ތައިލެންޑްގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީ ރަސްމީކޮށް ހުޅުވައިދެއްވަފިއެވެ.

ތައިލެންޑުގައި އެމްބަސީ ރަސްމީކޮށް ހުޅުއްވައިދެއްވީ މިނިސްޓަރ އޮފް ފޮރިން އެފެއަރޒް އަބްދުﷲ ޝާހިދެވެ. ފޮރިން މިނިސްޓްރީން ވިދާޅުވި ގޮތުގައި އެގައުމުގައި ދިވެހި އެމްބަސީ ހުޅުވިގެން ދިއުމަކީ ދެޤައުމުގެ ދެމެދުގައި އޮތް ގާތް ގުޅުން ބަދަހިވަމުންދާކަމުގެ ނިޝާނެކެވެ.

"ބެންކޮކްގައި ހުޅުވުނު މިއެމްބަސީ މެދުވެރިކޮށް ދިވެހިރާއްޖޭގެ ޚާރިޖީ ސިޔާސަތު ޕްރޮމޯޓްކޮށް، ތައިލެންޑަށް ޒިޔާރަތްކުރާ އަދި އެޤައުމުގައި ދިރިއުޅޭ ދިވެހިންނަށް ފޯރުކޮށްދޭ ކޮންސިއުލަރ ޚިދުމަތް ފުޅާވެގެންދާނެއެވެ. އަދި ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިކޮށް، ބައިނަލްއަޤްވާމީ މުޖްތަމައުގައި ދެޤައުމު ގުޅިގެން މަސައްކަތްކުރުމަށް އިތުރު ބާރަކަށް ވެގެންދާނެއެވެ. ތައިލެންޑްގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީ ރަސްމީކޮށް ހުޅުވާފައި މިވަނީ ބައިނަލްއަޤްވާމީ މުޖްތަމައާއިއެކު އޮންނަ ގުޅުން އިތުރަށް ބަދަހިކުރުމަށް ސަރުކާރުން ގެންގުޅުއްވާ ސިޔާސަތުގެ ތެރެއިންނެވެ." ފޮރިން މިނިސްޓްރީން ވިދާޅުވިއެވެ.

އެމްބަސީ ރަސްމީކޮށް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރ ޝާހިދު ވަނީ އެކި ދާއިރާތަކުން ދިވެހިރާއްޖެއާއި ތައިލެންޑާއި ދެމެދު އޮންނަ ގުޅުން އިތުރަށް ބަދަހިވަމުން އަންނަކަން ފާހަގަކުރައްވާފައެވެ. އެގޮތުން ވިޔަފާރިއާއި އިންވެސްޓްމަންޓްގެ ދާއިރާއިންނާއި، ތައުލީމީ، އަސްކަރީ، އަދި ފަތުރުވެރިކަމުގެ ދާއިރާއިން ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިވަމުން އަންނައިރު، ކުރިއަށް އޮތްތަނުގައި މިގުޅުންތައް އިތުރަށް ފުޅާވެގެންދާނެކަމަށް މިނިސްޓަރ ޝާހިދު ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ތައިލެންޑްގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީގެ ރަސްމީ ވެބްސައިޓްވެސް ވަނީ ލޯންޗްކޮށްފައެވެ.