ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި މެދު ރާއްޖެތެރެއަށް ބޯކޮށް ވާރެވޭހެނެ ކަމަށް ލަފާކޮށް ނެރުނު ރީނދޫ ސަމާލުގެ މުއްދަތު އިތުރުކޮށްފިއެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާއިން ރީނދޫ ސަމާލު ނެރުނީ މިއަދު 16:00 އިން ފެށިގެން 18:00 އާ ހަމައަށް ކ. އަތޮޅުން ފ. އަތޮޅާ ދެމެދުގެ ރަށްތަކަށެވެ. އެ މުއްދަތުގައި ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެ ކަމަށްވެސް އެ އިދާރާއިން ބުންޏެވެ.

މިއަދު ހެނދުނުވެސް އުތުރުގެ އަތޮޅުތަކަށް އެ އިދާރާއިން ރީނދޫ ސަމާލު ނެރުނެވެ. އެފަހަރު ނެރުނީ ރ. އަތޮޅާ މ. އަތޮޅާ ދެމެދުގެ އަތޮޅުތަކަށެވެ.

ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި އެކި ރަށްރަށަށް ބޯކޮށް ވިއްސާރަކޮށް ފެންބޮޑުވުމުގެ ހާދިސާތައް ދަނީ ދިމާވަމުންނެވެ.

ކުރިއަށް އޮތް 24 ގަޑިއިރަށް އެ އިދާރާއިން މޫސުން ލަފާކޮށްފައިވާ ގޮތަށް ބަލާއިރު ރާއްޖޭގެ އެކިހިސާބަށް ވިއްސާރަކޮށް ގުގުރުން އެކަށީގެންވެއެވެ. އަދި އުތުރާއި މެދުތެރޭ ބައެއް ރަށްތަކަށް ބޯކޮށް ވާރޭ ވެހޭނެކަމަށް ލަފާކުރެވޭ ކަމަށް ބުނެފައިވެއެވެ.

މީގެ އިތުރުން އިރާއި އިރުދެކުނުން ގަޑިއަކު 7 މޭލާއި 17 މޭލާ ދެމެދުގެ ބާރު މިނުގައި ވައި ޖެހޭނެ ކަމަށާއި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލުގެ ބާރުމިނަށް ވައިގަދަވުން އެކަށީގެންވާ ކަމަށް އެ އިދާރާއިން ބުނެއެވެ. އަދި ރާއްޖޭގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވެފައި ވިލާގަނޑުގައި ގަދަވާނެ ކަމަށްވެސް ބުނެފައިވެއެވެ.

 

ކިޔުންތެރިންގެ ހިޔާލު