ހދ. ކުޅުދުއްފުށީގައި 100 އެނދުގެ ފެންވަރު ރަނގަޅު އާ ހޮސްޕިޓަލެއް އަޅަން ސަރުކާރުން ނިންމައިފިއެވެ.

މިކަން ހާމަވެފައިވަނީ މިދިޔަ ހަފްތާގެ ތެރޭގައި ރާއްޖޭގެ ސިއްހަތާބެހޭ ވަޒީރު، އަބްދުﷲ އަމީން އެރަށަށް ވަޑައިގެން އެ ރަށުގެ އޮންލައިން ނޫހަކަށް ދެއްވި އިންޓަވިއުއެއްގައެވެ. 'ކުޅުދުއްފުށި އޮންލައިން' އަށް މިނިސްޓަރު ދެއްވި އިންޓަވިއުއެއްގައި ވިދާޅުވި ގޮތުން މިއަހަރުގެ ތެރޭގައި ކުޅުދުއްފުށީގައި ޓާޝަރީ ހޮސްޕިޓަލެއް އެޅުމުގެ މަސައްކަތް ފެށުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ.

ކުޅުދުއްފުށީގެ ޓާޝަރީ ހޮސްޕިޓަލުގެ ކުރެހުންތައް ފައިނަލް ކުރުމުގެ މަސައްކަތް މިހަފްތާ ތެރޭ ނިންމާލެވި، އެވޯޑު ކުރެވިގެން ދާނެ ކަމަށާއި، އަދި އެ މަޝްރޫޢު ކުރިއަށް ގެންދިޔުމަށް ސަރުކާރުން މި ހަފްތާގެ ތެރޭގައި ހުޅުވާލާނެ ކަމަށް ސިއްހީ ވަޒީރު އެ ނޫހަށް މަޢުލޫމާތު ދެއްވަމުން ވިދާޅުވިއެވެ. އާ ހޮސްޕިޓަލް އަޅާނެ ބިން އަދި ނިންމާފައި ނުވާ ނަމަވެސް ކުޅުދުއްފުށީގެ މިހާރު ހުރި ހޮސްޕިޓަލުގެ ގޯތި ތެރެއިން އެހެން ނޫނީ އެހެން ސަރަޙައްދަކުން ބިން ހޯދުމަށް މިހާރު އެ އަތޮޅުގެ ކައުންސިލާ މަޝްވަރާ ކުރަމުން ގެންދާ ކަމަށް އަމީން ވިދާޅުވިއެވެ.

އަތޮޅު ތެރޭގެ 5 ސަރަޙައްދެއްގައި ފެންވަރު ރަނގަޅު ހޮސްޕިޓަލް އެޅުމުގެ ސިޔާސަތުގެ ދަށުން ސަރުކާރުން ކުޅުދުއްފުށީގައި އަޅަން ނިންމާފައިވާ އާ ހޮސްޕިޓަލް ވެގެން ދާނީ އެތަނުން އެންމެ ފެންވަރު ރަނގަޅު ހޮސްޕިޓަލަށް ކަމަށް މިނިސްޓަރު ވަނީ މަޢުލޫމާތު ދީފައެވެ. އާ ހޮސްޕިޓަލް ހުޅުވޭއިރު ސިއްހީ ވުޒާރާއިން އެންމެ އިސް ކަމެއްގެ ގޮތުގައި ދެކިގެން ކުރައްވާނެ ކަމަކީ ހޮސްޕިޓަލުގައި މަސައްކަތް ކުރާ ނަރުހުންނާއި، ޑޮކްޓަރުން ދެއްވާ ޙިދުމަތުގެ ފެންވަރު އިތުރަށް ރަނގަޅު ކުރުން ކަމަށް އަމީން ވިދާޅުވިއެވެ.

ކުޅުދުއްފުށީ ހޮސްޕިޓާ ޓާޝަރީ ފެންވަރަށް ހެދުމަކީ ރައީސް ޞާލިޙު އެރަށު ރައްޔިތުންނަށް ވެވަޑައިގަތް ވަޢުދެކެވެ. ޓާޝަރީ ފެންވަރުގެ ހިދުމަތް ދެވިގެން ދާ ނަމަ އެ ރަށުން ކުރިއަށް އޮތް ތާނގައި ރައްޔިތުންނަށް ދިމާވާ ސިއްހީ މައްސަލަތަކުގެ ފަރުވާ، އެކަމާ އެންމެ އެކަށޭނެ ސްޕެޝަލިސްޓު ޑޮކްޓަރުންގެ ބެއްލެވުމުގެ ދަށުން ލިބިގެންދާނެއެވެ. މިއީ ކުޅުދުއްފުށި ކަހަލަ އާބާދީ ބޮޑު ރަށަކަށް ކޮންމެހެންވެސް މުހިއްމު ކަމެކެވެ. މިކަމުގެ ފައިދާ އެ ހިސާބުގައި ދިރިއުޅޭ އެހެން ރަށްރަށުގެ މީހުންނަށްވެސް އެތައް ގޮތަކުން ލިބިގެންދާނެއެވެ.