ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން ބަލަމުންދާ ޝަކުވާތަކާ ގުޅިގެން ސުވާލު ކުރުމަށް އެކޮމިޝަނަށް ހާޒިރުވާން އެންގި އެންގުމަށް އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ ދެކޮޅު ހައްދަވައިފިއެވެ.

އުއްތަމަ ފަނޑިޔާރު ޖޭއެސްސީއަށް ފޮނުއްވި ސިޓީއެއްގައި ވަނީ އެ އިދާރާއަށް ހާޒިރުވުމަށް އިއުތިރާޒުވެވަޑައިގަންނަވާ ކަމަށް ވިދާޅުވެފައެވެ. ޖޭއެސްސީއިން އުއްތަމަ ފަނޑިޔާރުގެ އިތުރުން ސުޕްރީމް ކޯޓުގެ އެހެން ތިން ފަނޑިޔާރަކަށް ވެސް ހާޒިރުވާން އެންގި އެވެ. އޭގެ ތެރެއިން ބައެއް ފަނޑިޔާރުން އިއްޔެ ހަވީރާއި ރޭ އެ ކޮމިޝަނަށް ހާޒިރުވެފައިވެ އެވެ.

ޖޭއެސްސީއަށް އެމަނިކުފާނު ފޮނުއްވި ސިޓީގައި ވިދާޅުވީ އުއްމަތަ ފަނޑިޔާރު، ޖޭއެސްސީއަށް ހާޒިރު ކުރުމަކީ އެ ކޮމިޝަނަށް ލިބިގެންވާ ބާރެއް ނޫން ކަމަށެވެ. އަދި ހާޒިރުވާން އަންގާ ފޮނުވާފައިވާ އަމުރަކީ ބާތިލް އަމުރެއް ކަމަށް ވިދާޅުވެފައިވެއެވެ.

ޖޭއެސްސީއިން ބަލަން ނިންމާފައިވަނީ ސުޕްރީމް ކޯޓުން އިހުތިސޯސުން ބޭރުކޮށްފައިވާ ކަންކަން ބެލުމަށް އެ ކޮމިޝަނުން އެކުލަވާލި ކޮމެޓީގެ ރިޕޯޓްގައި ހިމެނޭ މައްސަލަތަކުގައި ހިމެނިވަޑައިގަންނަވާ ސުޕްރީމް ކޯޓު ފަނޑިޔާރުންގެ މައްސަލަތަކެވެ.

އުއްތަމަ ފަނޑިޔާރުގެ ސިޓީގައި ވަނީ ޖޭއެސްސީއިން ބަލަން ނިންމާފައިވާ ޝަކުވާތަކުގެ ތެރޭގައި ޖޭއެސްސީއަށް ބެލުމުގެ އިހްތިސޯސް ލިބިފައިވާ ސުލޫކީ މައްސަލައެއް ނެތް ކަމަށެވެ. އަދި ޖޭއެސްސީއިން ބަލަން ނިންމާފައިވަނީ ސުޕްރީމް ކޯޓުގެ ނިންމުންތަކެއްގެ މައްސަލަތަކެއްކަން ފާހަގަ ކުރައްވަމުން އުއްތަމަ ފަނޑިޔާރު ލިޔުއްވާފައިވަނީ ކޯޓުގެ ނިންމުމެއް ސައްހަތޯ ނުވަތަ ނޫންތޯ ބެލުމުގެ ދައުރެއް ޖޭއެސްސީއަށް ނެތް ކަމަށެވެ. އެފަދަ މައްސަލައެއް ބެލުމުގެ އިޖުރާއަތެއް ޖޭއެސްސީއިން ހިންގާނަމަ އެއި ޣައިރު ދުސްތޫރީ ކަމެއްގެ ގޮތުގައި ސިފަ ކުރެއްވި އެވެ.

ޖޭއެސްސީއިން ސުޕްރީމް ކޯޓާ ގުޅޭ ގޮތުން ތައްޔާރުކުރި ރިޕޯޓް އާންމުކޮށް ރައްޔިތުންގެ މަޖިލީހަށް ހިއްސާކޮށްފައިވެ އެވެ. އެ ރިޕޯޓްގައިވާ ގޮތުން 17 މައްސަލައެއް ފާހަގަކޮށްފައިވެއެވެ.

މީގެކުރިން ޖޭއެސްސީއިން ވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމުގެ ހުންނެވި އަބްދުﷲ ދީދީގެ މައްސަލައެއް ބަލައި އޭނާ ވަކި ކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން ނިންމާފަ އެވެ. އޭނާ މިހާރު ވަނީ ފަނޑިޔާރު ކަމުން ވަކިކޮށްފަ އެވެ. އޭގެ އިތުރުން އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ، ޖޭއެސްސީގެ ރައީސްކަން ވެސް ކުރައްވާ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ އަރީފާއި ފަނޑިޔާރު އާދަމް މުހައްމަދުގެ މައްސަލައެއް ބެލުމަށްފަހު އެ ތިން ފަނޑިޔާރުންނަށް ނަސޭހަތް ދިނުމަށް ވެސް ޖޭއެސްސީއިން ވަނީ ނިންމާފަ އެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ޢިބްރާ

    ނޯ ވަން އިޒް އެބަވް ދަލޯ

    4
    24
  2. ވަވާ

    އަހަރުމެން މި ސަރުކާރާ ދެކޮޅަސް ތި މަޤާމުގައި ބަހައްޓާކަން ބޭނުންނުވޭ.
    ރައީސް ޔާމީން ސަރުކާރުން މުޅި ގައުމު ތަރައްގީ ކުރިއިރު ހަމައެކަނި ނުކުރެވޭކަމަކަށް އޮތީ ސަރުއީ ދާއިރާއިން ރައީސް ޒިންމާ ކުރުވުމަށް ނުކުރެވުނު ކަންކަން. ސަރުކާރު ފެއިލް ކުރުމުގައި ސްޕްރީމްކޯޓުގެ އޭރުގެ ހުރިހާ މެންބަރުން ހިމެނޭ. އައްނި/ނާޒިމް/އިމްރާން އަށް ހުކުމް އިއްވާ ފަހުން އެ ކެންސަލްކޮށް، ބަޔަކު ދޫކުރުމަށް އަމުރުނެރެ އަނެތް ދުވަހު އެ އަމުރު ކެންސަލްކޮށް، މަޖިޅިސް މެމްބަރުންނަށް ވާނުވާ ނޭންގޭ އަމުރު ނެރެ އެތަކެއް މަސްވީފަހުން އެ އަމުރު ސާފުކުރުން.

    27
    2
  3. ސަންފައްތަ

    ދުވާލަކު ގޮތަކަށް ހުކުމްކުރާ ފަނޑިޔާރުންގެ މައްޗަށް އެހެން ބަޔަކުވެސް ހުކުމް އިއްވަފާނެކަން ދަންނަންޖެހޭނެ.

    10
    1
  4. ވަކައޮޅި

    ވައްޖަހާނެ ކަމެއްނެތް އަވަހަށް ޚާޟިރުވޭ!

    5
    7
  5. ދިވެހިން

    އުއްތަމ ފަނޑިޔާރުގެ ވާހަކަ ފުޅަށް 100% ތާއީދު. ކުރާ ޙުކުމަކާއި ގުޅިގެން މައްސަލަ ނުބެލޭނެ

    15
    3
  6. ކެރޭނެބާ

    ޖުޑިޝަރީއަކީ ގައުމުގެ ތިންވަނަ ބާރު.. ތިންވަނަ ބާރުން އެމުއައްސަސާގެ ޒިންމާ އަދާކުރައްވާ.. ގައުމުގެ ދެވަނަބާރާ ފުރަތަމަބާރުން ގުޅިގެން ޖުޑުޝަރީ ހަލާކުކޮއްލާއިރު ހިމޭނުންތިބެނީކީއްވެ.. ގާނޫނުގަވާގޮތަށް އަމަލުކުރޭ.. ރައީސުލް ޖުމްހޫރިއްޔާއާ މަޖުލިހަކީވެސް ގާނޫނުން އުފެދިފަވާ ބާރެ.. މިބާރުތަކުން ގާނޫނުންބޭރުން ހައްދުންނެއްޓޭއިރު ކަންކުރަންވީގޮތް ގާނޫނުގަ އުއްތަމަ ފަޑިޔާރަށް ރަގަޅަށް އެގިވަޑައިގަންނަވާނެ.. ފަސްނުޖެހި ފިރިހެންވަތަ ފިޔަވަޅެ އަޅުއްވާ ހައްލުކޮދެއްވާމިކަންތަ.. ގައުމުމިއޮތީ ހުރިހާ ދިމާއަކުން މިސްރާބު އޮޅިފަ.. އުއްތަމަ ފަޑިޔާރަށް ލިބިދީފަވާބާރު އަދުލު ނަގަހައްޓާދެއްވާ.. ރައީސުލް ޖުމްހޫރިއްޔާވަނީ އެމަނިކުފާނުގެ ހުވާ ހަދާންނެތިފަ.. މަޖުލިސްވަނީ އެމީހުންގެ ހުދޫދުން ބޭރުވެފަ.. ދެންމިއޮތީ ފަޑިޔާރުގެ ކެރޭނެބާ ގައުމާ ރައްޔިތުންގެ ހައްގުގަ ތެދުވާން..

    11
    1
  7. އަލީރާޖާ

    ކަޑައެޅިގެން ގާނޫނާއި ޚިލާފަށް ކޯޓަށް ލިބިދީފައިވާ ބާރުތަކުގެ ބޭރުން ގައިޑަލައިނެއްގެ ނަމުގައި އިންތިޚާބު ބާއްވާނެ އުސޫލުކަޑައެޅީ ކޮން ގާނޫނަކުން ލިބިދޭ ބާރެއްގެ ދަށުންތޯ؟ ދުނިޔޭގެ ކޮންތަނެއްގައިތޯ އެ ބާރު ކޯޓުތަކަށް ދީފައި އޮންނަނީ؟ ވަހީދުގެ ވެރިކަން ކަޑައެޅިގެން ގާނޫނު އަސާސީގައި ވާ މުއްދަތު ހަމަވުމުންވެސް އިތުރަށް ދިގުދަންމާލީ ކޮން ގާނޫނަކުން ލިބިދޭ ބާރަކުންތޯ؟ މިހާރު ހަމަ ކުއްލިއަކަށް ބޭނުންފުޅުވީމާ ހަމަ އެެއްކަލަ ގާނޫނު އަސާސީ ދިފާއަކަށްވީ؟

    2
    8