެފިއެވެ.

"ވަގުތު" އަށް މައުލޫމާތު ދެއްވަމުން އެ ހޮސްޕިޓަލުގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ އެކުއްޖާ އަދި ވެސް އޮތީ ވެންޓިލޭޓަރުގައި ކަމަށާއި މިހާރު ކުރިޔަށްވުރެ ހާލު ރަނގަޅު ކަމަށެވެ. އަދި ބައެއް ކަންކަމަށް އެކުއްޖާގެ ފަރާތުން ރެސްޕޮންޑު ދެމުންދާކަމަށްވެސް އޭނާ ވިދާޅުވިއެވެ.

"އަދިވެސް އެކުއްޖާ އޮތީ ވެންޓިލޭޓަރުގައި. މިހާރު ގޮވާލުމުން މަދުމަޑުން ރެސްޕޮންޑް ދޭ ކަމަށް ޑޮކްޓަރުން ވިދާޅުވަނީ" އޭނާ ވިދާޅުވިއެވެ.

އެގޮތުން އެ ކުއްޖާ ބޭރަށް ފޮނުވުމަށް ހަމަޖެހިފައި ވަނީ މާދަމަގެ ވަގުތެއްގައި ކަމަށާއި، ފޮނުވަނީ ކޮން ގައުމަކަށް ކަމެއް އެނގިަފައި ނުވާކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ ތިން ހަފްތާއެއްހާ ދުވަސް ކުރިން ލ. ގަމުގެ ގެއެއްގެ ގޯތިތެރޭގައި ހުރި މަސްފެންގަނޑަކަށް ވެއްޓި ހާލު ސީރިއަސް ވެގެން އިތުރު ފަރުވާއަށް އައިޖީއެމްއެޗަށް ގެންގޮސްގެން ފަރުވާދެމުން ދަނީ ދެ އަހަރުގެ ކުއްޖަކަށެވެ.

މިދިޔަ މަހުގެ 15 ވަނަ ދުވަހުގެ ވަގުތެއްގައި ގެއްލިގެން ހޯދަމުން ދަނިކޮށް އެކުއްޖާ ފެނިފައި ވަނީ މަސްފެންގަނޑުގެ އަޑީގައި އޮއްވައެވެ. އެ ކުއްޖާ ފެނުމާއެކު، އެ ކުއްޖާ ލ. ގަން ރީޖަނަލް ހޮސްޕިޓަލަށް ގެންދިޔައީ ފުލުހެކެވެ. އެ ހޮސްޕިޓަލްގައިވެސް އެ ކުއްޖާއަށް ފަރުވާދެމުން ދިޔައީ ވެންޓިލޭޓަރުގައެވެ.