ސަރުކާރުގެ ކޯލިޝަން ތެރޭގައި ހިމެނޭ އަދާލަތު ޕާޓީން މިނިސްޓަރ އޮފް ޔޫތްސް ސްޕޯޓްސް އެންޑް ކޮމިޔުނިޓީ އެމްޕަވާމަންޓު މިނިސްޓަރ އަހުމަދު މަހުލޫފާ ބައްދަލުކުރައްވައިފިއެވެ.

އަދާލަތު ޕާޓީން އިސްނަގައިގެން ކުރިޔަށްގެންދިޔަ އެ ބައްދަލު ވުމުގައި ވަނީ މޯލްޑިވްސް ޑިމަކްރަސީ ނެޓްވޯކް (އެމްޑީއެން) އިން ދީނަށާއި ރަސޫލާ އަށް ފުރައްސާރަކޮށް ނެރެފައިވާ ރިޕޯޓުގައި ހުރި ކަންކަމާ ގުޅިގެން އުފެދިފައިވާ ކަންބޮޑުވުންތައް ޔޫތް މިނިސްޓަރ މަހުލޫފާ ހިއްސާކޮށްފައެވެ.

އަދާލަތު ޕާޓީން ބުނީ، އެ ޕާޓީން ޔޫތް މިނިސްޓަރާ ބައްދަލުކޮށްފައި ވަނީ ހުރިހާ މަދަނީ ޖަމިއްޔާ ޖަމާތްތަކެއްގެ ބެލެނިވެރި ފަރާތަކީ ޔޫތްމިނިސްޓްރީ ކަމުގައި ވާތީ އެ ޖަމިއްޔާއާ މެދު ފިޔަވޅު އެޅުމަށާއި އެ ޖަމިއްޔާއާ މެދު ހުރި ޝަކުވާތައް ހިއްސާކުރުމަށް ކަމަށެވެ.

އެ ޕާޓީ އިން ވަނީ އެމްޑީއެންގެ މައްސަލަ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ބައްދަލުކުރުމަށްވެސް ނިންމާފައެވެ. އެމްޑީއެން މައްސަލަ އާއި ގުޅިގެން ރައީސް ސޯލިހް ވިދާޅުވެފައި ވަނީ އެއްވެސް ފަރާތަކުން އިސްލާމް ދީނަށް ފުރައްސާރަކުރުން ބަލައި ނުގަނެވޭނެ ކަމަށެވެ. އަދި މިގައުމުގައި އިސްލާމް ދީން ހިމާޔަތް ކުރުން ކަމަށްބުނެ ހަރުކަށި ވިސްނުން ތައް ފަތުރުމަށް ބައެއް ފަރާތްތަކުން މަސައްކަތް ކުރާކަމަށާއި އެފަދަ ކަންކަން ވެސް ބަލައި ނުގަންނާނެ ކަމަށް އެމަނިކުފާނު ވިދާޅުވިިއެވެ.

އެމްޑީއެންގެ ރިޕޯޓާ ގުޅިގެން ރާއްޖޭގެ ދީނީ އިލްމުވެރިންނާއި ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކު އަންނަނީ ނުރުހުން ފާޅު ކުރަމުންނެވެ. އެހެން ނަމަވެސް އެރިޕޯޓުގައި ބުނެފައިވާ ވާހަކަތަކަށް ތާއިދު ކުރާ އަދި މައްސަލައެއް ނެތްކަމަށް ގަބޫލުކުރާ ބަޔަކުވެސް ރާއްޖޭގައި އެބަ ތިއްބެވެ. އެމީހުންގެ އިތުރުން ބޭރުގެ ބައެއް ފަރާތްތަކުން ވެސް އަންނަނީ އިންސާނީ ހައްގުތައް ހިމާޔަތް ކުރާ ބައެއް ކަމަށްބުނެ އެމްޑީއެން އާ އެއްކޮޅަށް ވާހަކަދައްކަަމުންނެވެ.

 

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ބިންތި

    ޝޭޚް އިލްޔާސްމެން ދެން ފޫނެއްފަޔަށް ފެންފުރަން އުޅުއްވާނެ ކަމެއްނެތް. މިއީ ޝޭޚް ބުނި ކީރިތިރަސޫލާގެ ދުޢާފުޅުގައި ވާފަދަ ވެރިއެއްތޯ؟ އަހަރެމެން އޭރުވެސް ޝޭޚްމެން ކައިރީބުނިން މިއީ ކެނެރީގެ ނަޝީދުގެ މޫނުގައި ހޭކި އެހެން ކުލައެކޭ. ހަމަ އެކައްޗެކޭ. ދެން ޖެހޭނީ ހަމަ ހިތިބޭސް ބޯން. ހަމަ ހިތިބޭސް ބޯން.

  2. Anonymous

    އަހަރެމެން މުސްލިމުންނަކީ އެއްވެސް އިރެއްގަ އާދޭސް ކުރި ބައެއްނޫން. އަމަލުން ކަންކަން ކއްފަ ދެއްކީ. ޖަހާލަތު ޕާޓީ އިން އާދޭސް ކުރާތީވެ ހިނި އަންނަނީ