ލިބިފައިވާ ޖިންސީ އަނިޔާތަކަށް އައިޖީއެމްއެޗުގައި ފަރުވާ ދެމުން ދަނިކޮށް ނިޔާވި، ގދ. ތިނަދޫ ތޭންކު ޒިޔާދާ ނައީމްގެ މަރުގެ މައްސަލައިގައި އޭނާގެ ފިރިމީހާ، އެރަށު ޖަވާހިރުމާގޭ ދެކުނުބައި އިބްރާހީމް ޝާހުގެ މައްޗަށް އުފުލި ދައުވާގެ އިސްތިއުނާފީ އަޑުއެހުންތައް އާއްމުކޮށް ހުޅުވާލައިގެން ކުރިއަށް ނުގެންދިއުމަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ހައިކޯޓުގައި އެދިއްޖެއެވެ.

އިސްތިއުނާފުގެ އަޑުއެހުންތައް މިއަދު ހައި ކޯޓުގައި ތާވަލު ކޮށްފައިވާއިރު، މި މައްސަލަ އާންމުންނަށް ހުޅުވާނުލާ ކުރިޔަށް ގެންދިޔުމަށް ޕީޖީއިން ނިންމާފައި ވަނީ މި މައްސަލާގައި ހެކިބަސްދޭ ފަރާތްތަކުގެ މަސްލަހަތު ހިފެހެއްޓުމަށާއި، ޒިޔާދާގެ ޒާތީ ދިރުއުޅުމައި ބެހޭ ވަރަށް ޒާތީ ވާހަކަތައް އެކުލެވުމުގެ އިތުރުން ނައީމާގެ ތިން ދަރިންނަށް ރިޔާއަތްކޮށް، ހެކިވެރިން ހެކި ދިނުމުގައި އެއްވެސެ ނުފޫޒެއް ނެތި ހެކިބަސް ދެވޭނޭކަން ކަށަވަރުކުރުމަށް ކަމުގައި ޔަގީން ކުރުމަށް ކަމަށް ޕީޖީން ބުނެފައިވެއެވެ.

ކްރިމިނަލް ކޯޓުން މިދިޔަ މާޗު މަހު ހުކުމް ކޮށްފައި ވަނީ ޝާހުގެ މައްޗަށް އުފުލި ހަތަރު ދައުވާ ވެސް ސާބިތު ނުވާ ކަމަށެވެ. އެ ހަތަރު ދައުވާއަކީ ފިރިމީހާ އަނބިމީހާ ރޭޕްކުރި ކަމުގެ ދައުވާ އާއި މީހަކު މަރުވެ ދިޔުމުގެ ފަރުވާކުޑަ އަމަލެއް ކުރުމުގެ ދައުވާ އަދި މީހަކު މަރުވެދިއުމުގެ އިހުމާލުގެ އަމަލެއް ކުރުމުގެ ދައުވާ އާއި އޮރިޔާން ކާޑް ގެންގުޅުމުގެ ދައުވާ އެވެ.

ބަދުއަހުލާގީ މައްސަލަތަކުގެ ޝަރީއަތްތައް ކުރިމިނަލް ކޯޓުގައި އާންމުކޮށް ސިއްރު ކުރެ އެވެ. އަނިޔާ ލިބުނު މީހާގެ މަސްލަހަތު ރައްކާތެރި ކުރަން ނުވަތަ މުޖްތަމައުގެ އާންމު އިޖްތިމާއީ މިންގަނޑު ހިފެހެއްޓުމަށް ޝަރީއަތްތައް ސިއްރުކުރުމުގެ ބާރު ކޯޓުތަކަށް ދީފައިވެ އެވެ.

ޒިޔާދާގެ މަރުގެ މައްސަލަ ތަހުގީގުކުރުމަށްފަހު ފުލުހުން ވިދާޅުވެފައި ވަނީ، ޒިޔާދާގެ މައްސަލާގައި ތަހުގީގަށް ލިބިފައިވާ މައުލޫމާތަށް ބަލާއިރު ޒިޔާދާއާ މެދު ޝާހު ގަދަކަމުން ޖިންސީ އަދި ޖިސްމާނީ އަނިޔާ ކުރިކަން އެނގިފައިވާ ކަމަށެވެ. މިކަން އެގިފައި ވަނީ ފުލުހުން ހެދި ޕޯސްޓްމޯޓެމް ޕްރިލިމިނަރީ ރިޕޯޓްގައި ޒިޔާދާގެ ހަށިގަނޑުގެ އެކި ގުނަވަންތަކަށް އަނިޔާ ލިބިފައި ހުރިކަން ފާހަގަކޮށްފައިވާ އިރު އޭނާގެ ކަނާއަތުގެ މުލަށްދަޑިއާއި ވައަތުގެ މުލައްދަޑީގައިވެސް އަނިޔާލިބިފައި ހުރިކަމުގެ ނިޝަންތަކެއް ހުރިކަަމަށާއި ބޮލުގެ އަރިމަތިން ފަަހަތަށްވާގޮތަށް ވެސް އަނިޔާގެ ނިޝާނެއް ހުރި ކަން ފެންނަން ހުރުމުންނެވެ.

މީގެ އިތުރުން ޝާހު ޒިޔާދާއަށް ޖިންސީ އަނިޔާ އެގޮތަށް ކޮށްފައިވަނީ ދެމަފިރިން އެކުގައި ދިރިއުޅެމުން ދަނިކޮށް ކަންވެސް އެނގިފައިވެއެވެ.

މި މައްސަލާގައި ޝާހު ވަނީ ހައްޔަރުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ފުއާދު

    ގަސްތުގައި ވަޅިން ހަމަލާ ދީ މީހުން މަރާލީމަވެސް މިއައްވުރެ ލުއި ،،

    8
    1
  2. ޒަމާން

    ކީއްވެ ކޮބަ ހަމަހަމަކަން