14 އަހަރުގެ އިސްމާއީލް ޝައްފާން ޝަރީފް މަރާލި މައްސަލައިގަ ދަޢުލަތުން ދަޢުވާ އުފުލާފައިވާ މީހުން ހައްޔަރު ކުރެވުނު ގެއިން ވަޅިތަކަކާ، މޫނު ނިވާކުރާ މާސްކުތަކެއްގެ އިތުރުން ވިގެއް ފެނުނު ކަމަށް އެ މައްސަލައިގެ ޝަރީޢަތުގައި ފުލުހުން ހެކިބަސް ދެމުން ބުނެފިއެވެ.

ކްރިމިނަލް ކޯޓުގައި ބުދަ ދުވަހު ބޭއްވި އެ މައްސަލައިގެ އަޑުއެހުމުގައި އޮތީ ދަޢުލަތުގެ ފަރާތުން ހުށަހަޅާފައިވާ ހެކިންގެ ހެކިބަސް ދިނުމެވެ. ދަޢުވާ ލިބޭ 4 މީހުންނާ ދެކޮޅަށް 4 ފުލުހަކު ވަނީ ހެކިބަސް ދީފައެވެ.

ހެކިބަސް ދިން ފުލުހުންގެ ތެރޭގައި ހިމެނެނީ ފުލުހުންގެ ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާޓްމެންޓުގެ ފުލުހެއްގެ ހެކިބަހާއި، އެ މައްސަލައިގަ ތުހުމަތު ކުރެވޭ މީހުން ހައްޔަރު ކުރަން ހ. ޝަންހާއީ ގެއަށް ދިޔަ ފުލުސް އޮފިސަރެއްގެ ހެކިބަހުގެ އިތުރުން އެ މައްސަލައިގަ ޝައްފާން އަށް ހަމަލާދިން ސަރަޙައްދުގެ ކްރައިމް ސީން ރިޕޯޓު ތައްޔާރުކުރި ފުލުސް އޮފިސަރުގެ ހެކިބަހާއި، ހ. ޝަންހާއީގެ އިން ކްރައިމް ސީން ރިޕޯޓު ތައްޔާރު ކުރި ފުލުސް މީހާގެ ހެކިބަހެވެ.

ޖުމްލަކޮށް މިއަދު ހެކިބަސް ދިން ފުލުހުން ދީފައިވާ ހެކިބަހުން އެނގޭ ގޮތުގައި 11 އޮކްޓޯބަރު 2018 ވީ ދުވަހުގެ މެންދަމުގެ ވަގުތެއްގައި ގަލޮޅު ސަބްދޭރިޔާ މަގުގައި، ހުންނަ ގެއެއްގެ ކުރިމަތީގައި ކުއްޖެއްގެ ގަޔަށް ވަޅި ޖަހައިގެން ފުލުހުން އެ ސީންއަށް ދިޔުމުން ވަނީ އެތަނުން 2 ފައިވާނަކާ، ވަޅި ލައްވަން ބޭނުންކުރާ ޓޭޕް ކަވަރެއްގެ އިތުރުން މޯބައިލް ފޯނެއް ފެނިފައެވެ. އޭނާ ބުނީ އެ ސީނުން ފެނުނު ތަކެތި ފުލުހުންގެ ލެބޯޓަރީ ގައި ތަހުލީލު ކުރާ ފަރާތްތަކުން ތަހުގީގު ކުރަން ފޮނުވާލެވުނު ކަމަށެވެ.

ހަމަ އެރޭ، ލޮނުޒިޔާރަތް މަގުގައި ހުންނަ ކެންގަރޫ ކިޑް ސްކޫލު ކައިރިން ބާރު ސްޕީޑެއްގައި 2 އެއާބްލޭޑު ސައިކަލު ދުއްވާފަ ދިޔަތަން ފެނިގެން އެސަރަޙައްދުގައި މަޑުކޮށްގެން ދެ ފުލުހެއް ތިބި ކަމަށާއި، އަދި އެތަނުގައި ތިބެނިކޮށް އެމީހުން އަނެއްކާވެސް އެ ސަރަޙައްދުން ބާރަށް ދުއްވާފައި ގޮސް ހެންވޭރު ޝަންހާއީ ގެއަށް ވަންތަން އެ ފުލުހުންނަށް ފެނުނު ކަމަށާއި، އޭރު މާލެ ތެރޭގައި މާރާމާރީއެއް ހިންގައިގެން ކުއްޖަކަށް ހަމަލާދީފަ، ހޮސްޕިޓަލުގައި ފަރުވާ ދެމުން ގެންދާކަން ފުލުހުންގެ ކޮމާންޑު ސެންޓަރުން ފުލުހުންނަށް މަޢުލޫމާތު ދީފައިވާ ކަމަށް އެތަނުގެ ކްރައިމް ސީން ރިޕޯޓު ތައްޔާރުކުރި ފުލުސް މީހާ ބުންޏެވެ.

އޭނާ އަށް އެ މަޢުލޫމާތު ލިބިގެން އެތަނަށް ގޮސް ކެންގަރޫ ކިޑް ކައިރީ މަޑުކޮށްގެން ތިބި ފުލުހުން ކައިރީ އެހުމުން ބާރު ސްޕީޑެއްގައި ދެ އެއާބްލޭޑުން އައި 4 މީހަކު ޝަންހާއީ ގެއަށް އެރި ކަމަށް އެ ފުލުހުން ބުނި ކަމަށާއި، އޭގެ ތެރެއިން އެއް ސައިކަލު އެމީހުން މައްޗަށް އެރި ގަޑީގައި ވެއްޓިފަ އޮތް ކަމަށްވެސް ބުންޏެވެ. ފުލުހުން އެމީހުންނަށް ތުހުމަތުކުރެވޭތީ އެގެއަށް އަރައި އެގޭގެ 3 ވަނަ ފަންގިފިލާގައި ހުރި އެޕާޓްމެންޓު ހުޅުވަން ކުރި މަސައްކަތުން ތަޅުލާފައި ހުރުމުން ބާރުގެ ބޭނުންކޮށްގެން ދޮރު ވައްޓާލަައި ބެލި ބެލުމުން 4 މީހުން ކޮޓަރިއެއްގެ ތެރޭގައި ތިބި ކަމަށާއި، އެމީހުން ތިބީ ވަރަށް ހާސްވެފައި ކަމަށް އެތަނަށް ހާޒިރުވި ފުލުހެއް ބުންޏެވެ.

އެންމެ ފުރަތަމަ ކޯޓު އަމުރު ނެތުމުގެ ސަބަބުން އެގޭ ބަލާ ފާސްކޮށްފަނުވާ ކަމަށާއި އެދުވަހު މެންދުރު ކޯޓު އަމުރު ހޯދައިގެން އެ ގެއިން 4 މީހުން ލައިގެން ތިބި އަންނައުނާއި، 2 ތަޅުދަނޑި އާއި ވަޅިތަކަކާއި، ވިގަކާއި، މާސްކުތަކެއްގެ އިތުރުން ވަޅި ލެއްވުމަށް ބޭނުންކުރާ ކަރުދާސް ޓޭޕުތަކެއް ހޯދާފަ ކަމަށް އެ ސީންގެ ކްރައިމް ރިޕޯޓު ތައްޔާރުކުރި ފުލުސް މީހާ ބުންޏެވެ. ހެކީގެ ގޮތުގައި ހޯދުނު ތަކެތި ފުލުހުންގެ ފޮރެންސިކުން އިތުރަށް ތަހުގީގު ކުރަން ފޮނުވާލެވުނު ކަމަށާއި، އެ މައްސަލައިގައި ޝައްކުކުރެވޭ 2 ސައިކަލު ފުލުހުން ޓޯޔާޑަށް ގެންގޮސް ބެލިބެލުމުން އޭގެ ތެރެއިން އެއް ސައިކަލް އެ ގެއިން ހޯދި ތަޅުދަނޑިއަކުން ހުޅުވުނު ކަމަށް އޭނާ ބުންޏެވެ.

ޝައްފާން މަރާލި މައްސަލައިގަ ދަޢުލަތުގެ ފަރާތުން ދަޢުވާ ކުރަނީ 4 މީހަކާ ދެކޮޅަށެވެ. އެގޮތުން ސ. ހިތަދޫ ޗަމަންގެ، ޙުސައިން ނިހާދު އަހްމަދު އާއި ކ.މާލެ މއ. ޓޮމާޓާ ފްލާވަރ ޙުސައިން ޖައިލަމްގެ މައްޗަށް ދަޢުލަތުން އުފުލާފައިވަނީ ތޫނުއެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މަރާލުމުގެ ކުށުގެ ދަޢުވާއެވެ. ސ. މަރަދޫ މޫންލައިޓްގްލޯރީ، ޙަސަން ނަބާޙް އާއި ސ.ހިތަދޫ މަލަ، މުޙައްމަދު އައިމަން ޙަބީބުގެ މައްޗަށް ދަޢުލަތުން ކުރަނީ ތޫނުއެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މަރާލުމުގައި ބައިވެރިވުމުގެ ކުށުގެ ދަޢުވާއެވެ.

މިދިޔަ އަހަރުގެ އޮކްޓޯބަރު ތެރޭގައި ވަޅި ޖެހުމުގެ ސަބަބުން ށ.ފޭދޫ ހީނާމާގޭ (ގ.ކޯޒީ) އިސްމާއިލް ޝައްފާން ޝަރީފު މަރުވީ އޭނާއަށް ދިން ހަމަލާގައި ކަރަށް ލިބުނު ޒަޚަމްތަކަށް ފަރުވާދެމުން ގެންދަނިކޮށެވެ. ޝައްފާން މަރާލިއިރު އޭނާއަކީ ގްރޭޑް 7 ގައި ކިޔަވަމުންދިޔަ ސްކޫލް ކުއްޖެކެވެ. ކުޑަ ކުއްޖެކެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. މުނީރު

    ނޭކުރެންދޫ ގައެއްނޫނެއްނު ދޯ ޖަލު ހަދަންވީކި. އައްޑު އަތޮޅައް އެއްމެ މުހިންމީ ޖަލެއް

    36
    1
  2. ބޯގަން

    އައްޑޫ ގައިވެސް ކަން ހިނގާ ހޮތް ވަރަށް ދެރަ.
    ކޮށްމެ 3 މަހަކުން ޕޮލިހުން ބަދަލު ކުރަންވީ. އެއިރުން ގޭންގްތައް ފޮހެލެވޭނެ.

    6
    1