ޝަރުއީ މަރުހަލާ ނިމުމުން ހދ. ކުޅުދުއްފުށީ އެއާޕޯޓު ސަރަހައްދުގައި ހުރި ދެ އިމާރާތް ތަޅާލައިފި އެވެ.

މި ދެ އިމާރާތް ތަޅާލުން ލަސްވެގެން ދިޔައީ އިމާރާތުގެ ވެރިފަރާތުން ސަރުކާރުން ބަދަލު ދީފައިނުވާ ކަމަށްބުނެ ކޯޓަށް ހުށަހެޅި މައްސަލަ ނުނިމޭތީ އެވެ.

ކުޅުދުއްފުށީ އެއާޕޯޓު ތަރައްގީކޮށްފައިވާ ސަރަހައްދުގައި ޖުމްލަ 18 ގެއެއް ހުރި އިރު، އެ ގެ ތަކުގައި ދިރިއުޅޭ މީހުންނަށް ސަރުކާރުން ބަދަލު ދިނުމަށްފަހު އެގެތައް ހުސްކުރަން އަންގާފައިވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަސްތެރޭގައެވެ. ނަމަވެސް ދެ ގެއެއްގެ މައްސަލަ ވަނީ ކޯޓަށް ހުށަހަޅާފަ އެވެ.

ކޯޓުގެ މައްސަލަ ސަރުކާރާ އެއްކޮޅަށް ނިމުމާއެކު މި ދެ ގެ ކަމަށްވާ، ޑޭޒީ ވިލާ އާއި ކުލަވަރު ތަލާލުމަށްފަހު އެ ސަރހައްދު ސާފު ކުރުމުގެ މަސައްކަތް އެއާޕޯޓް އެޅުމަށް ހަވާލު ކޮށްފައިވާ އެމްޓީސީސީން ދަނީ ކުރަމުންނެވެ. އަދި މި ސަރަހައްދު ސާފްކޮށް ނިމުމާއެކެ ފެންސް ޖެހުމުގެ މަސައްކަތް ކުރިއަށް ދާނެ ކަމަށް އެކުންފުނިން ވަނީ ބުނެފަ އެވެ.

ރައީސް އަބްދުﷲ ޔާމިންގެ ސަރުކާރުގައި ކުޅުދުއްފުށީގައި ތަރައްގީކުރި މި އެއާޕޯޓު ރަސްމީކޮށް ހުޅުވި ނަމަވެސް މި އެއާޕޯޓުގައި ނިމިފައިހުރީ ހަމައެކަނި ރަންވޭގެ މަސައްކަތެވެ.

ކުޅުދުއްފުށީގައި އެއާޕޯޓެއް ހެދުމަށްފަހު އެތަނަށް ފްލައިޓް ޖެއްސުން ލަސްވުމުން އެރަށުގެ ބައެއް މީހުން ވަނީ އެއާޕޯޓްގެ ރަންވޭ ކަސްރަތު ކުރާ ޓްރެކެއްގެ ގޮތުގައި ވެސް މީގެކުރިން ބޭނުންކޮށްފަ އެވެ.

ކުޅުދުއްފުށީ އެއާޕޯޓުގައި ޓާމިނަލާއި އެހެނިހެން މަސައްކަތްވެސް ނިމިފައިނުވާޢިރު އެއާޕޯޓުގައި އެއާ ޓްރެފިކް ކޮންޓްރޯލް ޓަވަރެއް ވެސް މިހާތަނަށް ގާއިމުކުރެވިފައެއް ނުވެ އެވެ. އެހެން ކަމުން އެއާޕޯޓަށް ރޭގަނޑު ފްލައިޓެއް ނުޖެއްސެ އެވެ.

ޤައުމީ އެއާލައިންގެ ޚިދުމަތް މިވަގުތު ދެމުން އަންނަ މި އެއާޕޯޓުގެ މަސައްކަތް ވަރަށް އަވަހަށް ނިންމާލާނެ ކަމަށް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން ގެ ސްޓޭޓް މިނިސްޓަރު އަހްމަދު ޒުހައިރު ވަނީ މީގެ ކުރިން ވިދާޅުވެފަ އެވެ.