ރާއްޖޭގެ ހުރިހާ ވިޔަފާރިވެރިންނަށްވެސް ސިންގަލް ވިންޑޯފަދަ އޮންލައިން ޕްލެޓްފޯމެއް ބޭނުންވާނެ ކަމަށް އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

ނޭޝަނަލް ސިންގަލް ވިންޑޯ ކޮންސަލްޓޭޝަން ވޯކްޝޮޕް ފެށުމަށް މިއަދު ކުރުނބާ މޯލްޑިވްސްގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސައީދު ވިދާޅުވީ ނޭޝަނަލް ސިންގަލް ވިންޑޯ އަކީ އޮންލައިން ޕްލެޓްފޯމެއް ކަމަށާއި މި ޕްލެޓްޕޯމްގެ ދަށުން ވެލާނާ އިންޓަނޭޝަލް އަށް އަންނަ މަތިންދާބޯޓުތަކުގެ އިތުރުން ބޯޓުފަހަރުތަކުން އަންނަ މުދާ ކާގޯކުރުމުގެ ހުއްދަ އޮންލައިންކޮށް ވިޔަފާރިވެރިންނަށް ސަރުކާރުގެ އެހެން އިދާރާތަކާއި ހިއްސާކުރެވޭނެ ކަމަށެވެ.

ނޭޝަނަލް ސިންގަލް ވިންޑޯ ކޮންސަލްޓޭޝަން ވޯކްޝޮޕް ފެށުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން - ވަގުތު އިމޭޖަސް: އަމީން ފަހުމީ

އެގޮތުން އަންނަ އަހަރުގެ ފުރަތަމަ ކުއާޓަރުގެ ތެރޭގައި މި ޕްލެޓްޕޯމް ގާއިމް ކުރުމުގެ މަސައްކަތްތައް ކުރަމުންދާ ކަމަށާއި މި ޕްރޮޖެކްޓް ހިންގުމަށް ރޭވިފައިވަނީ 5 އަހަރުގެ މުއްދަތަކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި ސަރުކާރުގެ ހަތް އިދާރާއެއް ބައިވެރިވެގެން ކުރިއަށްގެންދާ އެ ވޯކްޝޮޕަކީ ސިންގަލް ވިންޑޯ ޕްރޮޖެންކްޓް ހިންގުމަށްޓަކައި ވާންޖެހޭ ތައްޔާރީތަށް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

އޭގެ އިތުރުން މިނިސްޓަރ ވިދާޅުވީ ބައިނަލްއަގުވާމީ ކޮންމެ ތަރައްގީވެފައިވާ ގައުމެއްގައިވެސް ޑިމާންޑްތައް ހުންނަ ފެންވަރަށް ދިވެހިރާއްޖޭގެ ޑިމާންޑްތައް އެބަހުރި ކަމަށާއި ސަރުކާރުން މިފަދަ ކަންކަމަށް އިސްކަމެއްދީފައި ވަނީ އެހެންކަމުން ކަމަށެވެ. އަދި މި އުފާވެރި ހަބަރު ވިޔަފާރިވެރިންނާއި މިކަމުގައި ހަރަކާތްތެރިވާ ހުރިހާ ފަރާތްތައް ބަލައިގަންނާނީ އުފަލާއިއެކުގައި ކަމަށް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.

ނޭޝަނަލް ސިންގަލް ވިންޑޯ ކޮންސަލްޓޭޝަން ވޯކްޝޮޕް ފެށުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން - ވަގުތު އިމޭޖަސް: އަމީން ފަހުމީ

"ބައިނަލްއަގުވާމީ ކޮންމެ ތަރައްގީވެފައި ހުރި ގައުމެއްގައިވެސް ޑިމާންޑްތައް ހުންނަ ފެންވަރަށް ދިވެހިރާއްޖޭގެ ޑިމާންޑްތައް މިހާރު އެބަހުރި، އެހެންކަމުން ސަރުކާރުން މިކަމަށް އިސްކަމެއްދީފައި މިވަނީ. ޔަގީން ކުރެވޭ ގޮތުގައި މި އުފާވެރި ހަބަރު ވިޔަފާރިވެރިން އަދި މިކަމުގައި ހަރަކާތްތެރިވާ ހުރިހާ ފަރާތްތައް ބަލައިގަންނާނީ ވަރަށް އުފަލާއިއެކު،" މިނިސްޓަރ ވިދާޅުވިއެވެ.

މިއަދުގެ ރަސްމިއްޔާތުގައި އިކޮނޮމިކް މިނިސްޓްރީގެ ޑެޕިއުޓީ މިިނިސްޓަރ ހަދީޖާ ހުސެއިން ވިދާޅުވީ ނެޓަނަލް ސިންގަލް ވިންޑޯ އަކީ ސަސެކް ވިންޑޯސްގެ ދަށުން ފައިނޭންސްކޮށްގެން ހިންގާ ޕްރޮޖެކްޓެއް ކަމަށާއި ޕްރޮޖެކްޓްގެ ޖުމްލަ އަދަދަކީ ގާތްގަޑަކަށް 6 މިލިޔަން ޑޮލަރު (92 މިލިޔަން ރުފިޔާ) ކަމަށެވެ.

އިކޮނޮމިކް މިނިސްޓްރީގެ ޑެޕިއުޓީ މިިނިސްޓަރ ހަދީޖާ ހުސެއިން

އަދި މި ވޯކްޝޮޕްގެ މައިގަނޑު މަގްސަދަކީ ދުނިޔޭގެ އެހެން ގައުމުތަކުގެ ނެޓަނަލް ސިންގަލް ވިންޑޯގެ ތަޖުރިބާ ހިއްސާކުރުމުގެ އިތުރުން މި ޕްރޮޖެކްޓް ހިންގުމަށްޓަކައި ކުރުމަށްޖެހޭ އެހެން މަޝްވަރާތައް ކުރިއަށް ގެންދިޔުން ކަމަށް ހަދީޖާ ހުސެއިން ވިދާޅުވިއެވެ. މި ޕްލެޓްފޯމްގެ ދަށުން ވިޔަފާރިވެރިންގެ އެކި އެކި ލިޔެކިޔުންތައް ސަރުކާރުގެ އެހެން އިދާރާތަކާއި ހިއްސާކުރެވޭނެ ކަމަށާއި މި ޕްލެޓްފޯމް ގާއިމްކުރެވުމުން އޮފީސްތަކުގައި ތިބެގެން އޮންލައިންކޮށް ބޭނުންވާ ލިޔެކިޔުންތައް ކަމާބެހޭ އިދާރާތަކާއި ހުށައެޅޭނެ ކަމަށް ހަދީޖާ ހުސެއިން ވިދާޅުވިއެވެ.

ނޭޝަނަލް ސިންގަލް ވިންޑޯ ކޮންސަލްޓޭޝަން ވޯކްޝޮޕް ފެށުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން - ވަގުތު އިމޭޖަސް: އަމީން ފަހުމީ

އެގޮތުން ވިޔަފާރިވެރިންގެ ވަރަށް ގިނަ ވަގުތު މިކަމުގެ ސަބަބުން ހުސްވެގެންދާނެ ކަމަށާއި ލިޔެކިޔުންތަކުގެ އިތުރުން "އޮންލައިން އީ ޕޭމެންޓް" ނުވަތަ ފައިސާގެ މުއާމަލާތުތައްވެސް ހިންގިގެންދާނެ ކަމަށާއި، އަދި ސަރުކާރުގެ އެކި އެކި ކަމާބެހޭ އިދާރާތަކުގެ އައިޓީ ސިސްޓަމްތައް ވަރުގަދަވެ ސިސްޓަމްތައް އިތުރަށް ކުރިއަރައިގެންދާނެ ކަމަށާއި އެހެންކަމުން ހުރިހާ އިދާރާތަކުން އޮންލައިންކޮށް މުއާމަލާތުތައް ހިންގޭނެ ކަމަށް ހަދީޖާ ހުސެއިން ވިދާޅުވިއެވެ.