ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން ފަށާފައިވާ މަސައްކަތުގެ ތެރެއިން އަލުން ރީ ރެޖިސްޓްރީ ވުމަށް އެތަށް ހާސްަ ބިދޭސީންނެއް އަނެއްކާވެސް ގަލޮޅު ދަނޑު ފުރާލައިފި އެވެ.

އިކޮނޮމިކް މިނިސްޓްރީން ބުނީ ރެގިއުލޭޝަންސް ޕްރޮގްރާމްގެ ދަށުން ރެގިއުލައިޒްވުމަށް ބިދޭސީންނަށް ކިޔު ނަންބަރު ދޫކުރުން ކޮންމެ ހޮނިހިރު ދުވަހެއްގައި ގަލޮޅު ދަނޑުގައި ކުރިއަށް ގެންދިޔުމަށް ނިންމާފައިވާ ކަމަށެވެ. ނަމަވެސް މިދިޔަ ހޮނިހިރު ދުވަހު މި ޕްރޮގްރާމް ކުރިއަށް ގެންގޮސްފައިނުވެ އެވެ.

މިއަދު ހެނދުނު 7:30 ހާއިރު އިކޮނޮމިކް މިނިސްޓްރީން ބިދޭސީން އަލުން ރެޖިސްޓްރީ ވުމަށް ކިޔު ނަންބަރު ދޫކުރުމަށް ފަށާފައިވާއިރު، ރެއިއްސުރެން ގަލޮޅު ދަނޑު ކައިރީ އެތަށް ސަތޭކަ ބިދޭސީންނެއް ވަނީ ކިޔޫ ހަދާފަ އެވެ.

ސަރުކާރުން ވަނީ ބިދޭސީންގެ މައްސަލަ ހައްލު ކުރަން "ނެޝަނަލް ޓާސްކްފޯސް އޮން އިޝޫސް ރިލޭޓެޑް ޓު މައިގްރެންޓް ވޯކާސް" ގެ ނަމުގައި ޓާސްކްފޯހެއް އުފައްދާފަ އެވެ. ބިދޭސީންގެ މައްސަލަ ހައްލު ކުރަން އެ ޓާސްކް ފޯސް އިން އެޅި އެއް ފިޔަވަޅަކީ ބަންގްލަދޭޝް އިން ލޭބަރުން ގެނައުން އެއް އަހަރު ދުވަހަށް ސަސްޕެންޑް ކުރުމެވެ. އަދި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން އަލުން ރެޖިސްޓަރީވާން ވަނީ ފުރުސަތު ހުޅުވާލުމެވެ.

ސަރުކާރުން ހުޅުވާލާފައިވާ މި ޕްރޮގްރާމްގައި ކުރިން ނަމްބަރ ދޫކުރަމުން އައިސްފައިވަނީ ސިވިލް ސާވިސް ކޮމިޝަން ހުންނަ އިމާރާތުގައި ގާއިމްކޮށްފައިވާ އިކޮނޮމިކް މިނިސްޓްރީގެ ރެގިއުލަރައިޒޭޝަން ޔުނިޓްގައެވެ. މިކަމަށް ކޮންމެ ދުވަހަކު އެ މިނިސްޓްރީން ދޫކުރަމުން އައީ 150 ނަންބަރެވެ. މި ޕްރޮގަރާމް އެތަނުގައި ކުރިއަށް ދިޔަ އިރު ރޭގަނޑު ނުނިދާ، ވެހޭ ވާރޭގައި ވެސް ބައެއް ބިދޭސީން ކިޔު ހަދައިގެން ތިބި މަންޒަރު ފެނިފައިވެ އެވެ.

މި ޕްރޮގްރާމް ގަލޮޅު ދަނޑަށް ބަދަލުކޮށްފައިވަނީ މީގެ ކުރިން ސިވިލް ސާވިސް ކޮމިޝަންގެ އިމާރާތު ބޭރުގައި ގިނަ އަދަދެއްގެ ބިދޭސީން ރޭގަނޑު އަދި ދަންވަރު ގަޑީގައި ވެހޭ ވާރެއާއި ޖެހިގެން ކިޔު ހަދައިގެން ތިބޭ މައްސަލަ މީސް މީޑިއާގައި ފެންމަތިވެފައިވަނިކޮށެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

 1. ސަހާ

  ތިޔަޓާސްކް ފޯހަކީވެސް ގާނޫނުގެ ތެރެއަށް ވައްދަން ޖެހޭ ތަނެއް!

 2. ޢަލީ

  ރައީސް އިބޫގެ 1 ވަޢުދު، ދަނޑުތައް ފުރާލުން، އެވަޢުދު ފުދުނީ އަލްޙަމްދުދިއްލާހި

 3. މޯދީ

  މަޖިލީހުގަ ތި އެއްލައްކަ މީހުން ތަމްސީލުކުރަން ދުންޔާ މައުމޫނުގެ ފިރިސޮރު ޚާއްސަ މެމްބަރެއްގެ ގޮތުގަ އެސައިންކުރުން ވަރަށް މުހިއްމު!

 4. Anonymous

  ޖަލުގައިވެސް ކުއްވެރިން ގިނަވީމާ ގާނޫނީ އިމުގެ ތެރެއަށް ވަނުމަށް ނޫނީ ރަނގަޅު ވުމަށް