މާލޭގައި ފޭރުނު ދެމީހަކު ހައްޔަރުކޮށް ބެލިބެލުމުން އެކެއްގެ އަތުން މަސްތުވާތަކެތި ފެނިފައިވާކަމަށް ފުލުހުން ބުނެފިއެވެ.

މިކަން ހާމަކޮށް ކޮށްފައިވާ ޓްވީޓެއްގައި ފުލުހުން ބުނެފައި ވަނީ އެދެމީހުން ފޭރިފައި ވަނީ ސައިކަލެއްގައި ދަމުން ކަމަށެވެ. އެގޮތުން އޮޑިއޮން ކައިރިން ހިނގާފައި ދިޔަ މީހެއްގެ ވޮލެޓު ފޭރިގަތް މީހުން ހުއްޓުވިފައި ވަނީ ގަލޮޅު ދަބޑު ކައިރން ކަމަށް ފުލުހުން ވަނީ ބުނެފައެވެ. އަދި ފުލުހުން ހޯދަން ފެށުމުން އެ ވޮލެޓު ކާނުގަނޑު ތެރެއަށް އެއްލާލައިފައި ވާކަމަށާއި މިހާރު ވޮލެޓު ފެނިފައިވާކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

އަދި އެމީހުން ދުއްވި ސައިކަލު ތަހުގީގީ ބޭނުނަށް މިހާރު ޓޯކޮށްފައިވާކަމަށް ފުލުހުން މައުލޫމާތު ދެއެވެ. ފުލުހުން ބުނީ އެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުން ދާކަމަށާއި އެ ދެމީހުންވެސް މިހާރު ތިބީ ފުލުހުންގެ ބެލުމުގެ ދަށުގައި ކަމަށެވެ.

ދާދި ފަހުންވެސް ވަނީ ގަލޮޅުގައި ފޭރުނު މީހެއްގެ އަތުން މަސްތުވާތަކެތި ހޯދައިފައެވެ. ފުލުހުން ހާމަކޮށްފައިވާ ގޮތުގައި އޭނާ ހޯދައިފައި ވަނީ އެއަވަށުގައި ފުލުހުން ހަރުކޮށްފައިވާ ކެމެރާތަކުގައި އެހީގައެވެ. އަދި ހޯދި ހޯދުމުން އޭނާ ދިރިއުޅެމުންދިޔަ ގެސްޓުހައުސްއިން ވަނީ ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު އިތުރު 3 މީހަކު ހައްޔަރުކޮށްފައެވެ.

މީގެ ކުރިން ފުލުހުން ބުނެފައި ވަގޮތުގައި ވައްކަމާއި ފޭރުމުގެ މައްސަލަތައް އެންމެ ގިނައީ މާލެ ސިޓީގައެވެ. އާންމު ރައްޔިތުން މުދަލާއި ފައިސާއަށް ރައްކާތެރި ވުމަށް ފުުހުން އިލްތިމާސްކުރެއެވެ.