ސައުތު އޭޝިއާ އިނީޝިއޭޓިވް ޓު އެންޑް ވަޔަލަންސް އެގެއިންސްޓް ޗިލްޑްރެން (ސައިވާކް)ގެ އަށް ވަނަ ގަވަނިންގް ބޯޑް ބައްދަލުވުން ފަށައިފި އެވެ.

މި ބައްދަލުވުމަކީ ޖެންޑާ މިނިސްޓްރީ އާއި ސައިވާކް ގުޅިގެން ތިންދުވަހުގެ މުއްދަތަށް ހުޅުމާލޭ ޔޫތުސެންޓަރުގައި ކުރިއަށްދާ ބައްދަލުވުމެކެވެ.

މި ބައްދަލުވުމާ ގުޅޭ ގޮތުން ޖެންޑާ މިނިސްޓްރީން ބުނީ މި ބައްދަލުވުމުގެ މަގްސަދަކީ ސައިވާކް މޫވްމެންޓްގެ ފަރާތުން ހާސިލު ކުރަމުންދާ ކުރިއެރުންތަކާއި ދިމާވާ އެކި ގޮންޖެހުންތަކާއި ގުޅޭ ގޮތުން މެމްބަރު ޤައުމުތަކުގެ މެދުގައި މަޝްވަރާކުރުން ކަމަށެވެ. އަދި ސައިވާކްގެ ހަތްވަނަ ގަވާނިން ބޮޑް ބައްދަލުވުމުގައި ނިންމުނު ކަންތައްތައް ހާސިލްކުރުމުގައި ހޯދިފައިވާ ކުރިއެރުންތަށް ދެނެގަތުމާއި ފަސް ވަނަ ސައިވާކް މިނިސްޓްރިއަލް މީޓިންގެ ލަނޑުދަނޑިތަކާއި ގުޅޭ ގޮތުން ޚިޔާލު ބަދަލު ކުރުން ކަމަށްވެސް އެ މިނިސްޓްރީން ބުނެ އެވެ.

ރާއްޖޭގައި ފުރަތަމަ ފަހަރަށް ބާއްވާ މި ބައްދަލުވުމުގައި ސާކްގެ ހުރިހާ ޤައުމެއްގެ މަންދޫބުން ވަނީ ބައިވެރިވެފަ އެވެ.

ސައިވާކް އަކީ ދެކުނު އޭޝިއާގައި ދިރިއުޅޭ ކުޑަކުދިން އެކި އެކި ބާވަތްތަކުގެ އަނިޔާ އާއި، ހާނީއްކަ އާއި، ނަހަމަ ގޮތުގައި އެކުދިން ބޭނުންކުރުމާއި، އިހުމާލުވުން އަދި ނަސްލީ ތަފާތު ކުރުންތަކުން އެއްކިބާވެފައިވާ މާހައުލެއް ތަނވަސްކޮށްދިނުމުގެ ތަސައްވުރުގައި ސާކްގެ މެމްބަރު އަށް ޤައުމެއްގެ މައްޗަށް އުފެދިފައިވާ އިންޓަރ ގަވަރމަންޓް ސާކް އެޕެކްސް ބޮޑީއެކެވެ.