ޖަޕާނަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި އަނބިކަނބަލުން ފަޒްނާ އަޙްމަދު ރޭ ފުރާވަޑައިގެންފިއެވެ.

ރައީސް އޮފީހުން ވިދާޅުވި ގޮތުގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ޖަޕާނަށް ކުރައްވާ މި ދަތުރުފުޅަކީ ޖަޕާނު ސަރުކާރުގެ ދަޢުވަތަކަށް ކުރައްވާ ރަސްމީ ދަތުރުފުޅެކެވެ. އެ ދަތުރުފުޅަކީ މިމަހުގެ 20 އިން 26 އަށް ކުރައްވާ ދަތުރުފުޅެކެވެ.

ޖަޕާނަކީ އދ. އާއި ބައިނަލްއަޤްވާމީ މުޖުތަމަޢުގެ މުހިންމު ބައިވެރިއަކަށްވުމުން ބައިނަލްއަޤްވާމީ އެކިއެކި މައިދާނުގައި ޖަޕާނުގެ އެހީތެރިކަން ރާއްޖެއަށް ލިބުމުގެ އިތުރުން ރާއްޖެއާ ޖަޕާނަކީ ބައިނަލްއަޤްވާމީ އެކިއެކި ކަންކަމުގައި ގުޅިގެން މަސައްކަތްކުރަމުން އަންނަ ރަހުމަތްތެރި ދެ ޤައުމުވެސް މެއެވެ. ޖަޕާނާއި ރާއްޖެއާ ދެމެދު 14 ނޮވެންބަރު 1967ގައި ސިޔާސީ ގުޅުން ޤާއިމުކުރިފަހުން ވޭތުވެދިޔަ ބައިގަރުނަށްވުރެ ގިނަ އަހަރުވީ މިގުޅުމުގައި ދެޤައުމުން ވަނީ އެކިއެކި ރޮނގުތަކުން މި ގުޅުން އިތުރަށް ބަދަހި ކޮށްފައެވެ.

ވޭތުވެދިޔަ މާޒީގައި ޖަޕާނުން ރާއްޖެއަށް ވަނީ ގިނަގުނަ އެހީތައް ފޯރުކޮށްދީފައެވެ. ރާއްޖެ ހޯދާފައި ތަރައްޤީގެ ގިނަ ކުރިއެރުން ތަކުގައި ޖަޕާނުގެ ޙިއްޞާ ވަރަށް ބޮޑެވެ. އަދި ޖަޕާނަކީ ތަފާތު އެކި ރޮނގުތަކުން ރާއްޖެއަށް ބޮޑެތި އެހީތައް ފޯރުކޮށްދީފައިވާ ރާއްޖޭގެ އުމްރާނީ، އިޖުތިމާޢީ އަދި އިންސާނީ ވަސީލަތްތަކުގެ ތަރައްޤީގެ މުހިންމު ބައިވެރިއެކެވެ. އެގޮތުން 1980 އިން ފެށިގެން ޖަޕާނުން ރާއްޖެއަށް ފޯރުކޮށްދީފައިވާ އެހީތެރިކަމަށް ބަލާއިރު، ސަރުކާރުގެ ކާނާގެ އެހީގެ ޕްރޮގްރާމުގެ ދަށުން ޖަޕާނުގެ ދީލަތި އެހީތެރިކަން ލިބެމުން ގޮސްފައިވެއެވެ. ރާއްޖޭގެ މަސްވެރިކަމަށް އިންޤިލާބީ ކުރިއެރުމެއް އައިސްފައިވާ އެއް ކަމަކީ މަސްދޯނިފަހަރުގައި އިންޖީނު އެޅުންކަމަށްވާއިރު އެކަމަށްވެސް ޖަޕާނު ސަރުކާރުން ވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ. ތަޢުލީމީ ދާއިރާއަށް ބަލާއި މާލެއާ ރާއްޖޭގެ އެކިއަތޮޅު ތަކުގައި ޖަޕާނު ސަރުކާރުގެ އެހީގައި ސްކޫލުތައް ބިނާކުރެވިފައިވެއެވެ. މުވާސަލާތީ ދާއިރާއިން އެކި އަހަރުތަކުގެ މަތިން ގިނަ އެހީތަކެއް ޖަޕާނުން ރާއްޖެއަށް ފޯރުކޮށްދީފައިވެއެވެ. އޭގެތެރޭގައި ޓީ ވީ މޯލްޑިވްސް އުފެދި ކުރިއެރުމުގައި ޖަޕާނު ސަރުކާރުން ލިބުނު އެހީތެރިކަން ފާހަގަކުރެވެއެވެ.

މާލެއާ އަތޮޅުތަކުގައި ޖަޕާނު ސަރުކާރުގެ އެހީގައި ބަނދަރު ތަރައްޤީކުރުމުގާއި ކަނޑުތޮށި ލުމުގެ ގިނަ މަޝްރޫއުތަކެއް ހިންގާފައިވެއެވެ. މީގެ ތެރެއިން ވެސް ވެރިރަށް، މާލޭގެ ހިމާޔަތަށް މާލެ ވަށައިގެން ލާފައިވާ ކަނޑުތޮށްޓަކީ މީގެތެރެއިން ވަކިން ޚާއްޞަކޮށް ފާހަގަކޮށްލެވޭ ޖަޕާނުގެ ދީލަތި އެހީއެކެވެ. ރާއްޖޭގެ ރަށްރަށަށް ކަރަންޓްގެ ޚިދުމަތް ފޯރުކޮށްދިނުމުގައި ވެސް ވޭތުވެ ދިޔަ ދިގު މާޒީގައި ޖަޕާނުން ވަނީ ރާއްޖެއަށް އެތަކެއް އެހީތަކެއް ފޯރުކޮށްދީފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި ވެސް ޖަޕާނުން ރާއްޖެއަށް އެންމެބޮޑަށް އެހީތެރިކަން ފޯރުކޮށްދޭ ދާއިރާތަކުން އިތުރަށް ގުޅުންބަދަހި ކުރެއްވުމަށް މަސައްކަތްކުރައްވާނެއެވެ. އެގޮތުން ޖަޕާނު ސަރުކާރުގެ އިސްފަރާތްތަކާއި އަމިއްލަ ބައެއް ޖަމުޢިއްޔާ ޖަމާޢަތްތަކާ އަދި ކުންފުނިތަކުގެ އިސްވެރިންނާ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވެއެވެ.

ޖަޕާނާއި ރާއްޖެއަކީ ބައެއް ދާއިރާތަކުގައި ވަރަށް އެއްގޮތް ކަންތައްތަކެއް ވެސް ޙިއްޞާކުރާ ދެޤައުމެވެ. އެގޮތުން އެންމެ ޚާއްޞަ އެއް ދާއިރާއަކީ މަސްވެރިކަމުގެ ދާއިރާއެވެ. ޖަޕާނަކީވެސް ފުޅާ ދާއިރާއެއްގައި މަސްވެރިކަންކުރާ ޤައުމަކަށް ވުމުން މަސްވެރިކަމުގެ ދާއިރާއިން ވެސް ޒަމާނުއްސުރެ ޖަޕާނުން އައީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ. ދިވެހިން ޒަމާނުއްސުރެ ބޭނުންކުރަމުން އައި މަސްވެރިކަމުގެ ބައެއް އާލާތްތަކަށް ޒަމާނީ ބަދަލެއް ގެނެސްދިނީ ވެސް ޖަޕާނުގެ އެހީތެރިކަމާއެކުގައެވެ. މިގޮތުން ފައިބަރު ދޮށި ބޭނުންކުރުމާއި މަސްނޫއީ އެން ބޭނުންކުރުން މިއީ ޖަޕާނުގެ އެހީތެރިކަމާއެކު ރާއްޖޭގެ މަސްވެރިކަމުގެ ދާއިރާއަށް ލިބިފައިވާ ކުރިއެރުންތަކެކެވެ. މީގެއިތުރުން ރާއްޖެއިން އެންމެ ގިނައިން ރޯމަހާއި ހިކިމަހުގެ ބާވަތްތައް އެކްސްޕޯޓްކުރާ އެއް ޤައުމަކީވެސް ޖަޕާނެވެ.

 

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

 1. Anonymous

  މިނޫން އެހެންކަމެއްނެތް، ގުޅުން ބަދަހިކުރާ ދަތުރާއި އެހީއާއި ފައިސާގެ ބޮޑުއަދަދެއްލިބިއްޖެނަމުގަ ކޮއްމެ ދަތުރެއް ނިމެނީ، ނަމަވެސް ގައުމަށް ވާފައިދާއެއް ނުފެނި ވަޔަށްދަނީ

  49
  1
 2. ރަސިދު

  އެއް އަހަރު ތެރޭ ރައީސް ޔާ މިނު ނުކުރެވި އޮތް ކަ މެއް އިބޫ ކާމިޔާބުކޮށްފި އެއް މެގިނަ ދަތުރު ތައް ކުރުން ،

  44
 3. ވަހުތާން

  ތިޔަ ކުރާދަތުރު ތަކުން ފައިދާ ކުރަނީ ގައުމަށްތޯ ނޫނީ ޕާޓީ އަށްތޯ، ގައުމު މިދަނީ ދަށަށް! ކައުންސިލް ވޯޓަށް ފައިސާ! ޢަހަރު ވާއިރު ރައްޔިތުން ނަށް ދިމާވެފައި އެހަރަ މައްސަލަ ތަށް ހުރި ގޮތަށް އެހުރީ! ކިތަށް ދަތުރު ކުރެވިއްޖެބާ! ޢަހަރެމެން ބުރަމަސައްކަތުން ހޯދި ފައިސާ ތަޅާބުރުވަނީ! ޙަވާލު ކުރި މަސްއޫލިއްޔަތު އަދާކުރަނީ ކިހާވަރަކަށްތޯ ބަލަން އިސްކޮށްފަ އެހެރީ ދެބަންދިހާރައެއް!

  27
 4. ކިނބޫ

  ކޮން ތަނެއްގެ ރައީސެއްގެ ދެކަނބަލުންނެއްތަ ޖަޕާނަށް ފުރީ؟ ދިވެހިރާއްޖޭގަ ރައީސަކު ހުންނަކަން ނޭނގޭތީ އަހާލީ.

  25
 5. މުޙައްމަދު ރަފީޢު

  މިއީ ބޮޑުގެރި ބޭރަށް ހިނގާހެން ދަތުރުކުރަން އައި ސަރުކާރެއްތަ، ބަޖެޓް ހުސްވަނީ ދަތުރުތަކަށް ޚަރަދުކޮށް، މިމީހުންގެ ވިސްނުން މިހިރީ މިސަކަރާތެއް ޖަހައި ގައުމު ދޮވެލަން