އޮރިޔާންކާޑު އުފެއްދުމާއި، ޖިންސީ ޢަމަލު ހިންގުމަށް ބޭނުންކުރާ ގިނަ އަދަދެއްގެ ތަކެތި ދިވެހިރާއްޖޭގެ ކަސްޓަމްސްގެ ބެލުމުގެ ދަށުން ނައްތާލައިފިއެވެ.

މިކަން ހާމަކޮށްފައިވަނީ މޯލްޑިވްސް ކަސްޓަމްސް ސާވިސްގެ ފަރާތުން މިއަދު ނެރުއްވާފައިވާ ޚަބަރެއްގައެވެ. ކަސްޓަމްސް އިން މަޢުލޫމާތު ދިން ގޮތުގައި އޮރިޔާންކާޑު އުފެއްދުމަށް ބޭނުންކުރެވިދާނެ 843 ބާވަތުގެ ތަކެތި ވަނީ ނައްތާލާފައެވެ. އަދި ޖިންސީ ޢަމަލު ހިންގުމުގެ ބޭނުންތަކަށް ބޭނުންކުރާ "ޑިލޭ ސްޕްރޭ" އާއި "ޑިލޭ ކްރީމް" ގެ 949 ފުޅިވެސް ނައްތާލެވިފައިވެއެވެ.

އެތަކެތި ނައްތާލާފައިވަނީ 17 އޮކްޓޯބަރު ވަނަ ދުވަހު ކަސްޓަމްސްގެ އޮފިޝަލުންނާއި، މީޑިއާގެ ހާޒިރުގައި، ތިލަފުށީ ސައިޓުގައި ކަމަށް އެފަރާތުން މަޢުލޫމާތު ދީފައިވެއެވެ. އެދުވަހު ތިލަފުށީގައި ނައްތާލެވުނު ބައެއް އެހެން ބާވަތްތަކަށް ބަލާއިރު މަސްތުވުމަށް ބޭނުންކުރާ 833 ލީޓަރުގެ ބަނގުރާ ވެސް ވަނީ ނައްތާލާފައެވެ. އަދި 13،208 ބޭސް ގުޅަވެސް ނައްތާލާފައިވެއެވެ.

ކަސްޓަމްސްގެ ޚަބަރުގައިވާ ގޮތުން ނައްތާލެވިފައިވާ ތަކެތީގެ ތެރޭގައި ހިމެނެނީ ބޮންޑެޑް ގުދަންތަކުގައި ހުންނަ ތަކެތީގެ ތެރެއިން މުއްދަތު ހަމަވެ، އެހެން ނޫނީ ހަލާކުވުމުގެ ސަބަބުން ކަސްޓަމްސްގެ ގަވާއިދުގައިވާ މަތިން ނައްތާލެވުނު ތަކެއްޗާއި، ރާއްޖެއަށް އެތެރެކުރަނިކޮށް ހިފެހެއްޓޭ މަނާތަކެތި ނައްތާލުމުގައި ޢަމަލުކުރަމުންދާ އުސޫލުގެ ދަށުން ނައްތާލެވިފައިވާ ތަކެއްޗެވެ.

ދިވެހިރާއްޖެއަށް ޕޯސްޓު މެދުވެރިކޮށް އޮންލައިންކޮށް އޮރިޔާންކާޑު އުފެއްދުމާއި، ޖިންސީ ޢަމަލް ހިންގުމަށް ބޭނުންކުރާ ޒާތުގެ ސާމާނު ގިނަ އަދަދަކަށް އެތެރެވާ ކަމުގެ ތުހުމަތު ރައްޔިތުން ކުރަމުންދާތާ މިހާރު އަހަރުތަކެއް ވެއްޖެއެވެ. އޭގެ ތެރޭގައި ގިނައިން ހިމެނެނީ ރާއްޖޭގެ ޤާނޫނުތަކާއި، އާއްމު އިޖުތިމާޢީ މިންގަނޑުތަކާވެސް ޙިލާފު އެއްޗެހިތަކެވެ.