ދ. އަތޮޅު ހޮސްޕިޓަލުގައި ދަތުގެ ފަރުވާގެ ޚިދުމަތް، ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުހައްމަދު ސޯލިހު ފައްޓަވައި ދެއްވައިފި އެވެ.

ދަތުގެ ފަރުވާގެ ޚިދުމަތް ދ. އަތޮޅު ހޮސްޕިޓަލުގައި ރަސްމީކޮށް ފައްޓަވައިދެއްވާފައިވަނީ އެ ހޮސްޕިޓަލްގެ ރަންޔޫބީލް ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގަ އެވެ. މި ޚިދުމަތް ފައްޓަވައިދެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާވަނީ މި ޚިދުމަތް ދިނުމަށް ޚާއްސަކޮށްފައިވާ ތަން ބައްލަވާލައްވައިފަ އެވެ.

ދ. އަތޮޅުގައި ސިއްޙީ މަރުކަޒެއް ބިނާކޮށް، ސިއްޙީ ޚިދުމަތް ދޭން ފެށީ 21 ޖުލައި 1969 ގައެވެ. ކުޑަހުވަދޫ ސިއްޙީ މަރުކަޒު އިތުރަށް ތަރައްޤީކޮށް، ހޮސްޕިޓަލަކަށް ބަދަލުކޮށްފައިވަނީ 24 މެއި 2002 ގައެވެ. ޑެންޓިސްޓެއްގެ ޚިދުމަތާއިއެކުއެވެ.

ދ. އަތޮޅު ހޮސްޕިޓަލުގައި މި ވަގުތު ފޯރުކޮށްދޭ ސްޕެޝަލިސްޓް ޚިދުމަތްތަކުގެ ތެރޭގައި އަންހެނުންގެ ޚާއްސަ ޑޮކްޓަރަކާއި، ކުޑަކުދިންގެ ޑޮކްޓަރަކާއި، ހޭނައްތާ ޑޮކްޓަރަކާއި، އޮޕަރޭޝަން ޑޮކްޓަރަކާއި، އެތެރެ ހަށީގެ ޚާއްޞަ ޑޮކްޓަރެއްގެ ޚިދުމަތް ހިމެނެ އެވެ.

ދ. އަތޮޅުގެ ހޮސްޕިޓަލުގައި ދަތުގެ ފަރުވާގެ ޚިދުމަތް ފައްޓަވާދެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާވަނީ، ކުޑަހުވަދޫގެ މުއައްސަސާތަކުގެ އިސް ވެރިންނާ ބައްދަލުކުރައްވައި، ރައްޔިތުންނަށް އެންމެ ފުރިހަމަ ގޮތުގައި ޚިދުމަތްތައް ފޯރުކޮށްދިނުމުގައި އެ ފަރާތްތަކަށް ހުރި ދަތިތަކާއި ބެހޭގޮތުން މަޢުލޫމާތު އޮޅުންފިލުއްވައި މަޝްވަރާކުރައްވާފައެވެ. މި ބައްދަލުކުރެއްވުން އޮތީ ދ. އަތޮޅު ކައުންސިލް އިދާރާގައެވެ.

މި ބައްދަލުކުރެއްވުމުގައި މަޝްވަރާ ކުރައްވާފައިވާ ބައެއް ކަންތައްތަކުގެ ތެރޭގައި މުއައްސަސާތަކަށް މުވައްޒަފުން ހޯދުމާއި ޢިމާރާތްތަކުގެ ޖާގައިގެ ދަތިކަން ހިމެނެއެވެ. މީގެ އިތުރުން، އެންމެ އެކަށީގެންވާ ގޮތެއްގައި ކަރަންޓާއި، ފެނާއި، ނަރުދަމާގެ ޚިދުމަތް ފޯރުކޮށްދިނުމަށް ހުރި ހުރަސްތަކާއި، ބޭންކިންގގެ ޚިދުމަތްތައް ދިނުމުގައި ހުރި ގޮންޖެހުންތަކާއި، ދ. އަތޮޅު ތަޢުލީމީ މަރުކަޒަށް ހުރި ދަތިތަކާއި، ސިއްޙީ ޚިދުމަތްތައް އިތުރަށް ފުރިހަމަ ކުރުމަށް ބޭނުންވާ ކަންތައްތަކާއިމެދު މަޝްވަރާ ކުރެއްވި އެވެ.

މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ، މުއައްސަސާތަކުގެ އިސް ވެރިން ފާހަގަ ކުރައްވާފައިވާ ކަންތައްތަކުގެ ތެރެއިން މިހާރުން މިހާރަށް ހައްލު ކުރެވޭނެ ކަންތައްތައް ބައްލަވައި، އެކަންކަން ހައްލު ކުރައްވަން ކަމާބެހޭ އިދާރާތަކާ މަޝްވަރާ ކުރައްވައިގެން މަސައްކަތްޕުޅު ކުރައްވާނެ ކަމުގައި ވިދާޅުވެފަ އެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ހުސްނޫނު

    ތި ހުރިހާކަމެއް ހުއްޓާލާފަވެސް އިސްލާމް ދީނާއި ކީރިތި ރަސޫލާއަށް ފުރައްސާރަކުރާ މީހުންނަށް ފިޔަވަޅު އަޅާބަލަ.. ކޮބާ ވަލިއްޔުލް އަމުރުގެ ޒިންމާ... ކޮބާ ކުރިހުވާ... ކޮބާ ވެރިކަމަށް އަންނަން ވީ ވަޢުދު.. ހުރިހާ ކަމެއް މިއޮށް ޗޮކުހުން ދަނީ.. ތަރައްޤީއެއް ފައިސާއެއް ޞިއްޙަތެއް ކިޔާނެކަމެއް ނެތް... އިސްލާމްދީނުގެ އަޤީދާ އާއި ކީރިތި ރަސޫލާ މާ ބޮޑަށް މުހިނންމު...

    7
    2