ސުޕްރީމް ކޯޓުގެ ފޯނަކުން ކުރީގެ އެ ކޯޓުގެ ފަނޑިޔާރެއްގެ މަގާމުގައި ހުންނެވި އަލީ ހަމީދު ދެ ބޭފުޅެއްގެ އެކައުންޓައް ފައިސާ ޓްރާންސްފާ ކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައި، ކްރިމިނަލް ކޯޓުގައި އެކަމާ ގުޅިގެން ދައުލަތަށް ސުވާލުތަކެއް އަމާޒުވެއްޖެއެވެ.

މިއަދު އެ މައްސަލައާ ގުޅިގެން އޮތް ކޯޓު އަޑުއެހުމުގައި ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހުމަދު ހައިލަމް ވަނީ އެ މައްސަލަ ނުބެލުމަށް ކުރިން ނިންމި ނިންމުން އަލުން އިސްތިއުނާފް ކޮށްފައިި ނުވަނީ ކީއްވެގެންތޯ ދައުލަތާ ސުވާލުކޮށްފައެވެ. ދައުލަތުން ބުނެފައި ވަނީ އެ މައްސަލަ އިސްތިއުނާފް ނުކުރީ އެއީ ފަނޑިޔާރުންގެ މަޖިލީހުން ނިންމި ނިންމުކަށް ވާތީ ކަމަށާއި ފަނޑިޔާރުންގެ މަޖިލީހުން ނިންމާ ނިންމުން އިސްތިއުނާފް ކުރަން ނުޖެހޭނެ ކަމަށެވެ.

ދައުލަތުން ބުނެފައިވާ ގޮތުގައި އެމައްސަލައިގައި ދައުވާ އުފުލުމަށް އޭސީސީ އިން ފޮނުވުމުން އަލުން އަނބުރައި މައްސަލަ އެންޓި ކޮރަޕޝަން ކޮމިޝަން (އޭސީސީ)އަށް ވަނީ ފޮނުވައިފައެވެ. އަދި އެ މައްސަލަ އަލުން އޭސީސީ އަށް ފޮނުވީ ވަކި ގޮތެއް ކަނޑަ ނާޅައި ކަމަށް ދައުލަތުން ވަނީ ބުނެފައެވެ.

މި މައްސަލައާ ގުޅިގެން އަލީ ހަމީދު ވިދާޅުވީ ސުޕްރީމް ކޯޓުގެ އެ ފޯނުގެ ސިމް މީގެ ކުރިން އޮންނާނީ އޭނާގެ ފޯނުގައި ކަަމަށާއި އެއީ ކޯޓުގެ ސިމެއްކަން ނޭނގި ޓްރާންސްފާ ކޮށްފައި ވަނީ އޭނާގެ ބޭފުޅުންނެވެ. އަދި އެކަން އެނގިވަޑައިގަތުމާއެކު އެ ފައިސާ ކޯޓަށް ދައްކައިފައި ވާނޭކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

އަލީ ހަމީދުގެ މައްޗަށް ކޮށްފައިވާ ދައުވާ އަކީ ސުޕްރިމް ކޯޓުގެ ފަނޑިޔާރެއްގެ މަގާމުގައި ހުރެ، 2011 ވަނަ އަހަރުގެ ތެރޭގައި އަމިއްލަ ބޭނުމަކަށް ދެފޯނަކަށް 2000 އަށްވުރެ ގިނަ ފައިސާ ކޯޓުގެ ފޯނަކުން ޓްރާންސްފާ ކުރިކަމުގެ ދައުވާއެވެ. އެ މައްސަލައިގައި އޭނާގެ މައްޗަށް ކޮށްފައިވަނީ ދައުލަތުގައި މަގާމެއްގައި ހުރެ ދައުލަތުގެ މުދަލެއް ނުވަތަ ފައިސާއެއް އަމިއްލަ ބޭނުމަށް ބޭނުންކޮށްފައިވާ ކަމުގެ ތުހުމަތެވެ.

އެ މައްސަލަ އޭސީސީ އިން ތަހުގީގު ކުރުމަށްފަހު ދައުވާ އުފުލުމަށް ކްރިމިނަލް ކޯޓަށް ފޮނުވުމުން އެ މައްސަލަ ބެލެން ނެތްކަމަށް ބުނެ ކްރިމިނަލް ކޯޓުން ވަނީ އޭސީސީ އަށް އަނބުރާ ފޮނުވައިލައިފައެވެ. އަދި އެއަށްފަހު ދެވަނަ ފަހަރަށް ދައުވާ އުފުލުމަށް އޭސީސީ އިންކްރިމިނަލް ކޯޓަށް ހުށަހެޅުމުން އެމައްސަލައާ ގުޅިގެން ދައުވާ އުފުލައިފައި ވަނީ މިދިޔަ އަހަރުގެ ތެރޭގައެވެ.

 

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. Anonymous

    މި ސަރުކާރު ރުއްސަވައިގަތް މީހަކަށް ވެއްޖެއްޔާ އެމީހަކަށް އެއްވެސްކުށެއް ދަޢުވާއެއް ތަހުގީގެއް ހުކުމެއްވިޔަސް ކުރުމެއް ނެތެވެ. އާދައިގެ ނިކަމތި މީހާޔަށް ޢެއްމެ ކެޔޮވަކެއް ވަގަށްނަގައިފި ކަމުގާވިޔަސް ބޮޑެތި ހުކުމްކޮށް ޖަލަށްގަޅާލާފައި އެތިބީ، މިއީތޯ އިންސާފަކީ، ސަދޫމު ޝަރީޢަތް،

    22
    1