ދަނޑުވެރިކަމުގެ ދާއިރާގެ ބޮޑު މަޝްރޫޢެއް ރާއްޖޭގައި ފެށުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދު ވިދާޅުވެއްޖެއެވެ.

ދުނިޔޭގެ ކާބޯތަކެތީގެ ދުވަހާއި ގުޅިގެން މިއަދު ބޭއްވި ޚާއްޞަ ޕެނަލް ޑިސްކަޝަނަށްފަހު ވާހަކަދައްކަވަމުން މިނިސްޓަރ ވަނީ ދަނޑުވެރިކަމުގެ ދާއިރާ ތަރައްޤީ ކުރުމަށް މިނިސްޓްރީން ކުރިއަށްގެންދަން ނިންމަވާފައިވާ މުހިންމު ބައެއް މަސައްކަތްތަކުގެ މައްޗަށް އަލި އަޅުއްވައި ވާހަކަ ދައްކަވާފައެވެ.

އޭގެ ތެރޭގައި ދަނޑުވެރިން އުފައްދާ ތަކެއްޗަށް ހަމަ އަގު ނުލިބުމާއި، ތަކެތި މާކެޓް ކުރުމުގައި ހުރި ދަތިތައް ޙައްލު ކުރުމަށްޓަކައި ދަނޑުވެރިންނަށް ބޭނުންވާ ތަފާތު އާލާތްތަކާއި ގަސްކާނާ އާއި މުޑުވައް ފޯރުކޮށްދިނުމަށާއި ދަނޑުވެރިން އުފައްދާ ތަކެތި މާކެޓް ކުރުމަށް، އެކަމަށް ޚާއްޞަ ކުންފުންޏެއް އުފެއްދުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މީގެއިތުރުން ދަނޑުވެރިކަމުގެ ސިނާޢަތު އިތުރު ހަރުފަތަކަށް ގެންދިއުމަށްޓަކައި އިންޓަނޭޝަނަލް ފަންޑް ފޮރ އެގްރިކަލްޗަރ ޑިވެލޮޕްމަންޓްގެ އެހީގައި ދަނޑުވެރިކަމުގެ ދާއިރާގެ ބޮޑު މަޝްރޫޢެއް ރާއްޖޭގައި ފެށުމަށް މަސައްކަތް ކުރައްވަމުން ގެންދަވާކަން މިނިސްޓަރު އިއުލާން ކުރެއްވިއެވެ.

އަދި އެމަޝްރޫޢުގެ ޢަމަލީ މަސައްކަތް 2020 ވަނަ އަހަރު ފެށިގެންދާނެ ކަމަށްވެސް މިނިސްޓަރު ޒަހާ ވިދާޅުވިއެވެ. ނަމަވެސް އެ މަޝްރޫއާ ގުޅޭ އިތުރު ތަފްސީލެއް މިނިސްޓަރު ހާމަކުރައްވާފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޒާ

    ހެހެ. ކަމަނާ. ދަނޑުވެރިންނަށްވެސް ހަމައަގު ހޯދަދޭ ވާހަކަ ދައްކަވަނީތޯ؟ މަސްވެރިންނަށްވެސް ހަމައަގުދެއްވީމުދޯ؟

  2. ހުސެންދީ

    އިސްލާމްދީނަށް ޖޯކުޖަހާ ކީރިތި ރަސޫލާއަށް ފުރައްސާރަކުރާ މީހުންނަށް ފިޔަވަޅެއް ނާޅާ ، ތިކަން ހެޔޮ ދުވަހަކު ނުކުރިޔަސް...