މަސްތުވާތަކެއްޗާއެކު ރ. ހުޅުދުއްފާރުން ދެމީހަކު ހައްޔަރުކޮށްފިއެވެ.

މި ދެމީހުންވެސް ހައްޔަރުކޮށްފައިވަނީ އިއްޔެ ފުލުހުންގެ އިންޓެލިޖެންސާއި ރ. އުނގޫފާރު ޕޮލިސް ސްޓޭޝަން ގުޅިގެން ހިންގި އޮޕަރޭޝަނުގައި ހުޅުދުއްފާރު ބަނދަރު ސަރަހައްދުންނެވެ. ފުލުހުން މި އޮޕަރޭޝަން ހިންގާފައިވަނި ހުޅުދުއްފާރަށް މަސްތުވާތަކެތި އެތެރެ ކުރަން އުޅޭކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާ ގުޅިގެންނެވެ. މި އޮޕަރޭޝަންގައި ހައްޔަރުކޮށްފައިވަނީ 30 އަހަރުގެ ދިވެހި ފިރިހެނަކާއި 18 އަހަރުން ދަށުގެ ކުޑަކުއްޖެކެވެ.

މި އޮޕަރޭޝަންގައި މި ދެމީހުން ހައްޔަރުކޮށްފައިވަނީ ހުޅުދުއްފާރު ކައިރީ އޮތް ރަށަކުން ފުރައިގެން، ހުޅުދުއްފާރަށް އައި ލޯންޗަކުން ހުޅުދުއްފާރު ބަނދަރަށް މި ދެމީހުން ފޭބުމުންނެވެ. އަދި މި ދެމީހުންގެ އަތުން ވަނީ މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ ބާވަތުގެ އެއްޗެއްހުރި ހަތަރު ރަބަރު ޕެކެޓް ފެނިފައިވެއެވެ.

މި ދެމީހުންވެސް މިހާރު ތިބީ މޯލްޑިވްސް ޕޮލިސް ސާވިސްގެ ބެލުމުގެ ދަށުގައެވެ. އަދި މި މައްސަލަ މިހާރު ގެންދަނީ މޯލްޑިވްސް ޕޮލިސް ސާވިސް އިން ތަހުގީގުކުރަމުންނެވެ.

މޯލްޑިވްސް ޕޮލިސް ސާވިސް އާއި، ޕޮލިސް އިންޓެލިޖެންސް ގުޅިގެން މި ފަހަކަށް އައިސް މަސްތުވާތަކެއްޗާ ދެކޮޅަށް އެތައް އޮޕަރޭޝަންތަކެއް ކުރިޔަށް ގެންދަމުން ދާކަމަށް ފާހަގަކޮށްލެވެއެވެ.

 

ކިޔުންތެރިންގެ ހިޔާލު