ދެރަށެއްގައި މިސްކިތް އިމާރާތްކުރުމަށް ކުންފުންޏަކާ ހަވާލުކޮށްފިއެވެ.

މިއަދު މެންދުރު އިސްލާމިކް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި ވަނީ ރ. ވާދޫ އަދި ލ. ކަލައިދޫގައި މިސްކިތެއް ބިނާކުރުމަށްޓަކާ އެސްކޮން ބިލްޑާސްއާ ހަވާލުކޮށްފައެވެ. އެ އެއްބަސްވުމުގައި އިސްލާމިކް މިނިސްޓްރީގެ ފަރާތުން ސޮއި ކޮށްފައި ވަނީ މިނިސްޓަރ ޑރ. އަހުމަދު ޒާހިރު އަލީއެވެ.

ލ. ކަލައިދޫ މިސްކިތް އިމާރާތް ކުރުމަށް ދީފައިވާ މުއްދަތަކީ 270 ދުވަހެވެ. އަދި އެ މަޝްރޫއަށް 5 މިލިއަން ރުފިޔާ ދައުލަތުން ހަރަދުކުރުމަށް ވަނީ ނިންމާފައެވެ. އަދި ރ. ވާދޫ މިސްކިތް އިމާރަތް ކުރުމަށް ދައުލަތުން ދީފައި ވަނީ 4.4 މިލިއަން ރުފިޔާއެވެ. އެ މިސްކިތް ނިންމުމަށް ހަމަޖެހިފައި ވަނީ 150 ދުވަހުގެ ތެރޭގައެވެ.

އެ ރަސްމިޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރ ޒާހިރު ވިދާޅުވީ އެ މިސްކިތްތައް އިމާރާތްކުރުމަށް ނިންމާފައި ވަނީ އެ ރަށްރަށުގެ މިސްކިތުގެ ޖާގައިގެ ދަތިކަން އިންތިހާއަށް ބޮޑުވެގެން ކަމަށާއި އެ މަސައްކަތް ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި ނިންމުމަށް އެދޭ ކަމަށެވެ. އަދި އެ މަސައްކަތް ނުފެށި ގިނަ ދުވަސްތަކެއް ވެގެން ދިއުމަކީ ރައްޔިތުންނަށް ލިބޭނެ ނިކަމެތިކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން މިނިސްޓަރ ވަނީ އިމާރާތްކުރުމުގައި ފެންވަރު ރަނގަޅުތަކެތި ބޭނުން ކުރުމަށާއި، ދެވަނަ ފަހަރަށް މަސައްކަތް ކުރަން ނުޖެހޭ ގޮތަށް މިސްކިތް އިމާރާތްކުރުމަށް ކޮންޓްރެކްޓަރުގެ ކިބައިން އެދިފައެވެ.

ރ. ވާދޫ އަދި ލ. ކަލައިދޫގައި މިސްކިތެއް އިމާރާތްކުރުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވައުދުފުޅެކެވެ.