މިދިޔަ ސަރުކާރުން ދެ ކުންފުންޏަކަށް ވިއްކާލައިފައި ވަނިކޮށް ވަރުވާއަށް ރަށް ނަގައިގެން އުޅުނު ފަރާތުން ގަވައިދާ ހިލާފަށް ގެސްޓު ހައުސް ވިޔަފާރި ކުރަމުން ގެންދަނިކޮށް އެމައްސަލަ ފެންމަތިވެ ރަށް ބެލެހެއްޓުމަށް ފުލުހުންނާ ހަވާލުކޮށްފައިވާ ކަމަށް ޓުއަރިޒަމް މިނިސްޓްރީ އިން ބުނެފިއެވެ.

ޓުއަރިޒަމް މިނިސްޓްރީގައި މިހާރު ކުރިޔަށް ދާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަމުން މިނިސްޓަރ އަލީ ވަހީދު ވިދާޅުވީ އެރަށަށް ފަތުރުވެރިން ގެނެސް ވިޔަފާރި ކުރަމުންދާ ހަބަރާ އެކު ފުލުހުންނާއި، ޓުއަރިޒަމް މިނިސްޓްރީ ގެ ޓީމެއް އެރަށަށް މިއަދު ފޮނުވައިފައިވާ ކަމަށެވެ. އަދި ބެލި ބެލުމުން ދެ ބިދޭސީންނާއެކު އެރަށުގައި ފަތުރުވެރިން ގެންގުޅެފައިވާ ކަމުގެ ބައެއް ހެއްކާއި، ލިޔެކިއުން ފެނިފައިވާކަމަށް މިނިސްޓަރ ފާހަގަ ކުރެއްވިއެވެ.

"އެރަށަށް ގޮސް މިހާތަނަށް ބެލި ބެލުމުން ގާނޫނާ ހިލާފަށް ޓުއަރިސްޓުންނަށް ހިދުމަތް ދެމުން ގެންގޮސްފައިވާކަން ވަނީ ފާހަގަކުރެވިފައި. ޓުއަރިސްޓުންނަށް ހިދުމަތް ދީފައިވާކަން އެނގޭނެ ރިކޯޑުތަކާއި، އެހެނިހެން ތަކެތި ހުރިކަން މިހާތަނަށް ވަނީ ފާހަގަ ކުރެވިފައި. އަދި އެ ރިކޯޑުތަކުން އަޅުގަނޑުމެންނަށް މިހާރު ވަނީ މައުލޫމާތު އެއްކުރެވިފައި." މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ އަލީ ވަހީދު ވިދާޅުވީ މިއަދުން ފެށިގެން އެ މިނިސްޓްރީ އިން ވަކި ގޮތެއް ނިންމަންދެއް އެރަށް ބެލެހެއްޓުން ވާނީ ފުލުހުންނާ ހަވާލުކޮށްފައި ކަމަށެވެ. އަދި ފުލުހުންގެ ހުއްދަޔާ ނުލައި އެއްވެސް ފަރާތްތަކުން އެރަށަށް އަރައިފައިބައި ނުހެދޭނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މީގެ އިތުރުން މިނިސްޓަރ އަލީ ވަހީދު ވިދާޅުވީ އެރަށުގައި ތިބި މީހުނާއި ތަކެތި ބޭލުމުގެ މަސައްކަތް މިހާރު ކުރެވެމުންދާކަމަށާއި އެރަށް ގެންގުޅެމުން ދިޔަ ފަރާތަށް ރަށް ބެލެހެއްޓުމަށް ދީފައިވާ ފަހު ވަގުތަކީ މާދަމާ އިރު އޮއްސި 6:00 ކަމަށެވެ.

މިނިސްޓަރ ވިދާޅުވީ އެރަށުގައި މިހާދުވަހު ގެސްޓުހައުސް ވިޔަފާރި ކުރަމުން ދިޔައީ ގާނޫނާއި ހިލާފަށް ކަމަށެވެ. އަދި އެފަދަ އެއްވެސް މުއާމަލާތެއް ކުރުމަށް ލައިސަންސް ދީފައި ނުވާނޭ ކަން އޭނާ ފާހގަކުރެއްވިއެވެ. އަދި އެރަށުގައި ޓުއަރިޒަމް ވިޔަފާރި ކުރަމުން ދިޔަ ފަރާތުގެ މައްސަލަ ބަލައި ގާނޫނީ ގޮތުން އަޅަންޖެހޭ ފިޔަވަޅު އަޅާނެ ކަމަށް މިނިސްޓަރ އަލީ ވަހީދު ވަނީ ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ޟމ

    މިޤައުމު އެބަ ބެލެއްޓޭ ނޫންތޯ؟ސަރުކާރަށް ނޭގި ފަޅުރައްތަކުގަ ރިސޯޓް ހަދައިގެން ވިޔަފާރި ކުރަމުން ދިޔައިރު ނޭގުނު، ދެން މިޤައުމުގެ ސަލާމަތާއިމެދު ރައްޔިތުންނަށް ކިހާ ޔަޤީންކަމެއް ސަރުކާރަށް ދެވޭނެބާ؟

  2. ޠަމް

    މި ސަރުކާރުގެ ނާގާބުކަން. ވާއެއް ނުވާއެއް ނޭނގޭ ހާލަތުގައި ގައުމު

    21
  3. ޥ

    މިއީ ކިހާހިސާބެއްބާ؟

    9
    2
  4. ާޒ

    އދ

    5
    1
  5. ކިނބޫ

    އުތުރު ޕްރޮވިންސެކޭ ކިޔައިގެން އުޅުނު ގޭންގް ސްޓައިލް އައްޑާއަކުން އުސޫލުތަކާ ޚިލާފަށް 2009 ގައި މ. ހަސްތީ، އަޙްމަދު ޚަލީލަށް ދީފައި އޮތް ތަނެއް ތިތަނަކީ. އޭރުއްސުރެ އެމީހާ އެތަނުގަ ތިމަސައްކަތެއް ކުރޭ. މިހާރު ތިއުޅެނީ އެމީހާއަށް "ބަދަލު" ދޭން ވެގެން. ކޮންހާ ޑްރާމާއެއް ކުޅޭކަށް. ވައްކަން ކުރާނެހާ ގޮތްގޮތް ރާވަނީ ތިޔަ.

    12
  6. ޑޮކުޓަރު

    އަލީވަހީދު ބުރާންތީކީ ނުންތަ އެމްޑީޕީ ކުރިން ސަރުކާރުގަ ސީއެސް އާރުގެ ދަށުން އެވޯޑް ކޮއްފަ އޮތް ރަށެއް ޔާމީން ސަރުކާރުގަ ދެބަޔަކައް ވިއްކާލީ ދެން ތި ކިޔަނީ ފަޅޮލޭތަ؟؟

    2
    1