ދިވެހި ރައްޔިތުންނަށް މާލެއާއި ރަށްރަށުން ފްލެޓާއި ބިން ދޫކުރުމާ ގުޅޭގޮތުން މަޖިލީހަށް ހުށަހެޅި ގަރާރު ބަލައިގަނެ ގައުމީ ތަރައްގީއާއި ތަރިކައިގެ ކޮމެޓީއަށް ފޮނުވައިފިއެވެ.

ހޯރަފުށި ދާއިރާގެ މެންބަރު އަޙްމަދު ސަލީމް ހުށަހެޅުއްވި މި ގަރާރު މަޖިލީހުން ބަލައިގަތީ 66 މެމްބަރުންގެ ވޯޓުންނެވެ.

މި ގަރާރަކީ ދިރިއުޅުން އެއްތަނުން އަނެއްތަނަށް ބަދަލު ކުރާ ފަރާތްތަކަށް މާލެއާއި ރަށްރަށުން ފްލެޓު ދޫކުރުމުގެ މަސައްކަތް ހަލުވި ކުރުމާއި ގުޅޭގޮތުން، ދިވެހި ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް އިލްތިމާސްކޮށް، އެކަން ސަރުކާރުގެ ސަމާލުކަމަށް ގެނައުމުގެ މަގްސަދުގައި ހުށަހެޅުނު ގަރާރެކެވެ.

އެ ގަރާރުގައި ވަނީ ހައުސިންގް ނީޑްސްއަސް ބިނާކޮށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ މަޝްރޫއުތައް އަވަސްކުރުމަށާއި ބިން ދަތިވެ، އަދި ބިން ހިއްކޭނެ ފަޅު ނެތް ރަށްރަށުގައި އެ ރަށްރަށާއި ގާތުގައިވާ އެހެން ރަށްރަށާއި ގުޅުވާލާ، ބިން ބޮޑު ކުރުމުގެ މަސައްކަތް ހިނގާނޭ އުސޫލުތައް ކަނޑައެޅުމަށް ގޮވާލާފައެވެ.

އަދި ދިރިއުޅޭނެ އަމިއްލަ ތަނެއް ނެތް ނުވަތަ، އާއިލާތަކަށް ދިރިނޫޅެވޭ ވަރުގެ ކުދި ކުދި ތަންތަންކޮޅުގައި ދިރިއުޅޭ ފަރާތްތަކަށް އެކަށީގެންވާ ވަރުގެ ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ އުސޫލުތައް ކަނޑައެޅުމުގެ އިތުރުން މާލެއާއި ދިވެހި ރާއްޖޭގެ އެހެން ރަށްތަކާއި ތަފާތެއް ނެތި ބޯހިޔާވަހިކަން ބިނާކުރާނެ ތަނަވަސްކަމެއް ނެތް ފަރާތްތަކަށް ދިގު މުއްދަތުން ދައްކާ ޚަލާސްކުރާގޮތަށް ލުއި ލޯނު ލިބޭނެ ގޮތް ފަހިކޮށްދިނުމަށް މި ގަރާރުގައި ވަނީ ގޮވާލާފައެވެ.