ހއ.އިހަވަންދޫ އައިސްޕްލާންޓް ތެރޭގައި އިސްމާއީލް އުމަރު (އިއްސެ) މަރާލި މައްސަލައިގައި ދައުވާ އުފުލާފައިވާ ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ މުހައްމަދު މިލޮން، އިއްސެ މަރާލި ސުމޮން މިއާ ފިލައިގެން ދިއުމަށް ބޮޑުއަގުގައި ލޯންޗެއް ހިފިކަމަށް ހެކިވެރިން ކޯޓުގައި ބުނެފިއެވެ.

އިކްރަމް ސެއިހު އާއި މުހައްމަދު މިލޮންގެ މައްޗަށް ދައުވާ ކުރަނީ އެނގިހުރެ މަރެއް ފޮރުވިކަމަށް ބުނެއެވެ.

މި މައްސަލައާއި ގުޅިގެން ފުލުހުންނަށް ލިބިފައިވާ މަޢުލޫމާތުން އެނގޭ ގޮތުން، ހއ. އިހަވަންދޫ އިން ހދ. ކުޅުދުއްފުއްޓަށް 15 ޖޫން 2017 ރޭގަނޑުގެ ވަގުތެއްގައި ދަތުރުކޮށްފައި ވަނީ އިއްސެ މަރާލި މައްސަލައިގަ މަރުގެ ދަޢުވާ އުފުލާފައިވާ ސުމޮން މިއާ އެވެ.

އިއްޔެ ކްރިމިނަލް ކޯޓުގައި ކުރިއަށް ދިޔަ މި މައްސަލައިގެ ޝަރީޢަތުގައި ދަޢުލަތުގެ ފަރާތުން އެމީހުންނާ ދެކޮޅަށް ހުށަހަޅާފައިވަނީ ދެ މީހެއްގެ ހެކިބަހެވެ. މީގެ ތެރެއިން އެކަކުގެ ހެކިބަސް ދީފައިވަނީ ސިއްރު ހެއްކެއްގެ ގޮތުން، އަޑު ބަދަލު ކޮށްގެންނެވެ. އަޑު ބަދަލު ކޮށްގެން ހެކިބަސް ދިން މީހާ ޝަރީޢަތުގެ މަޖިލީހަށް ހެކިބަސް ދީފައިވަނީ މުހައްމަދު މިލޮން އޭނާގެ ރައްޓެއްސަކަށް ދަތުރެއް ހޯދުމަށް 15 ޖޫން 2017 ވަނަ ދުވަހުގެ ރޭ 23:00 - 22:00 އާ ދޭތެރޭ ކުޅުދުއްފުއްޓަށް ދާންވެގެން ލޯންޗެއްގެ ކެޕްޓަނަކަށް ފައިސާ ހުށަހަޅި ކަން ސާބިތުކޮށްދިނުމުގެ ގޮތުންނެވެ.

ސިއްރު ހެކިވެރިޔާ ބުނެފައިވަނީ އެރޭ ބަންގްލަދޭޝް މީހަކު ދަތުރެއް ހޯދުމަށް އައި ކަމަށާއި ނަމަވެސް ރޭގަނޑު ދަތުރު ކުރަންޏާ އަގުބޮޑުވާނެ ކަމަށް ލޯންޗު ދުއްވާ މީހާ މިލޮން ކައިރީ ބުނިކަމަށެވެ. އަދި އެ ގަޑީގައި ދަތުރު ކުރެވޭނީ 10000 ރުފިޔާ އަށް ކަމަށް އޭނާ އަަށް އެންގި ކަމަށެވެ. އެހެން ބުނުމުން މިލޮން އަދި އިތުރަށްވެސް 2000 ރުފިޔާ ދޭނެ ކަމަށް ބުނެ 12000 އަށް އެ ދަތުރު ކުރަން ހަމަޖެހުނު ކަމަށް އޭނާ ބުންޏެވެ.

ދެވަނަ އަށް ހެކިބަސް ދިނީ ދަތުރުކުރި ލޯންޗު ދުއްވި މީހާ އެވެ. އެމީހާ ބުނީ ހއ. އިހަވަންދޫ ލޯންޗެއްގައި މަސައްކަތް ކުރާ ބަންގްލަދޭޝްގެ މީހެއް ކަމަށްވާ މުހައްމަދު މިލޮން އޭނާގެ ކައިރިއަށް ކުއްލި ދަތުރެއް ކޮށްދިނުމަށް އެދި 15 ޖޫން 2017 ވަނަ ދުވަހުގެ ރޭ އައި ކަމަށާއި އެއީ އޭނާގެ ރައްޓެއްސަކަށް ހަމަޖައްސައިދޭ ދަތުރެއް ކަމަށް ބުނި ކަމަށެވެ. ރޭގަނޑު ދަތުރުގެ އަގުބޮޑު ވާނެ ކަމަށް އޭނާ ބުނި ކަމަށް ހެކިވެރިޔާ ބުންޏެވެ. އަދި ދަތުރުކޮށްދެވޭނީ 10،000 ރުފިޔާއަށޭ ބުނުމުން، މިލޮން އިތުރަށް 2000 ރުފިޔާ ދީފަ 'އޯކޭ ވާނެއޭ' ބުނުމުން އެ ދަތުރު ކޮށްދީފައިވާނެ ކަމަށެވެ.

އެހެން ރަށެއްގައި ހުރެ އޭނާގެ ހެކިބަސް ނަގާފައިވަނީ ކޯޓުގެ ވީޑިއޯ ކޮންފަރެންސް ކޯލްގެ ޒަރިއްޔާއިންނެވެ. ދިފާޢީ ވަކީލުން ވަނީ ހެކިވެރިން ކަައިރިން ޝަރީޢަތުގެ މަޖިލީހަށް ހާޒިރުވެފަ ތިބި މީހުންގެ ތެރެއިން މުހައްމަދު މިލޮން ވަކިކުރަން އެނގޭތޯ އައްސަވާފައެވެ. ލޯންޗު ދުއްވި މީހާ އެ ސުވާލުގެ ޖަވާބުގައި ބުނީ އެ ހާދިސާ ހިނގިތާ އެތައް ދުވަހެއް ވެފައިވުމުގެ ސަބަބުން މީހުންގެ ސިފައަށް ބަދަލު އައިސްފައި ހުރި ކަމަށް ފާހަގަވާ ކަމަށާއި، ކޯޓަށް ހާޒިރުކޮށްފައި ހުރީ މިލޮން ކަން ކަނޑައެޅިގެން ބުނަން އޭނާއަށް ނޭނގޭ ކަމަށެވެ. ސިއްރު ހެކިވެރިޔާ ވެސް ބުނީ އޭނާ އަށް ޝަރީޢަތުގެ މަޖިލީހުގައި ހުރީ މިލޮން ކަން ބުނަން ނޭނގޭ ކަމަށެވެ.

ދަޢުލަތުގެ ވަކީލު އެ ދެ ހެކިވެރިންނާއި ކުރެއްވި ސުވާލަކަށް ޖަވާބު ދެމުން ދެ ހެކިވެރިންވެސް ބުނީ ދަތުރެއް ހަމަޖައްސަންވެގެން މިލޮން އައި ވަގުތު އިހަވަންދޫގައި މީހަކު މަރާލައިގެން އުޅޭ ކަމުގެ ޙަބަރު އެމީހުންނަށް ލިބިފައި ނުވާ ކަމަށެވެ. ހެކިވެރިން ބުނީ އެރަށުގައި މީހަކު މަރުވެގެން އުޅޭ ކަމުގެ ޙަބަރު އެމީހުންނަށް ލިބުނީ އަނެއް ދުވަހުގެ ހެނދުނުގައި ކަމަށެވެ.

އިއްސެ މަރާލި މައްސަލައިގަ މަރެއް ފޮރުވަން އުޅުނު ކަމުގެ ތުހުމަތުގައި ދަޢުލަތުން ދަޢުވާ ކޮށްފައިވާ ދެ މީހުންގެ ތެރޭގައި ހިމެނޭ އިކްރަމް ސެއިހު އާއި ގުޅޭގޮތުން އެއްވެސް ހެކިވެރިއަކު އެއްވެސް ކަމެއް ފާހަގަކޮށްފައިނުވާތީ، އިކްރަމްގެ ވަކީލު ވަނީ މައްސަލަ ބައްލަވާ ޤާޒީ ކައިރީ އޭނާގެ މުވައްކިލުގެ ފަރާތުން ކަންތައްތަކެއް ފާހަގަކޮށްފައެވެ.

އިކްރަމް މިހާރު ބަންދުގައި ހުންނަތާ 2 އަހަރާއި، 4 މަސް ވެއްޖެ ކަމަށާއި، އޭނާގެ މައްޗަށް ކުރެވޭ ދަޢުވާ ސާބިތުވިއަސް އެންމެ ގިނަވެގެން ޖަލަށް ލެވޭނެ ކަމަށް ޖިނާޢީ އިޖުރާތުގައި އޮންނަނީ 1 އަހަރާއި 7 މަހާއި، 6 ދުވަހަށް ކަމަށާއި، އެ މުއްދަތުވެސް މިހާރު ފަހަނައަޅައި ގޮސްފި ކަމަށެވެ. އަދި ޝަރުޢީ ގޮތުން މީހަކު ކުރި ކުށަކަށް ނޫނީ އެމީހަކަށް އަދަބު ލިބެން ނުޖެހޭ ކަމަށާއި، އޭނާ ބަންދުގައި ބަހައްޓަން ޖެހޭ ސަބަބެއް ނެތް ކަމަށް ވަކީލު ފާހަގަކުރިއެވެ.

ދަޢުލަތުގެ ވަކީލު ވިދާޅުވީ ވިކްރަމްގެ މައްޗަށް ކުރެވެނީ ބޮޑު މަރެއްގެ މައްސަލެއްގެ ދަޢުވާ އެއް ކަމަށާއި، އޭނާ ޖަލު ބަންދުގައި ހުރީ އަދަބެއްގެ ގޮތުން ނޫންކަމަށާއި، އެއީ ޝަރީޢަތް ނިމެންދެން ކަމަށެވެ. އަދި މައްސަލައިގެ ބާވަތަށާއި، ކުޑަބޮޑު މިނަށާއި، އަދި ލިބިފައިވާ ހެކިތަކަށް ބަލާފައި އޭނާގެ ބަންދަށް ލުޔެއް ދޭން ދަޢުލަތަށް ނުފެންނަ ކަމަށެވެ. ނަމަވެސް މައްސަލައިގެ އަޑުއެހުންތައް ވީހާވެސް އަވަހަކަށް ކުރިއަށް ގެންގޮސް ނިންމައިދިނުމަށް އެދޭކަމަށް ދަޢުލަތުގެ ފަރާތުންވެސް އެދުނެވެ.

ހއ. އިހަވަންދޫގައި ހުންނަ މިފްކޯ އައިސް ޕްލާންޓްގެ މެކޭނިކެއްގެ ގޮތުގައި އުޅުނު ޅ. ހިންނަވަރު، އިއްސެ މަރާލީ ނޭވާ ހާސްކޮށްގެން މަރާލަން އުޅެނިކޮށް ހޭލެވުމުން މެޔަށް ވަޅި ހަރައިގެންކަމަށް ފުލުހުން ވަނީ މީގެ ކުރިން ބުނެފައެވެ.

އިއްސެގެ މަރުގެ މައްސަލައިގަ އެނގިހުރެ މަރެއް ފޮރުވުމުގެ ދަޢުވާކޮށްފައިވާ ބަންގްލަދޭޝްގެ ދެ މީހުންގެ ޝަރީޢަތުގެ ދެން އަޑުއެހުމެއް އޮންނާނީ އަންނަ މަހުގެ 5 ވަނަ ދުވަހުގައެވެ. އެދުވަހު އޮންނާނީ އެ މައްސަލައިގަ މިއަދު ދިން ހެކިބަހާ ގުޅޭގޮތުން ވާހަކަ ދެއްކުމާއި، މައްސަލައިގެ ޚުލާސާ ބަޔާން އިއްވުމެވެ.