ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް މެދުރާއްޖެ ތެރޭގެ 8 އަތޮޅަކަށް ހުދު ސަމާލު ނެރެފިއެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާއިން ހުދު ސަމާލު ނެރުނީ މިއަދު ހެނދުނު 08:00 އިން ފެށިގެން 11:00 އާ ހަމައަށް ކ. އަތޮޅުން ފެށިގެން ތ. އަތޮޅާ ހަމައަށެވެ. އަދި އެ މުއްދަތުގެ ތެރޭގައި އެ އަތޮޅުތަކުގެ ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކުރެވޭ ކަމަށް އެ އިދާރާއިން ބުނެއެވެ.

ކުރިއަށް އޮތް 24 ގަޑިއިރަށް މުޅި ރާއްޖޭގެ މޫސުން ލަފާކުރާ ގޮތަށް ބަލާއިރު މުޅި ރާއްޖޭގެ އެކި ހިސާބުތަކަށް ގުގުރުމާއެކު ވިއްސާރަކުރުން އެކަށީގެންވެއެވެ. އަދި ދެކުނުގެ އަތޮޅުތަކަށް އިރުދެކުނާއި ދެކުނުން، އެހެން ހިސާބުތަކަށް ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު ފަސް މޭލާއި 15 މޭލާ ދެމެދުގެ ބާރު މިނުގައި ވައި ޖެހޭނެ ކަމަށް މެޓް އޮފީހުން ލަފާ ކުރެއެވެ. މީގެ އިތުރުން ވިލާގަނޑުގައި ގަޑިއަކު 35 މޭލުގެ ބާރުމިނަށް ވައިގަދަވުން އެކަށީގެންވާ ކަމަށްވެސް ބުނެފައިވެއެވެ.

ރާއްޖޭގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވެފައި ވިލާގަނޑުގައި އާދައިގެވަރަކަށް ގަދަވާނެ އެވެ.

 

ކިޔުންތެރިންގެ ހިޔާލު