ވަގަށް ނަގާފައިވާ ފޯނަކާއެކު 28 އަހަރުގެ ފިރިހެނަކު ހައްޔަރު ކޮށްފި އެވެ.

ފުލުހުން މިއަދު ވިދާޅުވެފައި ވަނީ ފުލުންނަށް އެ ފޯނު ހޯދިފައިވަނީ މިއަދު ފަތިހު 05:20 އެހާކަށްހާއިރު ކަމަށެވެ.

ސެމްސަންގް ބްރޭންޑުގެ އެ ފޯނު ހޯދާފައިވަނީ މާފަންނު ޕޮލިސް ސްޓޭޝަނުގައި މަސައްކަތް ކުރާ ފުލުހުންނެވެ.

ފުލުހުން އެ މައްސަލައާ ގުޅިގެން ކުރެއްވި ޓުވީޓުގައި ވިދާޅުވެފައި ވަނީ ފޯނު ހޯދާފައިވަނީ ވިޔަފާރިވެރިންގެ މިސްކިތް ކައިރިން ފެނުނު ދިވެހި ފިރިހެނެއްގެ ޢަމަލުތައް ހުރި ގޮތުން ޝައްކު ކުރެވިގެން އޭނާ ހުއްޓުވައި، ބަލައި ފާސްކުރުމުގެ ތެރޭގައި ކަމަށެވެ.

ވަގަށް ނަގާފައިވާ ފޯނަކާއެކު ފެނުނު ފިރިހެން މީހާ މިހާރު ހުރީ ފުލުހުންގެ ބެލުމުގެ ދަށުގައި ކަމަށްވެސް ފުލުހުން ވިދާޅުއެވެ.

މިފަހަކަށް އައިސް، ފުލުހުން އަންނަނީ ގެއްލިގެން/ ވަގަށް ނަގައިގެން ރައްޔިތުން ރިޕޯޓު ކޮށްފައިވާ ގިނަ އަދަދެއްގެ ތަކެތި ހޯދުމަށްފަހު އެތަކެތީގެ ވެރިފަރާތްތަކަށް ހަވާލުކުރުމަށްފަހު، އެ މަޢުލޫމާތު ހިއްސާ ކުރުމުން ނެވެ.