ފެބުރުވަރީ މަހުގެ އެއްވަނަ ދުވަހު ދިވެހިރާއްޖޭގެ ސްޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް ރިޝްވަތު ދީގެން ޝަރުއީ ދާއިރާގެ ތެރެއިން ގެންނަން އުޅުނު ބަޣާވާތް ނާކާމިޔާބު ކޮށްލައި، ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށް ހައްޔަރުކޮށް ތަހްޤީގް ކުރި ފަރާތްތަކުގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ ލިޔެކިޔުންތައް އެ ފަރާތްތަކާ ހަވާލުކޮށް، އެ މައްސަލަތަކުގެ އިބްތިދާއީ އަޑުއެހުންތައް ފަށަން ތައްޔާރުވެއްޖެއެވެ.

"ވަގުތަށް" އެނގިފައިވާ ގޮތުގައި ކުއްލި ހާލަތުގެ ދަށުން ހައްޔަރު ކޮށްފައިވާ 11 މީހަކަށް އެ މީހުންގެ މައްޗަށް ދައުވާ ކުރާ މައްސަލައިގެ ލިޔެކިއުންތައް މިހާރު ހަވާލުކޮށްފައިވާއިރު، އެ ފަރާތްތަކުގެ މައްސަލަތަކުގެ އިބްތިދާއީ އަޑުއެހުންތައް ކުރިއަށް އޮތް ދެ ހަފްތާއެއްހާ ދުވަހުގެ ތެރޭގައި ފެށުމަށް ދަނީ މަސައްކަތް ކުރަމުންނެވެ.

އެބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވަނީ، ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމާއި އެމަނިކުފާނުގެ ދަރިކަލުން ފާރިސް މައުމޫނާއި، ދަނބިދަރިކަލުން މުހައްމަދު ނަދީމާއި، ޖުޑިޝަލް އެޑްމިނިސްޓްރޭޓަ ހަސަން ސައީދާއި، އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި، ސްޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދާއި، ކުރީގެ ސީޕީ އަހުމަދު އަރީފުގެ އިތުރުން ގާސިމް އިބްރާހީމްގެ ދަރިކަލުން އިބްރާހީމް ސިޔާދު ގާސިމާއި، ޖޭޕީގެ ޑެޕިއުޓީ ލީޑަރު އަބްދުﷲ ރިޔާޒާއި، މެންބަރު ޢަބްދުﷲ ސިނާނު އަދި މެންބަރު އިލްހާމް އަޙްމަދެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މެންބަރު ސިނާނު ފިޔަވާ އެހެން ހުރިހާ ބޭފުޅުންނަށް މައްސަލައިގެ ލިޔުންތައް ކްރިމިނަލް ކޯޓުން ހަވާލުކޮށްފައިވަނީ އެ ފަރާތްތައް މިވަގުތު ބަންދުކޮށްފައި ހުރި މާފުށީ ޖަލަށް ގޮސްގެނެވެ. ވަކީލު ނެތީސް ލިއުންތަކާ ހަވާލުވާން އިއުތިރާޒު ކުރެއްވުމުން މެންބަރު ސިނާނުއާ ލިޔުންތައް ހަވާލުކޮށްފައިވަނީ ބަންދުގެ މުއްދަތު އިތުރު ކުރުމަށް ކްރިމިނަލް ކޯޓަށް ހާޒިރު ކުރި ދުވަހު ކޯޓުންނެވެ.

މައްސަލައިގެ އިބްތިދާއީ އަޑުއެހުމުގައި މައްސަލައާއި ގުޅިގެން ހުށަހަޅަން ބޭނުންވާ ހުށަހެޅުންތަކަށް ފުރުޞަތު ލިބިގެންދާއިރު، ދައުވާ ކުރިއަށް ގެންދިއުމާމެދު ގޮތެއް ނިންމާނެއެވެ. ދިވެހިރާއްޖޭގެ ޤާނޫނުލް އުގޫބާތުގައި ބުނެފައިވާގޮތުން މައްސަލައިގެ ދައުވާލިބޭ ފަރާތައް ލިޔެކިޔުންތައް ހަވާލުކުރާތާ 30 ދުވަހުގެ ކުރިން އިބްތިދާއީ އަޑުއެހުންތައް ބޭއްވުނު ނަމަވެސް ދައުވާ ލިބޭ ފަރާތުން އެދިއްޖެ ހާލަތެއްގައި މެނުވީ މައްސަލައެއްގެ ޝަރީއަތް ނުފެށޭނެއެވެ.

މި މައްސަލަތަކުގައި ހިމެނޭ ބައެއް ފަރާތްތަކުގެ މައްޗަށް ނިރުބަވެރިކަމުގެ ދައުވާއާއި، ދައުލަތުގެ މަސައްކަތައް ހުރަސް އެޅުމުގެ ދައުވާ، ހެކި ނައްތާލި ކަމުގެ ދައުވާ، އަދުލު އިންސާފު ގާއިމުކުރުމަށް ހުރަސްއެޅުމުގެ ދައުވާގެ އިތުރުން ރިޝްވަތު ދިނުމުގެ ދައުވާވެސް އުފުލާފައިވާއިރު، މިކަމާ ގުޅިގެން ކްރިމިނަލް ކޯޓުގެ ބަހެއް އަދިވަނީ ލިބޭ ގޮތް ނުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު