މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގެ ޑިރެކްޓަރުންގެ ބޯޑަށް ބޭފުޅަކު އައްޔަންކުރުމަށްޓަކައި، ރައްޔިތުންގެ މަޖިލީހަށް ރައީސް މިއަދު ނަންތައް ފޮނުވައިފިއެވެ.

މީރާގެ ޑިރެކްޓަރުންގެ ބޯޑަށް އައްޔަން ކުރާ ނަންތައް ރައީސް މަޖިލީހަށް ފޮނުއްވާފައިވާއިރު ދާދިފަހުން ރައީސް ވަނީ މީރާގެ ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސްސޭޝަނާއި ޑެޕިއުޓީ ޖެނެރަލް އޮފް ޓެކްސްސޭޝަންގެ މަގާމަށް ބޭފުޅުން އައްޔަން ކުރައްވަން ފޮނުއްވާފައެވެ.

ގާނޫނަށް ގެނަވުނު އިސްލާހާއި ގުޅިގެން މީރާގެ ކުރީގެ އިސް މަގާމުތަކުގައި ތިއްބެވި ބޭފުޅުންގެ މަގާމު ވަނީ ގެއްލިފައެވެ. ވީމާ ހުސްވެފައިވާ މަގާމުތަކަށް އިއުލާުކުރުމުން ނަން ފޮނުވާފައި ވަނީ ކޮމިޝަނަރުގެ މަގާމަށާއި ޑެޕިއުޓީ ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމަށެވެ.
ކޮމިޝަނާ އަކަށް އައްޔަން ކުރަން ރައީސް ފޮނުއްވީ ދެ ނަމެކެވެ. އެއީ ފަތުހުﷲ ޖަމީލާއި އިސްމާއީލް ނާޝިދުގެ ނަމެވެ. ފަތުހުﷲ އަކީ މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގެ ކުރީގެ ޑިރެކްޓަރެކެވެ. ނަމަވެސް މިހާރު އޭނާ މަސައްކަތް ކުރައްވަމުން ގެންދަވަނީ ދިރާގުގައެވެ. އިސްމާއީލް ނާޝިދަކީ ކަސްޓަމްސްގެ އެސިސްޓެންޓު ކޮމިޝަނަރެވެ.

މީގެ އިތުރުން ޑެޕިއުޓީ ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމަށް ހަ ބޭފުޅަކު ކުރިމަތިލައްވާފައިވާއިރު، އެ ހަ ބޭފުޅުންގެ ނަންވެސް ރައީސް ވަނީ މަޖިލީހަށް ފޮނުއްވާފައެވެ. އެއީ މުހައްމަދު ސިރާޖު މުނީރާއި އަސްމާ ޝަފީއުއާ އިސްމާއިލް ސާޖިދާއި އަހުމަދު ޝަރީފެވެ. އަދި އޭގެ އިތުރުން އަހުމަދު ވާފިރާއި އަހުމަދު އަގީލްގެ ނަންވެސް ރައީސް ވަނީ މަޖިލީހަށް ފޮނުއްވާފައެވެ.

ރައީސް އޮފީހުން މިއަދު ބުނީ މީރާގެ ޑިރެކްޓަރުންގެ ބޮޑަށް އައްޔަން ކުރާ މެންބަރުންގެ ނަންތައް ރައީސް މަޖިލީހަށް ފޮނުއްވާފައިވާ ކަމަށެވެ. މަގާމުތަކަށް ކުރިމަތިލާފައިވާ ބޭފުޅުންގެ އާއްމުންގެ ހިޔާލު ހޯދަން މަޖިލީހުން މިހާރު ވަނީ ހުޅުވާލައިފައެވެ.

 

 

ކިޔުންތެރިންގެ ހިޔާލު